ފުނަމާ
ފުރަމާލޭގައި ކުރީ ޒަމާނެއްގައި އުޅުއްވި ބޮޑުފަނޑިޔާރު ބޭކަލެކެވެ. ވަރައަ ވެރިކަމާ ތަގުވާ ވެރިކަމުގައި އެޒަމާނަށް އެފަދަ ދެވަނައެއް ނުވާފަދަ ބޭކަލެއް ކަމުގައި މަޝްހޫރު ވެފައިވާ ބޭކަލެކެވެ. ޝަރީއަތަށް ހުށައެޅޭ ކޮންމެ މައްސަލައެއްވެސް ނިންމަވާލެއް އިންސާފު ވެރިކަމާމެދު އެހެން އެއްވެސް މީހަކަށް ފާޑުކިޔޭކަށް ނޯވެއެވެ. އަދި އެފަދަ ފާޑެއް ކިޔައިފި މީހަކަށް ބޮޑެތި އަދަބުތައްވެސް ލިބޭކަމުގައި ވެއެވެ. ޝަރީއަތަށް ހުށައެޅޭ މައްސަލަ ތަކުގައި ހިމެނޭ ޚަސްމުންގެ ތެރެއިން ކޮންމެ މީހަކަށްވެސް ފަނޑިޔާރު ކަލޭފާނާ ފަނޑިޔާރުގޭގެ ބޭރުން ބައްދަލުކޮށް ޚިޔާލު ބަދަލު ކުރުމުގެ ފުރުސަތުވެސް އޮންނަ ކަމުގައި ވެއެވެ. ފަނޑިޔާރު ކަލޭފާނުންގެ ހިތްހެޔޮ ކަމާއެކު ކޮންމެ މީހަކަށްވެސް އެމީހެއްގެ ވަރުން ކޮންމެ ހަދިޔާއެއް ފަނޑިޔާރު ކަލޭފާނަށް ދިނަސް ދުވަހަކުވެސް އަނބުރާ ރައްދެއްވެސް ނުކުރައްވައެވެ. އަދި މިކަމުގައި ވަކިމީހަކު އިސްތިސްނާއެއްވެސް ނުކުރައްވައެވެ. ހިތްޕުޅު ނުލާހިކު ހެޔޮ ބޭކަލެކެވެ. ބަންޑާރައިން ލިބޭ މުސާރައާ އަޅާބަލާއިރު ނުބައްދަލު މުއްސަނދި ދިރިއުޅުމެއް އުޅުއްވައެވެ. ގޭގައި ގިނައަދަދެއްގެ ނޯކަރުންވެސް ގެންގުޅުއްވައެވެ.
ހާލުކޮޅު ވަރަށް ގޯސްނޫންނަމަ މާލޭގެ ބޮޑު ހުކުރު މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ ބޮޑުފަނޑިޔާރު ކަލޭފާނެވެ. ދުވަސްވަރަކީ މާލެއަށް މަސްނުބޭނި ވަރަށްބޮޑަށް ލައިގެންކާ އެއްޗިއްސަށް ދަތިވެފައިވާ ދުވަސްވަރެކެވެ. އެދުވަސްވަރުގެ ހުކުރު ދުވަހެކެވެ. ފަނޑިޔާރު ކަލޭފާނު ހުކުރަށް ވަޑައިގަތުމަށް ފެންވަރުއްވާން ގިފިއްޔަށް ވެދެވަޑައި ގެން ފެންވަރުއްވާން ހުންނެވިއިރު މާމީރު ވަހެއް ނޭފަތުގައި ޖެހިގެން ވިސްނާލެއްވިއެވެ. ކުކުޅު ހަވާދުގެ ވަހެވެ. އެޒަމާނުގައި މުޅިރާއްޖޭގެ މީހުންވެސް ކުކުޅު ހަދައި އުޅެނީ އެއްކަހަލަ ހަވާދަކުންކަމުން އެވަސް ޖެހި ވަޑައިގަތުމުން ގޭގައި މެންދުރަށް ކުކުޅުރިހަ ކައްކަނީކަން ފަނޑިޔާރު ކަލޭފާނަށް ޔަގީން ވެއްޖެއެވެ. ގިނަދުވަސްތަކެއް ލައިގެން ކާނެ އެއްޗެއް ނެތީމަ ރަނގަޅަށް ފަރީއް ނުކުޅުއްވިފައި ހުންނެވި ފަނޑިޔާރު ކަލޭގެފާނުންގެ ކުޅުދިޔާވެގެން ދިޔައެވެ. އަވަސް އަވަހަށް ފެންވަރާ ލައިގެން ފަނޑިޔާރު ކަލޭގެފާނުން ނުކުމެ ވަޑައިގެން ހުކުރަށް ހެދުން އަޅުއްވައި ނިންމަވާލެއްވުމާއެކު އާދައިގެ މަތީން ނޯކަރަކު ފަގުޑިކޮޅާއި ލުބޯހުތު ފަނިތައްޓެއް ގެނެސް ބަހައްޓައިފިއެވެ.
