ސަޢޫދީ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ސަޢޫދީޢަރަބިއްޔާގެ ވަލީޢަހުދު، އަދި ސަޢޫދީ ރަސްގެފާނުގެ އެއްބަފާ ކޮއްކޯފުޅު ޕްރިންސް ސުލްޠާން ބިން ޢަބްދުލްޢަޒީޒް އައްސަޢުދު އަވަހާރަވުމާ ގުޅިގެން، ސަޢޫދީޢަރަބިއްޔާގެ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް އައްސަޢުދަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ސަޢޫދީ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، އެޤައުމުގެ ވަލީޢަހުދު އަވަހާރަވި ޚަބަރު އެއްސެވީ، ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި ސަޢޫދީޢަރަބިއްޔާގެ ބޮޑުވަޒީރުގެ ނައިބުގެ މަގާމުގަޔާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް އޭވިއޭޝަންގެ މަގާމުގައި ޕްރިންސް ސުލްޠާން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފުހެވިގެން ނުދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސަޢޫދީ ރަސްގެފާނަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.