ތުރުކީގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ހަމްދަރުދީ ފޮނުއްވައިފި

ތުރުކީގެ އިރުމަތީ ސަރަޙައްދަށް އިއްޔެ އައި ބާރުގަދަ ބިންހެލުމެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެ، މުދަލަށާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި ތުރުކީގެ ބޮޑުވަޒީރު ޠައްޔިބު ޢުރުދުޣާނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމްދަރުދީ ފޮނުއްވައިފިއެވެ.

ބޮޑުވަޒީރު ޢުރުދުޣާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ތުރުކީ ސަރުކާރަށާއި، ރައްޔިތުންނަށާއި، ބޮޑުވަޒީރަށާއި އަދި މި ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި އެދިވަޑައިގެންފައިވެއެވެ.