ރާއްޖޭގައި ފަންނީ މީހުން ބިނާކުރުމުގެ މަސައްކަތް ފެށުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއްކަންތައް – އެމްޑީޕީގެ ޗެއަރޕާސަން

އިބްރާހީމް ރާމިޒް

moosa-japan-amb-440-x-395

ރާއްޖޭގައި ފަންނީ މީހުން ބިނާކުރުމުގެ މަސައްކަތް ފެށުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަންތައް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު އެމްޑީޕީ މައި އޮފީހުގައި، ޖަޕާނުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ނޮބުހީޓޯ ހޯބޯއާ އެކު ބޭއްވެވި ބައްދަލުވުމެއްގައި މޫސަ ވިދާޅުވީ، ރާއްޖޭގައި އިންޖިނިއަރުންނާއި، މެކޭނިކުން ފަދަ ފަންނީ ބޭފުޅުން ވަރަށް މަދު ކަމަށާއި، އެހެންކަމުން ރާއްޖޭގައި އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަކީ މިހިނދުން މިހިނދަށް ވަރަށް ބޭނުންތެރިކަމެއް ކަމަށާއި، އެކަމުގައި ޖަޕާނު ފަދަ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގައުމެއްގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޖަޕާންގެ ސަފީރު ދެއްކެވި ވާހަކައިގައި، މިއީ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރު ކަން ފާހަގަކުރައްވައި، ރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ލިބިލެއްވީތީ ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ފުރިހަމަ ޑިމޮކްރަސީ އެއް ގާއިމް ވެގެން ދިއުމަކީ ގައުމެއްގެ ތަރައްޤީއަށް ވަރަށް މުހިންމު ކަމެއް ކަމަށާއި، ރާއްޖެއަށް ވަޑައިގެންނެވުމުގެ ކުރިން ޖަޕާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނާއި، ބައްދަލުކުރައްވައި ރާއްޖެއާއި ޖަޕާނާއި ދެ ގައުމުގެ ގުޅުމާއި ބެހޭ ގޮތުން މައުލޫމާތު ސާފުކުރެއްވި ކަމަށް ވިދާޅުވިއެވެ. އަދި އެ އެސޯސިއޭޝަންގެ ޓީމެއް ވަރަށް އަވަހަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޖަޕާނުގެ ސަފީރު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ޗެއަރޕާސަން އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ޖަޕާނުން ރާއްޖެއަށް
އަބަދުވެސް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތަކަށް ޝއުކުރުއަދާ ކުރައްވާ ކަމަށާއި، ޚުދުމުޚްތާރުވެރިކަމަކުން ރާއްޖެ ޑިމޮކްރަސީ އަކަށް އަލިވިލިފައިވީ ނަމަވެސް، އެ ޑިމޮކްރަސީ ފައްކާ ކުރުމަށް އަދިވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ. އަދި އެގޮތުން ރާއްޖޭގެ ޑިމޮކްރަސީ އަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ އަދުލު އިންސާފް ގާއިމްކުރުމުގެ ދާއިރާ މިނިވަން ވެފައި ނެތުންކަން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުން ނިންމަވާލަމުން ރާއްޖޭގައި، ޚާއްސަކޮށް އައްޑޫ ސިޓީ އާއި ފުވައްމުލަކު ގައި މިހާރު ކުރިޔަށްދާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާ ލެއްވުމަށާއި، އުތުރު ޕްރޮވިންސްގެ ޅ.ފެލިވަރުގައި ޖަޕާން ސަރުކާރުގެ އެހީގައި ހަދާފައިވާ ފެކްޓްރީ ބައްލަވާލެއްވުމަށް ޖަޕާނުގެ އާ ސަފީރު، ނޮބުހީޓޯ ހޯބޯއާ، އެ ދެ ސަރަހައްދަށް ވަޑައިގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށް މޫސަ ވިދާޅުވިއެވެ.