” މިއަދަކު ފަނިތައްޓެއް ބޭނުމެއް ނޫން ” ވިދާޅުވެފައި ފަގުޑި އަޅުއްވައިގެން މާއަބުއިކޮށް ހިންގަވާފައި ހުކުރަށް ވަޑައިގެންފިއެވެ. ކުކުޅު ރިހައިގެ ވަސްޖެހުނީއްސުރެ ފަނޑިޔާރު ކަލޭފާނުންގެ ހަރަކާތްތައް ހުންނަނީ ވަރަށް އަވަސްވެލާފައެވެ. ހީވާގޮތުން އަވަހަށް ކޭންބައްލަވަން ބޭނުން ވަނީއެވެ. އާންމުކޮށް ހުކުރު ކުރުމަށް ހަމަޖެހިފައި އޮންނަ ގަޑިޔަށްވުރެ ދެތިންމިނެޓެއް ކުރީން މިންބަރަށް އަރާވަޑައިގެން ސަލާމް ގޮވައި ލެއްވުމުން މުދިންކަލޭގެ ބަންގިގޮވައި ނިންމާލިއެވެ. ވަރަށް ފަރިތަކޮށް ޚުތުބާ ނިންމަވާ ލެއްވުމަށްފަހު ނަމާދު ކުރެއެއްވުމުގައިވެސް މިއަދު ގެންގުޅުއްވީ މާއަވަސް ކޮށްލެއްވުމެކެވެ. ނަމާދުގައި އެހެން ދުވަސްދުވަހު އާންމުކޮށް ވިދާޅުވާ ސައްބިހިސްމަ އާއި ހަލްއަތާގެ ބަދަލުގައި އެދުވަހު ވިދާޅުވީވެސް ކުރު ދެސޫރަތެކެވެ. ހުކުރު ނަމާދުން ސަލާމް ދެއްވުމާއެކު މުދިންކަލޭގެ ކަންފަތް ދޮށުގައި ސިއްރުން މިއަދު މިއުޅެނީ ބަނޑުގެ މައްސަލައެއް ޖެހިގެންނޭ ވިދާޅުވެ ޒިކުރު ތަސްބީހަވެސް ވިދާޅުނުވެ ފަނޑިޔާރު ކަލޭފާނުން މިސްކިތުން ފައިބާވަޑައިގެން ބާރަށް ވަޑައިގަތުމުން އެޒަމާނުގައި ހުކުރު ނަމާދަށްފަހު ކިޔަވާ ސޮލަވާތް ފާތިހާވެސް އިސްވެ ކިޔަވަން ޖެހުނީ މުދިންކަލޭގެއަށެވެ.
