އިބްރާހީމް ރާމިޒް
އައްޑޫ ސިޓީގެ ހުޅުމީދޫގެ ބޮޑުމަގުގައި ގާއެތުރުމުގެ މަސައްކަތް މިއަދު ހެނދުނު ފަށައިފިއެވެ.
މިއަދު ހެނދުނު ހުޅުމީދޫގައި އޮތް މި ރަސްމިއްޔާތުގައި ގާއެތުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ އައްޑޫ ސިޓީގައި ބާއްވާ ސަރކްސަމިޓަށް އެސިޓީ ތައްޔާރުކުރުމަށް ސަރުކާރާއި އައްޑޫ ސިޓީގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުމަށް މިވަގުތު އައްޑޫ ސިޓީ ގައި ހަރަކާތްތެރިވާ އެމްޑީޕީ ޕާރލަމެންޓް ގުރޫޕުގެ މެމްބަރުންނެވެ.
ހުޅުމީދޫގެ ބޮޑުމަގުގައި ގާއަތުރާނެކަން ރައީސް ނަޝީދު އިޢުލާންކުރެއްވީ މި އަހަރުގެ ފިޠުރު އީދު ދުވަހު އައްޑޫ ސިޓީ އަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައެވެ. ގާއެތުރުމުގެ މަސައްކަތް ފެށާފައިވަނީ ހުޅުމީދޫގައި މިހާރު ތައްޔާރު ކުރެވެމުންދާ ބެންކުއެޓް ހޯލު ގެ ކުރިމަތިންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ދެއްކެވި ވާހަކައިގައި، ސަރުކާރުން އައްޑޫ ސިޓީ ގެ ތަރައްޤީ ކުރުމަށް ކުރާ މަސައްކަތުގައި އައްޑޫ ސިޓީގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ ހަސަން ލަޠީފު ގެ އެއްބާރުލުން އެއްވެސް ވަރަކަށް ނުލިބޭ ކަމަށާއި، ކިތަންމެ ގިނަ ގޮންޖެހުންތަކަކާއި، ދަތިތައް ހުރިނަމަވެސް އައްޑޫ ސިޓީގައި ވެސް އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގަވާނެކަމަށް އެބޭފުޅުން ވިދާޅުވިއެވެ. އަދި ހުޅުމީދޫގައި މިއަދު މި ފެށި ގާއެތުރުމުގެ މަސައްކަތްވެސް ސުންގަޑިއަށް ސަރުކާރުން ނިންމާލާނެކަމަށާއި، ސާކު ސަމިޓް ވެސް ރޭވިފައިވާގޮތަށް އެ ތާރީޚްގައި ބާއްވާނެކަމަށް ވިދާޅުވިއެވެ.
ނޮވެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓުގައި ރައީސް ޖުމްހޫރިއްޔާ ދެއްވާ ރަސްމީ ފަރިއްކޮޅު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމީދޫ ގައެވެ. މިކަމަށް ޙާއްސަ މަލްޓި ޕާރޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ.
މަސައްކަތް ފަށާތާ 60 ދުވަހުގެ ތެރޭގައި ނިންމަން އެއްބަސްވި އެ އިމާރާތަކީ 36 މީޓަރު 60 މީޓަރު ބޮޑުމިނުގައި، 4.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ އިމާރާތެއް ކަމަށް މަޢުލޫމާތު ލިބެއެވެ. ސާކް ސަމިޓަށް ފަހު މި އިމާރާތް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ، އެ ސްކޫލްގެ އެކި ކަންކަމަށެވެ.
ސަރކް ސަމިޓާއި ގުޅިގެން އައްޑޫސިޓީ އާއި ޏ.އަތޮޅު ފުވައްމުލަކުގައި މި ސަރުކާރުން ގެންދަނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުވައްމުލަކު އެއަރޕޯޓާއި، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގެ މާމެންދޫ ސަރަޙައްދުގައި ޢިމާރާތްކޮށް ނިމެމުންދާ ރީތި ކޮންވެންޝަން ސެންޓަރެވެ.
ކުރު މުއްދަތެއްގެ ތެރޭގައި އައްޑޫސިޓީ އާއި ފުވައްމުލަކަށް އެމްޑީޕީ ސަރުކާރުން ގެނެސްދީފައިވާ ތަރައްޤީއަށް އެ ސަރަހައްދަށް ނިސްބަތްވާ ރައްޔިތުންގެ އިތުރުން ގިނަ ބަޔަކު ތައުރީފްކުރަމުންދާކަން ފާހަގަކުރެވެއެވެ.