އެމްޑީޕީގެ އިންތިޒާމްކުރުމާ ބެހޭ ކޮމިޓީގެ މުޤައްރިރަކަށް ޒިޔައްޓޭ

އިބްރާހީމް ރާމިޒް

ziyattey

އެމްޑީޕީގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން އިންތިޒާމްކުރުމާ ބެހޭ ކޮމިޓީގެ މުޤައްރިރަކަށް އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީ މުޙައްމަދު ޒިޔާދު (ޒިޔައްޓޭ)ޢައްޔަންކޮށްފިއެވެ.

މިއަދު މެންދުރު އެމްޑީޕީގެ މައި އޮފީހުގައި ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި މުޤައްރިރަކާއި، ނައިބު މުޤައްރިރަކު އައްޔަންކުރުމުގެ އިތުރުން އެ ކޮމިޓީގެ ހިންގާ ގަވައިދު އެކުލަވާލުމުގެ މަސައްކަތް ވީހާ ވެސް އަވަހަށް ކުރުމަށް ނިންމިއެވެ.
11 މީހުން ހިމެނޭ މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށް މިއަދު 7 މެންބަރަކު ހާޒިރުވިއިރު، އެ ކޮމިޓީގެ ނައިބު މުޤައްރިރަކަށް ޢައްޔަންކުރީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޓްރާންސްޕޯޓް ޙަސަން ޝުޖާޢު އެވެ.

އެ ކޮމިޓީގެ ިއފްތިތާޙީ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު މިއަދު ދެއްކެވި ވާހަކަފުޅުގައި، މި ކޮމިޓީ އަކީ ވަރަށް ގިނަ ޒިންމާތަކެއް އުފުލަންޖެހޭ ކޮމިޓީއެއް ކަމަށް ވިދާޅުވިއެވެ. އަދި، ކޮމިޓީއަށް ހޮވިފައިތިއްބެވީ އެފަދަ ކަމަކަށް ވަރަށް ޤާބިލް ބޭފުޅުން ކަން ފާހަގަކުރައްވައި އެ ފަރާތްތަކަށް މަރުހަބާ ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު އެމްޑީޕީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދަވާ އެއް ކަމަކީ ސަރކް ސަމިޓްގެ ތައްޔާރީތައް ކަން ފާހަގަކުރައްވައި، އެ މަސައްކަތުގައި އެމްޑީޕީގެ އިންތިޒާމްކުރުމާ ބެހޭ ކޮމިޓީގެ ފުރިހަމަ އެއްބާރުލުންދިނުމަށް އެދިވަޑައިގެންނެވިއެވެ.

އެމްޑީޕީގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން އެންމެ ފުރަތަމަ އިފްތިތާޙީ ބައްދަލުވުން ބޭއްވީ މީޑިއާ ކޮމިޓީގެއެވެ. އިއްޔެ ހެނދުނު ބޭއްވި އެ ބައްދަލުވުމުގައި ކޮމިޓީގެ ގިނަ ޢަދަދެއްގެ ބޭފުޅުން ހާޒިރުވެވަޑައިގެން ނެތުމުގެ ސަބަބުން އެ ކޮމިޓީގެ މުޤައްރިރަކު ވެސް އަދި ނައިބު މުޤައްރިރަކުވެސް ހޮވާފައެއް ނުވެއެވެ.