ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ނޮބުހީޓޯ ހޯބޯ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުވައިފި

އިރާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

iran-safeer-230-x-150japan-safeer-230-x-147

ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ނޮބުހީޓޯ ހޯބޯ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޖަޕާނުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ބައިނަލް އަޤްވާމީ މައިދާނުގައި ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް ޖަޕާން ސަރުކާރުން ދެއްވަމުން ގެންދަވާ ގިނަ ގުނަ އެހީތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައިން މެދު ފަންތީގެ ޤައުމެއްގެ ދަރަޖައަށް ވާޞިލުވުމުގައި ޖަޕާން ސަރުކާރުން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިއަހަރު ކުރީކޮޅު ޖަޕާނަށް ކުރިމަތިވި ސުނާމީގެ ކާރިޘާއާ ގުޅިގެން، ރާއްޖެއިން ފޯރުކޮށްދީފައިވާ އެހީތަކަށްޓަކައި، ޖަޕާންގެ އާ ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން އިރާންގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަޙްމޫދު ރަޙީމީ ގޯރުޖީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދުކުރެއްވިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކޮށްލެއްވުމުގައި، އީރާނާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށް އީރާންގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަޙްމަދު މަޢުޞޫމް ބައިވެރިވެވަޑައިގެންނެވިއެވެ.