އެންމެހައި މުސްލިމުން ޙިއްޞާކުރާ މާތް ދުވަސްވަރެއް

ލިޔުއްވީ: އަލްޙާފިޒް އަޙުމަދު ޒަކީ – އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް

makkah-12-400-x-300

އިސްލާމްދީނުގެ އެހެން ފަރުޟުތަކާއި ޚިލާފަށް ޙައްޖަކީ ވަކިތަނެއްގައި ވަކި ބިމެއްގައި އަދާކުރަންޖެހޭ އަޅުކަމެކެވެ. އެއީ މިއަޅުކަމަށް ކަނޑައަޅުއްވާ ޚާއްޞަ މަޝާޢިރު ތަކެކެވެ. ޢަރަފާތުގެ ބިމެވެ. ގެފުޅުގެ ވަށައިގެންވާ މަޠާފެވެ. ޞަފާއާއި މަރުވާއާއި ދެމެދުގައިވާ މަސްޢާއެވެ. މުޒްދަލިފާއާއި މިނާއެވެ. ކަންއޮތީ މިހެންކަމުގައި ވިޔަސް ޙައްޖުވެރިން ފިޔަވައި ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އެތައް ސަތޭކަ މިލިއަން މުސްލިމުންނާ ޙައްޖުގެ އަޅުކަމާއި ދެމެދުގައިވަނީ ވަރަށް ބޮޑު ގުޅުމެކެވެ. ޙައްޖުގެ ދުވަސްވަރަކީ އެންމެހައި މުސްލިމުންނަށް ލައްވާފައިއޮތް މާތް ދުވަސްވަރެކެވެ. އެދުވަސްކޮޅުގެ ތެރޭގައި ކުރެވޭ ހެޔޮކަންތަކުގެ ޘަވާބު އިތުރުކޮށް ދެއްވައެވެ. ޙައްޖުވެރިން ޢަރަފާތު ބިމުގައި ތިބޭ ދުވަހު އެބައިމީހުން ފިޔަވައި އެހެނިހެން މުސްލިމުން ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެއްކަމުގައި ލައްވާފައިވެއެވެ. އަދި މީގެ އިތުރުން ޢަރަފާތު ދުވަހުގެ ފަތިސްނަމާދު ވަގުތުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ތިންވަނަ ދުވަހުގެ އަޞްރު ނަމާދާއި ދެމެދުގައި ކުރެވޭ ހުރިހާ ނަމާދުތަކުގެ ފަހުގައި ތަކުބީރު ކިޔުމަކީވެސް ސުންނަތެއް ކަމުގައި ލައްވާފައިވެއެވެ. މިކަން ކަމުން ދޭހަވަނީ ޙައްޖުގެ ދުވަސްތަކުގެ މާތްކަމަކީ ދުނިޔޭގެ އެތަން މިތާނގައި ދިރިއުޅޭ މުސްލިމުން ޙިއްޞާ ކުރާ މާތް ދުވަސްތަކެއްކަމެވެ.
ޝައްކެއްނެތެވެ. އަޅުގަނޑުމެން މިހާރު ވޭތުކުރަމުން މިދާ ޙައްޖުގެ މާތްދުވަސްވަރު އެންމެހައި މުސްލިމުންގެ ހިތްތަކުގެ ޝުޢޫރުތައްވާނީ ޙައްޖުވެރިންނާއެކުގައެވެ. އެބައިމީހުންގެ ނަފްސުތައް ޙައްޖުވެރިންނާ އަދި ޙައްޖުގެ މަޝާޢިރާ ގުޅިފައިވާނީ ވަރަށް ވަރުގަދަ ރޫޙާނީ ގުޅުމަކުންނެވެ. މިއީވެސް އިސްލާމީ އުއްމަތުގެ އެއްބައެއް ވަންތަކަން ވަރަށް ފުރިހަމަ ގޮތެއްގައި ފާޅުވެގެންދާ ކަމެކެވެ. އެންމެހައި މުސްލިމުންނީ އެއް އުއްމަތެއްގެ އަހުލުވެރި އެއްބަނޑު އެއްބަފާ ބައެއްކަން ހާމަކޮށްދޭ ވަރުގަދަ ދަލީލެކެވެ. އާދޭހެވެ! الله سُبْحَانَهُ وَتَعَالَى ސޫރަތުލް އަންބިޔާގެ 92 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. ” ހަމަކަށަވަރުން މިއީ އެއް އުއްމަތެއް ކަމުގައިވާ ތިޔަބައިމީހުންގެ އުއްމަތެވެ. އަދި ތިމަންالله އީ ތިޔަބައިމީހުން ހައްދަވައި ބޮޑުކުރެއްވި އިލާހެވެ. ފަހެ، ތިޔަބައިމީހުން ތިމަން الله އަށް އަޅުކަން ކުރާހުށިކަމެވެ. ”