އިންޑިއާގެ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކޮށްދެއްވުމަށް ދަޢުވަތު އަރުވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ސިޓީފުޅެއް ފޮނުއްވައިފި

280x285-majlis

އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޑޮކްޓަރ މަންމޯހަން ސިންގ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކޮށްދެއްވުމަށް ދަޢުވަތު އަރުވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު ސިޓީފުޅެއް ފޮނުއްވައިފިއެވެ.

މަޖިލީހުގެ ރައީސްގެ ސިޓީފުޅުގައި އިންޑިއާގެ ބޮޑުވަޒީރަށް ދަޢުވަތު އެރުވުމަށް ރައްޔިތުންގެ މަޖިލީހުން އެމަޖިލީހުގެ މިއަހަރުގެ ތިންވަނަދައުރުގެ 9 ވަނަ ޖަލްސާގައި މަޖިލީހުގެ އިއްތިފާޤުން ފާސްކުރައްވާފައިކަން ފާހަގަކުރައްވައި އެކަމުންވެސް ދިވެހިރާއްޖެއާއި އިންޑިއާއާ ދެގައުމުގެ މެދުގައިވާ ބަދަހިގުޅުން ރަމްޒުކޮށްދޭ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މީގެ އިތުރުން މިކަންވެގެންދަނީ އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޑޮކްޓަރ މަންމޯހަން ސިންގއަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރާއްޖޭގެ ރައްޔިތުން ކުރާ އިޙްތިރާމާއި ގަދަރު ރަމްޒު ކޮށްދޭ ކަމެއް ކަމުގައިވެސް މަޖިލީހުގެ ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުގެ ސިޓީފުޅުގައި ރައްޔިތުންގެ މަޖިލީހަށް މިވީ 78 އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ތަޤްރީރުކުރައްވާ ރާއްޖޭން ބޭރުގެ ފުރަތަމަ ޢިއްެޒަތްތެރިއަކީ އިންޑިއާގެ ބޮޑުވަޒީރު ކަމުގައި ވެގެންދާ ދިއުމަކީވެސް ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ވެގެން ދާނެ ކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ.