އިބްރާހީމް ރާމިޒް
ކޮމިޓީތަކުގެ މަސައްކަތާއި މަޖިލިސް ހުއްޓުވަން އިދިކޮޅު ބައެއް މެންބަރުން މަސައްކަތް ކުރަނީ 800 މިލިއަން ޑޮލަރުގެ މައްސަލަ ފޮރުވަން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ވެބްސައިޓަށް މިއަދު މެންދުރު ދެއްވި ބަސްދީ ގަތުމެއްގައި މޫސަ ވިދާޅުވީ އިދިކޮޅު ބައެއް މެންބަރުން މިއަދު މަޖިލިސް ހުއްޓުވައި އެވަރުން ނުވެގެން މަޖިލީހުގެ ކޮމިޓީތަކަށް ވަދެ ކޮމިޓީތަކުގެ މަސައްކަތްތަކަށް ހުރަސް އެޅީ “މިއަދަކީ އެސްޓީއޯގެ ކުރީގެ ބޯޑު މެންބަރުން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް މިއަދު ހާޒިރުކޮށް ސުވާލުކުރަން ހަމަޖެހިފައިވާތީ، އެ މައްސަލައަށް ފަސްއަޅާ ފޮރުވަން ވެގެން.” ކަމަށެވެ.
މޫސަ ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މިފަދަ އަމަލުތަކަކީ ބަލައިގަނެވޭނޭ ޢަމަލުތަކެއް ނޫން ކަމަށާއި، މައުމޫނާއި ޔާމީން އާ މެދު ކުރެވިފައިވާ 800 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ ތުހުމަތުތައް އިންސާފްވެރިކަމާއެކު ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ބަލާނޭ ކަމަށެވެ.
” ކިތަންމެ ވަރަކަށް ހުރަސްއެޅި ނަމަވެސް ކޮމިޓީގެ މަސައްކަތް އަޅުގަނޑުމެން ކުރިޔަށް ގެންދާނަން. ގައުމީ ސަލާމަތޔާ ބެހޭ ކޮމިޓީއަށް އެސްޓީއޯގެ ކުރީގެ ބޯރޑު މެންބަރުން ހާޒިރުކޮށް، ސުވާލުކޮށް، މޯކަމް ކުންފުނި އުފެދުނު ގޮތާއި، އެ ކުންފުންޏާއި ބެހެ މަޢުލޫމާތު ވެސް ސާފުކުރާނަން.” ގައުމީ ސަލާމަތުގެ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ މޫސަ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިކޮޅު ބައެއް މެންބަރުން މިއަދު ވަނީ މަޖިލީހުގައި އެމެންބަރުން ހިމެނިވަޑައިނުގަންނަވާ ކޮމިޓީތަކަށް ވަދެވަޑައިގެން އެ ކޮމިޓީތަކުގެ މަސައްކަތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައެވެ. އެ ގޮތުން އިޤްތިސާދީ ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދަށް ވަނީ އެ ކޮމިޓީގެ ބައްދަލުވުމަކަށް ވަދެވަޑައިގަތުމުން ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި ކޮންމެވެސް ވަރަކަށް އަނިޔާވެފައެވެ.