އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ފުވައްމުލަކު އެއަރޕޯޓް ސަރަހައްދު ސާފުކުރުމުގެ މަސައްކަތުގައި އެހީތެރިވެދީފި

އިބްރާހީމް ރާމިޒް

fuvahmulah-airport-mdp-4jpg

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ފުވައްމުލަކު އެއަރޕޯޓް ސަރަހައްދު ސާފުކުރުމުގެ މަސައްކަތުގައި އިއްޔެ އެހީތެރިވެދީފިއެވެ.

ސަރކްސަމިޓަށް އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ވަމުންދާ ތައްޔާރީތަކަށް ހިއްވަރުދީ، އެ ތައްޔާރީތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމަށް އައްޑޫ ސިޓީ އާއި ފުވައްމުލަކަށް ޒިޔާރަތްކުރި މި ޓީމުން އިއްޔެ ހަވީރު ފުވައްމުލަކު އެއަރޕޯޓް ސަރަޙައްދު ސާފުކުރުމަށް އެރަށު ރައްޔިތުން ކުރި މަސައްކަތުގައި ޢަމަލީ ގޮތުން އެހީތެރިވެދީފައިވާއިރު، އިއްޔެ ހެނދުނު މި ޓީމު ވަނީ އައްޑޫ ސިޓީގެ ހުޅުމީދޫ އަވަށުގެ މަގުތައް ރަގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވައި، އެ އަވަށުގެ ބޮޑުމަގުގައި ގާ އެތުރުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެފައެވެ. އަދި އައްޑޫ ސިޓީގެ ހިތަދޫ އަވަށުގެ މާމެންދޫ ސަރަޙައްދުގައި ހަދަމުންދާ ކޮންވެންޝަން ސެންޓަރުގެ ވަށައިގެން އެމްއެންޑީއެފްގެ ބޭފުޅުންނާއި، ޕޮލިހުން ކުރަމުންދާ ލޭންޑްސްކޭޕިންގ ގެ މަސައްކަތުގައި ވެސް އަމަލީ ގޮތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންވަނީ ބައިވެރިވެފައެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ފުވައްމުލަކަށް އުއްޔެ ހަވީރުކުރި ދަތުރުގައި އެރަށުގެ އެއާޕޯޓުގެ މަސައްކަތް ހިނގާނުހިނގާ ގޮތް ބަލައި، އެރަށު ތުނޑީގައި ހަދަމުންދާ ކަލްޗަރަލް ވިލެޖާއި، ކްރިކްޓް ސްޓޭޑިއަމް އަދި ބަންޑާރަކިޅި ސަރަހައްދުގައި ހިނގަމުންދާ މަސައްކަތްތައް ބަލައި، އެ މަސައްކަތްތައްކުރަމުންދާ ފަރާތްތަކަށް ހިތްވަރުދިނެވެ.

މި ދަތުރުގައި އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކާއި، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އިބްރާހީމް މުހަންމަދު ޞޯލިޙް (އިބޫ) ގެ އިތުރުން ފުވައްމުލަކާއި، އައްޑޫ ސިޓީއަށް ނިޞްބަތްވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ އިތުރުން ވެސް އެ ގްރޫޕްގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.