ކައުންސިލްތަކުން ތަރައްޤީގެ ޙަރަކާތްތައް ރޭވުމުގައި މައިގަނޑު ތިން ކަމަކަށް ސަމާލުކަން ދިނުމަށް އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް މިނިސްޓަރ ޢަލީ ނިޔާޒު އިލްތިމާސް ކުރައްވައިފި

އިބްރާހީމް ރާމިޒް

niya-uthuru-province-440-x-372

ކައުންސިލްތަކުން ތަރައްޤީގެ ޙަރަކާތްތައް ޕްލޭންކުރައްވާއިރު މައިގަނޑު ތިންކަމަކަށް ސަމާލުކަން ދިނުމަށް އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް މިނިސްޓަރ އަދި އެމްޑީޕީގެ އުތުރު ޕްރޮވިންސްގެ ރައީސް އިލްތިމާސް ކުރައްވައިފިއެވެ.
ސްޓޭޓް މިނިސްޓަރ މިކަމަށް އިލްތިމާސް ކުރެއްވީ މާޅޮސްމަޑުލު އުތުރުބުރީގެ ރަށްރަށުގައި ތިއްބެވި ކައުންސިލަރުންގެ ތެރޭގައި ހިމެނޭ އެމް.ޑީ.ޕީގެ ކައުންސިލަރުންގެ މެދުގައި ބާއްވާ މަހާސިންތާ އިފްތިތާޙް ކޮށްދިނުމުގެ ގޮތުން އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ސަރުކާރުން އެކުލަވާލައްވާފައިވާ ސްޓްރެޓީޖިކް ޕްލޭނާއި ވެރިކަންކުރާ އެމް.ޑީ.ޕީ ގެ މެނިފެސްޓޯ ނުވަތަ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ރަނގަޅަށް ބައްލަވާ މިއާއި ފުށުނާރާނޭ ގޮތުން އެކިއެކި ޕްލޭންތައް ރޭއްވެވުމަކީ ކޮންމެހެން ބޭނުންކަމެއްކަމުގައި ނިޔާ ވިދާޅުވިއެވެ. އަދި ހަމަ މިއާއިއެކު ކޮންމެ ހުކުރު ދުވަހެއްގެ ހުނދުނު ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޙާޠަބު ކުރައްވާ ދެއްވަވާ ރޭޑިޔޯ ޙިޠާބުން ސަރުކާރުގެ ސިޔާސަތުތަކަށް ގެނެވޭ އެކިއެކި ބަދަލުތައް ހިއްސާކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވާ ރޭޑިޔޯ ޙިޠާބަށް ހުރިހާ ކައުންސިލަރުންވެސް ޙާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރަށް މި ސަރަޙައްދުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލެއްވުމުގައި ގެންގުޅުއްވި ވިސްނުންފުޅު ބައިވެރިންނާއި ޙިއްސާ ކުރެއްވިއެވެ. އަދި މި ސަރަޙައްދުގެ ތަރައްޤީގެ ޕްލޭން ކަމިޔާބުކުރުމުގައި ހުރިހާ ކައުންސިލަރުންގެ ފުރިހަމަ ބައިވެރިވުން ލިބިގެންދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މި ޕްލޭން ތަންފީޒު ކުރުމަށްޓަކައި މި ސަރަޙައްދުގެ އިންތިޙާބީ ކޮންމެ ދާއިރާއަކުން ކައުންސިލަރަކާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި ޤައުމީ އިދާރާގެ ވެރިން ހިމެނޭގޮތުން ކޮމިޓީއެއް އެކުލަވާލެއްވުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.
މިއީ ލާމަރުކަޒީ އުޞޫލުން ކައުންސިލްތައް ހިނގުމުގައި ދިމާވާ ދަތިތަކާއި މެދު މަޝްވަރާކޮށް، ޕާޓީގެ މެނިފެސްޓޯއާއި ޤައުމީ ތަރައްޤީގެ ޕްލޭނާއި އަދި ސަރުކާރުގެ ސިޔާސަތުތަކާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދީ، ކައުންސިލަރުންގެ މެދުގައި މަޢުލޫމާތު ޙިއްސާކޮށް މިހާރަށްވުރެ ޙަރަކާތްތެރި ކައުންސިލްތަކަކަށް ހެދުމަށްޓަކައި ބާއްވާ މަހާސިންތާއެކެވެ.
އޮކްޓޯބަރ 20 އިން 22 އަށް ކުރިޔަށް ގެންދިޔަ މި މަހާސިންތާގައި ރ. އަތޮޅުގެ ރަށްރަށުގައި ކައުންސިލްތަކަށް ހޮވިފައިވާ އެމް.ޑީ.ޕީގެ 30 ކައުންސިލަރުން ބައިވެރިވިއެވެ.