ފަނޑިޔާރު ކަލޭފާނުން ގެއަށް ވަޑައިގެންނެވި ގޮތައް އަވަސްއަވަހަށް ހެދުން ބަދަލުކުރައްވައިގެން ކާމޭޒުދޮށަށް ވަޑައިގެންފިއެވެ. ކާން ހަދާފައި ހުރިއިރު ލައިގެން ކާނެ އެއްޗަކަށް ބަހައްޓާފައި ހުރީ ރިހާކުރު ދިޔަފޮދެކެވެ. ތަންކޮޅެއް އަވަހަށް އާދެވުނީމައި އަދި ހުރިހައި އެއްޗެއް މޭޒުމައްޗަށް ނުނަގަނީ ކަމުގައި ހީކުރައްވައި ކުޑަކޮށް މަޑުޖައްސާލައިގެން އިންނެވި ނަމަވެސް އެއްވެސް މީހަކު އިތުރު އެއްޗެއް ނުގެނައެވެ.
” ލައިގެންކާނެ އެހެން އެއްޗެއްނެއް ނެތީތަ؟ ” އެންމެފަހުން ފަނޑިޔާރު ކަލޭފާނުން ސުވާލުކޮށްލެއްވުމުން “ކައްކާ” އާދޭހޭ ދެންނެވިއެވެ.
” އެކަމަކު އަހަރެން ފެންވަރާން ހުރިއިރު ކުކުޅު ހަދާވަސް ދުވިއެވެ. އެއީ މިގެއަކު ނޫން ހެއްޔެވެ؟ ” ފަނޑިޔާރުކަލޭފާނުން ސުވާލު ކުރެއްވިއެވެ.
” އެއީ މިގޭގައި ހެދި ހާލެކެވެ. އެކަންވީގޮތަކީ ޖެހިގެންހުރި ގޭގައި ގެންގުޅޭ ހާލެއް ކޮންމެ ދުވަހަކު މިގެއަށް އައިސް އެއްޗިއްސަށް ތުންލަނީއެވެ. ވަރަށް އުނދަގޫ ކުރެއެވެ. ކާއެއްޗެއް އަނގަމަތީން ބެހެއްޓޭ ވަރުވެސް ނުވެއެވެ. މިއަދު އޭތި އައިސް ބަދިގެ ދޮށުގައި އުނދަގޫ ކުރާން ފެށުމުން ކާށިބިންނަން ގެންގުޅޭ މުގުރު އެއްލިތަނާ އޭތީގެ ބޮލުގައި ޖެހި ދެމުނީއެވެ. މަރުވަނީކަން އެނގުމުން އަޅުގަނޑު އަވަސް އަވަހަށް އޭތި ކަތިލައިލީއެވެ. އެގޭ މީހުންނަށް އެނގިއްޖިއްޔާ ރުޅިއަންނާނެތީވެ ހަދާނެ ގޮތެއް ނޭނގިގެން ދެން ރިހަކޮޅެއް ކައްކާލީއެވެ. އެކަމަކު މީހެއްގެ ހާލަކަށް ވާތީވެ ފަނޑިޔާރު ކަލޭގެ ފާނަށް ނަގަން ނުކެރުނީއެވެ. ” ކައްކާމީހާ ވަރަށް ބިރުންހުރެ ކަންހިނގިގޮތް ކިޔައި ދީފިއެވެ.
” ޔާރައްބީ ! ތިޔަގޮތައް މީހެއްގެ ހައްގެއް ކާލަން ހެޔޮވެސް ނުވާނެ ތިޔަރިހަ މިގޭގައި އުޅޭ އެކަކުވެސް ކައިގެން ނުވާނެ! ތިވާނީ ހަމަ ހަރާމް އެއްޗަކަށް ” ފަނޑިޔާރު ކަލޭފާނުން ކޯފާވެފައި ވިދާޅުވިއެވެ. އެކަމަކު ރިހާކުރުދިޔަ އަޅުއްވައިގެން ބަތްކޮޅެއް މޮޑެލައްވައި ރަހަބައްލަވާ ލެއްވިއިރު ރަހަގަނޑު މާކަ ރަނގަޅެއް ނުވިއެވެ. އަނެއްކާ ކައްކާމީހާއަށް ގޮވާލައްވައި ގެންނަވައިފިއެވެ.
