ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކޮމަންވެލްތް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އޮސްޓްރޭލިއާއަށް ކުރައްވާ ދަތުރުފުޅެއް ރޭ ފަށްޓަވައިފި

hep-australia-400-x-266

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ، ކޮމޮންވެލްތް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، އޮސްޓްރޭލިއާއަށް ކުރައްވާ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ ކުރިން، ޚަބަރުފަތުރާ ވަސީލަތްތަކާ، މާލޭ ރަސްމީ ފާލަމުގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން، ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާ ސިޔާސީ ގުޅުން އޮންނަ އެތައް ޤައުމެއްގެ ވެރިންނާ ބައްދަލުވެވަޑައިގަތުމުގެ ފުރުޞަތުވެސް މި ބައްދަލުވުމުގެ ތެރޭގައި ލިބިވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފަނޑިޔާރުން ތަމްރީނު ކުރުމާއި، ކޯޓުތަކާ ގުޅޭ ޤާނޫނުތަކަށް އިޞްލާޙު ގެނައުމުގައި، ކޮމަންވެލްތުން މިހާރުވެސް އެހީތެރިވެދެއްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.

ކޮމަންވެލްތް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުން ޕަރތްގައި ފެށޭނީ އަންން ހުކުރު ދުވަހުއެވެ.