ފުލުހުންނަށް ލިބިފައިވާ ގާނޫނީބާރު ބޭނުން ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ގޮވާލައްވައިފި

ފަހަލަސަޢީދު

haruge-25-10-2011-23

ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އިން ފުލުހުންނަށް ލިބިދީފައިވާ ގާނޫނީ ބާރުގެ ބޭނުން ހަމަހަމަކަމާއެކު ވަކިމީހަކު އިސްތިސްނާ ކުރުމެއްނެތި ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ރީކޯމޫސާމަނިކު ފުލުހުންނަށް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ އެމްޑީޕީގެ ގައުމީމަޖިލީހުން ފާސްކޮށްފައިވާ ޝަރުޢީނިޒާމް ހަމަމަގަށް އެޅުވުމުގެ ގަރާރުގެ ދަށުން ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މޫސަ ވިދާޅުވީ ސްޕްރީން ކޯޓުގެ ފަނޑިޔާރަކަށް ވިއަސް އަދި އެނޫން ކޯޓެއްގެ ފަނޑިޔާރަކަށް ވިއަސް ފުލުހުންގެ ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިފައިވާ ގާނޫނީ ބާރު ކަނޑުވާލަން އުޅެފިނަމަ އެބާރު ކަނޑުވާލަން އުޅުނުފަރާތެއް ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް އޮންނާނޭ ކަމުގައެވެ.
މިމޭރުމުން ވާހަކަދައްކަވަމުން މޫސަވިދާޅުވީ އެންދެރިމާގޭ ދޮށަށް ރައްޔިތުން އެއްވުމުގެ ޙައްގު އެބައޮތް ކަމަށާއި، އެ ގެ ހުރިމަގަށް އެއްވި ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަތިޔާރު ބޭނުންކޮށް އެމަގުގައި ތިބި އެއްވެސް ބަޔަކާ ދިމާލަށް އެއްޗެތި އުކުމުގެ އެއްވެސް ޙައްގެއް އެންދެރިމާގެ އަށް ލިބިގެން ނުވާ ކަމަށެވެ.
ނަމަވެސް ނުހަނުފާޅުކަން ބޮޑުކޮށް މ.އެންދެރިމާގޭ ހުރިމަގުގައި ސުލްޙަވެރިކަމާއެކު ޝުޢޫރުފާޅު ކުރަމުންދިޔަ ބައެއްގެ ތެރެއަށް ހިލަޔާ ގަލާ ވަޅިޔާ އުލާ ލަކުޑި ފަދަ ތަކެތި އުކައި 17 އަހަރުގެ ޒުވާނެއްގެ ބޯފަޅާލާ އެޒުވާނާ މަރާހަނގުރާމަކުރަމުންދާ ކަން މޫސަ ފާގަކުރެއްވިއެވެ.
މޫސަވިދާޅުވީ ފަނޑިޔާރުންނަކީ ބާރުގަދަބައެއް ނޫންކަމަށާއި، ރައްޔިތުން ފަނޑިޔާރުން ނަށް ނުދޭބާރެއް ބޭނުންކުރަމުންދާނަމަ ކުރިންވެސް މޫސަ ދެއްވިފަދަ އިންޒާރުގެ ބަސްތައް އަނެއްކާވެސް އަލުންތަކުރާރު ކުރާއްވާނޭ ކަމަށެވެ.
ރައްޔިތުން ބާރު ދޭ މިންވަރަކުން މެނުވީ ޖުޑިޝަރީ އަށް ކަން ކަން ނުކުރެވޭނެކަމަށާއި، ރައްޔިތުން ދީފައިވާ ބާރު ހިތުހުރި ގޮތަކަށް ބޭނުން ކުރާނަމަ ޖުޑިޝަރީއަށް ރައްޔިތުން ކަނޑައަޅާފައިވާ ބަޖެޓުން ޚަރަދުކުރުން ރައްޔިތުންނަށް ހުއްޓުވާލެވިދާނޭކަން ހާމަކުރެއްވިއެވެ.
ނިމިގެން ދިޔަވެރިކަމުގައި ސަރުކާރު ހިންގާ ކެމްޕެއިން އޮފީހަކީ ކުރިމިނަލް ކޯޓުކަން އަބުދުﷲ ގާޒީގެ ބަހުން އެނގެން އޮތް ހިނދު އަދިވެސް އެގޮތަށް ލިސްޓްހަދައިގެން އެމްޑީޕީގެ އިސްވެރިންނާއި މަޖިލިސްގެ މެންބަރުންގެ މައްޗަށް ރާވައިގެން އަނިވެރިވުމުގެ ފުރުޞަތު ދެން ނުދޭނޭ ކަމަށާއި، މިރާއްޖެއިން ގެއްލިފައިވާ ޢަދުލު އިންޞާފް އަނބުރާ ރައްޔިތުންނަށް ފޯރުކޮށްދެއްވާނޭ ކަމުގައިވެސް މޫސަވިދާޅުވިއެވެ.
އެއް މައްސަލައެއްގައި ޙާޟިރު ކުރާ ތިންމީހުންނަށް ތިންގާނޫނަކުން ޢަމަލުކުރާގޮތަށް އޮންނަކަމަށް ވަންޏާ ކޯޓުތަކުގައި ތަޅުއަޅުވަން ރައްޔިތުން ނުކުންނަށް ޖެހިދާނެ ކަމަށް ވެސް ރޭ މޫސަ ވިދާޅުވިއެވެ.