ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދޭ ޤައުމީ އިނާމު ދިނުމުގެ ޖަލްސާ އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގެރޭ ބާއްވަވާ ގޮތަށް ހަމަޖައްސައިފި

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ސަރުކާރުން ދެއްވާ ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދިނުމުގެ ޖަލްސާ، އަންނަ ނޮވެމްބަރު މަހުގެ 27ވާ އާދީއްތަ ދުވަހުގެރޭ ބާއްވާ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ. މި ޖަލްސާ އޮންނާނީ، އެރޭ 8.30 ގައި ދަރުބާރުގޭގައެވެ.

ޤައުމީ އިނާމަކީ، ޤައުމާއި މުޖްތަމަޢުގެ ލާބައާއި މަންފާއަށްޓަކައި، ވަކިވަކި ފަރުދުންނާއި، މިނިވަން މުއައްސަސާތަކުންނާއި، މަދަނީ ޖަމްޢިއްޔާތަކުންނާއި، ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، ސަރުކާރުން ދެއްވަމުން ގެންދަވާ އިނާމެކެވެ. ޢާންމު ޚިދްމަތުގެ އިނާމުގެ ނަމުގައި، 1979 ވަނަ އަހަރު ދެއްވަން ފެށްޓެވި އިނާމު، މި ސަރުކާރުން 2009 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެން ދެއްވަމުން ގެންދަވަނީ، ޤައުމީ އިނާމުގެ ނަމުގައެވެ. ޤައުމީ އިނާމަށް ބޭފުޅުން ހޮއްވަވަނީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޢައްޔަން ކުރައްވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

މިއަހަރު ޤައުމީ އިނާމަށް ހުށަހެޅުނު ފަރާތްތަކުގެ ނަންތައް ދިރާސާކޮށް، އިނާމަށް ބޭފުޅުން ހޮވުމުގެ މަސައްކަތް، ޤައުމީ އިނާމާބެހޭ ކޮމިޓީން މިހާރު ގެންދަނީ ކުރަމުންނެވެ. ޤައުމީ އިނާމަށް ނަން ހުށަހެޅުމަށް، އެކޮމިޓީން ހުޅުވާލި މުއްދަތު، ޖުލައި މަހުގެ 31 ވަނަ ދުވަހު ހަމަވިއިރު، 102 ފޯމު ވަނީ ހުށަހަޅާފައެވެ. މި ފޯމުތައް ހުށަހަޅާފައިވަނީ، އިނާމަށް ފުރްޞަތު ހުޅުވާލި 28 ދާއިރާގެ ތެރެއިން 22 ދާއިރާއަކުންނެވެ.

މިދިޔަ އަހަރު ޝަރަފްވެރި ކަމުގެ ޤައުމީ އިނާމު އަރުވާފައިވަނީ 6 ބޭފުޅަކަށެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އަރުވާފައިވަނީ 6 ބޭފުޅަކަށެވެ. އަދި ވަރކްޝޮޕަކަށާއި، ދެކުންފުންޏަކަށެވެ.

ޤައުމީ އިނާމު މީގެކުރިން ދެއްވަނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.