” އެހާ ކޮންމެ ދުވަހަކުވެސް މިގެއަށްއައިސް އުނދަގޫ ކުރޭތަ؟ ” ކުރެއްވި ސުވާލަށް ކައްކާމީހާ އާދޭހޭ ދެންނެވުމުން ” އެހެންވިއްޔާ އޭގެ ދިޔަފޮދެއް ގެނެސްބަލާށޭ ، އެހާމިންވަރު ހަލާލުވާނެޔޭ” ފަނޑިޔާރުކަލޭފާނުން ވިދާޅުވުމުން ކައްކާމީހާ ކުކުޅު ރިހައެތީން ބޯތައްޓަކަށް ހުސްދިޔަ އަޅައިގެން ގެނެސްފިއެވެ. ރަހަބައްލަވާލެއްވިއިރު އަމަށަކު ކަމެއް ނޫނެވެ. ހާދަ މީރެވެ.
” މިގެއަށް އެހާ އައިސް ކޮންމެ ދުވަހަކުވެސް އުނދަގޫ ކުރޭ ހެއްޔެވެ؟ ” އަނެއްކާވެސް ފަނޑިޔާރުކަލޭފާނުން ސުވާލުކުރެއްވުމުން މިހާރު އެގޮތަށް އައިސް އުނދަގޫ ކުރާތާ ދެތިންމަސް ވެދާނެ ކަމުގައި ކައްކާމީހާ ދެންނެވުމުން ” އެހެން ވިއްޔާ އަޅެ ކުޑަ މަސްކޮޅެއް ގެނެސް ބަލާށޭ އެވަރު ރަނގަޅުވާނެޔޭ ” ފަނޑިޔާރު މަނިކުފާނުން ވިދާޅުވުމުން ކައްކާމީހާ ހާލުގެ ފައެއް ތައްޓަކަށް ލައިގެން އަތުވެއްޖެއެވެ. ފަނޑިޔާރު ކަލޭފާނުން އެފައި އެކުގައި ފަރިއްކުޅުއްވާ ލައްވައި ނިންމަވާ ލައްވާފައި އަނެއްކާވެސް ސުވާލެކެވެ.
” މިގެއިން އެހާލަށް ކާއެއްޗެތި ލިބޭތަ ؟ ”
” މިގޭގެ ކާއެއްޗިއްސަށް ތުންވެސްލާ އަނެއްކާ އަޅުގަނޑުވެސް ބައެއްފަހަރު ކިރުފެލި ހުންޏާ އެއްޗެތިވެސް ކާންދެން. ” ކައްކާމީހާ ދެންނެވިއެވެ.
” އެހެންވިއްޔާ ތިޔަ ވާނީ ހަމަ ހަލާލު އެއްޗަކަށް އަވަހަށް ރަނގަޅަށް މަސްއަޅައިގެން ގެނޭ ” ފަނޑިޔާރު ކަލޭފާނުގެ އަމުރަށް ކައްކާމީހާ އަވަސް އަވަހަށް ބަދިގެއަށްގޮސް ބޮޑުތައްޓެއް ފުރެންދެން އެހާލުގެ މަސްއަޅައިގެން ގެނެސްފިއެވެ. ފަނޑިޔާރު މަނިކުފާނުން އެދުވަހު ފަރިއްކުޅުއްވައި ނިމިގެން ތެދުވެ ވަޑައި ގެންނެވިއިރު އެއްކަލަ “ހަރާން ކުކުޅު” އޮތީ ހަލާލުވެ ބޮޑުފަނޑިޔާރު ކަލޭފާނުންގެ ބަނޑުގައި ހަޖަމުވާން ފަށާފައެވެ.