އެންދެރިމާގެ ކައިރީގައި ހުއްޓާ ލަކުޑިބުރިއަކުން ބޮލުގައި ޖަހާ ޒަޚަމްކޮށްލި ކުއްޖާ އަށް އިންސާފު ހޯދުމަށް ގޮވާލައި އެމްޑީޕީން ގަރާރެއް ފާސްކޮށްފި

އިބްރާހީމް ރާމިޒް

hassan-hussain-2

އެންދެރިމާގެ ކައިރީގައި ހުއްޓާ ލަކުޑިބުރިއަކުން ބޮލުގައި ޖަހާ ޒަޚަމްކޮށްލި ކުއްޖާ އަށް އިންސާފު ހޯދުމަށް ގޮވާލައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުން މިއަދު ގަރާރެއް ފާސްކޮށްފިއެވެ.

20 ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް ހުށަހަޅުއްވައި، ހަމަ އެރަށަށް ނިސްބަތްވާ މަޑަވެލި ދާއިރާގެ މުޙަންމަދު ނާޒިމް ތާޢީދު ކުރައްވައި، އެމްޑީޕީ ގައުމީ މަޖިލީހުގެ އިއްތިފާގުން ފާސްކުރި މި ގަރާރުގައިވާ ގޮތުން “އޮކްޓޯބަރު 2011 ވީ ބުރާސްފަތި ދުވަހު މ. އެންދެރިމާގެ ކައިރީގައި ހިނގި ސުލްހަވެރި މުޒާހަރާ އެއް ގައި އުމުރުން އެންމެ 17 އަހަރުގެ ކިޔަވާ ކުއްޖެއް ކަމަށްވާ ގދ.ތިނަދޫ، ސެމީ، ޙުސައިން ޙަސަންގެ ބޮލުގައި ލަކުޑި ބުރި އަކުން ޖަހައި އެ ޒުވާނާގެ ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ޒަޚަމްތަކެއްދީފައިވީ ނަމަވެސް ކަމާއި ބެހޭ އެއް ވެސް މުޥައްސަސާ އަކުން މި އަނިޔާވެރި ޢަމަލު ކުށްވެރިކޮށްފައިނުވާއިރު، މި އަނިޔާވެރި ޢަމަލު ތަޙްޤީގް ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރަމުންދާ މަސައްކަތަށް ޝަރުޢީ ކޯޓުތަކުން ހުރަސް އަޅަމުންދާ ދިއުން، އެ ޒުވާނާ އާއި، އަދި އަޅުގަނޑު ނިޞްބަތްވާ ގދ.އަތޮޅުގެ އެންމެހާ ރައްޔިތުންގެ ނަމުގައި ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.”
އަދި މި އަނިޔާވެރި ޢަމަލުގެ ތަޙްޤީގް އަވަސްކޮށް، މި ހަމަލާގައި އަނިޔާވެފައިވާ ގދ.ތިނަދޫ، ސެމީ، ޙުސައިން ޙަސަން އަށް އިންސާފް ހޯދައިދިނުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް މިއަދު ބޭއްވި ކުއްލި ގައުމީ މަޖިލީހުގެ ޖަލްސާ ގައި ފާސްކުރި މިގަރާރުގައި ގޮވާލާފައިވެއެވެ.

މި ގަރާރު ހުށަހެޅުއްވުމަށް ފަހު، މި މައްސަލައާ މެދު ވާހަކަދެއްކެވުމަށް ރިޔާސަތުން ހުޅުވާލި ފުރުޞަތުގައި ޖުމްލަ 8 މެންބަރަކު ވާހަކަދެއްކެވިއެވެ.

ގަރާރު ހުށަހެޅުމަށް ފަހު ރިޔާސަތުން އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ދެއްކެވި ވާހަކަފުޅުގައި ލަކުޑި ބުރިން ޖަހާ ޒަޚަމްކޮށްލި ކުއްޖާ ސަލާމަތްކުރެވުނީ 4 ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު ކަމަށާއި،. އެކުއްޖާ އަދިވެސް އޮތީ ސީރިއަސް ޙާލަތެއްގައި ކަމުގައެވެ. އަދި މަންޒަރުދުށް ބައެއް ފަރާތްތަކާ ހަވާލާދީ ބައެއް މީހުން ބުނާގޮތުން މިކުއްޖާގެ ބޮލުގައި ލަކުޑިބުރިން ޖެހީ އަލަށް އުފައްދަން މަސައްކަތްކުރާ ޕީޕީއެމްގެ ވަގުތީ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ދަރިކަލުން ޤައްސާން މައުމޫނު ކަމަށް މޫސަ ވިދާޅުވިއެވެ.

މިއަދު މި ބޭއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 97 ވަނަ ޖަލްސާ އެވެ.