މެންބަރުންގެ ޚިޔާލު: މިނޫން ދުވަހެއް ފެނިދާނެތަ؟

ފުނަމާ

ވޭތުވެދިޔަހާ ޒަމާނެއްގައި ދިވެހިރާއްޖޭގެ ވެރީންގެ ގޮތުގައި ތިބިހައި ބައެއްގެ ފުށުން ރައްޔިތުންނަށް ލިިބެމުންދިޔަ އަނިޔާތަކުގެ ވާހަކަތަކަކީ ކިތަންމެ ގިނައިން ދެއްކިޔަސް އެއްވެސް ބަޔަކަށް އިވޭ އަޑުތަކެއް ނޫނެވެ. އެހެނީ އެއަޑުއަހާ މީހުންނަށްވެސް ލިބެނީ ބޮޑެތި އަނިޔާތަކާ ގެއްލުމެވެ. އެހެންކަމުން ” ގިރާވަރުމީހުންގެ ސިއްރެއްގެ ” ގޮތުގައި އެކަންއޮތީ ސިއްރު ވެފައެވެ.
ރާއްޖޭގެ ޚުދުމުޚުތާރު ވެރިކަމުގެ ސިލްސިލާގެ އެންމެ އަނިޔާވެރި ވެރިކަން ނައްތާލުމަށް މަދުބަޔަކު ނުކުމެ ކުރާންފެށި މަސައްކަތްތަކުގެ ސަބަބުން ގިނަބަޔަކު މިކަމުގައި ބައިވެރިވެ އެކުވެލުމުން އެންމެ އަޑުގަދަކޮށް މިއުޑުދަށުގައި ގުގުމަންފެށި އެއްއަޑަކީ ކުރީގެ ސަރުކާރުން ރައްޔިތުންނަށް ޚާއްސަކޮށް އެކިއެކި ތުހުމަތުތައް އަޅުވައި ހައްޔަރުކުރާ މީހުންނަށް ދެމުންގެންދިޔަ އަދި، ދީފައިވާ އަނިޔާތަކުގެ ވާހަކައެވެ. މީހުން ބިރުން ފިއްކަނޑައިގެން ދާވަރުގެ ބޮޑެތި އަނިޔާތައް ޖަލުތަކުގައި ދެވެމުންދާ ވާހަކައެވެ. އެއަނިޔާ ތަކުގައި އެތަކެއް ސަތޭކަ މީހުންގެ ފުރާނަ ކުށަކާއި ނުލައި ނައްތާލެވިފައިވާ ކަމުގެ ވާހަކައެވެ. ދަންޖައްސައި މަރާފައިވާ ކަމުގެ އަޑުތަކެވެ.
ފެންނާންހުރި ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް ، އަނިޔާލިބުނު މީހުންގެ ދޫތަކުން ކިޔައިދިން ވާހަކަ ތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުން ނުކުމެ ރާއްޖޭގެ ޒަމާންވީ ވެރިކަމުގެ ޝަގާފަތް ބަދަލުކޮށްލީ ވެރިކަމުގައި ބަގުޑި ބައްދައިގެން އަނިޔާވެރިކަމުގައި ރައްޔިތުންގެ ލޭބޮއިގެން އުޅުނު ” ޑުރެކިއުލާގެ ” ވެރިކަންވެސް ބަދަލު ކޮށްލުމަށް ފަހުގައެވެ. ޒަމާނީ ޑިމޮކްރަސީއާއި ހެޔޮވެރިކަމުގެ އުސޫލުން މަލްޓިޕާޓީ ނިޒާމެއް ރާއްޖޭގައި ގާއިމު ކުރުމުގެ ހެޔޮނިޔަތުގައެވެ. އަދުލު އިންސާފު ގާއިމު ކުރެވި ރައްޔިތުންގެ ހައްގުތައް ރައްޔިތުންނަށް ރައްކާތެރި ކޮށްދޭނެ ޝަރުޢީ ނިޒާމެއް ގާއިމުކޮށް ކުރިޔަށް ދިއުމުގެ އުންމީދާ އެކުގައެވެ. ނަމަވެސް މިކަން މިއަދު މިއޮތީ އުންމީދުކުރި ގޮތުގަހެއްޔެވެ؟ މިއީ މިއަދު ކޮށްލާން ރަނގަޅު އަދި އެހާމެ މުހިންމު ސުވާލެކެވެ.
ރާއްޖެދުށް އެންމެ ޚުދުމުޚުތާރު އަނިޔާވެރި ވެރިމީހާ ވެރިކަމުން ބާލައި މިސަރުކާރު އައުމާއިއެކު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ ރައީސް ނަޝީދެވެ. އެމަނިކުފާނު ބޭނުންފުޅުވެ ވަޑައިގަތީ ޒަމާންވީ ނުރަނގަޅު އާދަތަކާއި ޝަގާފީ ގޮތުން ކުރަލާފައިވާ ބައެއް ކަންކަން ދިވެހި ރާއްޖެއިން މުޅީން ފޮހެލައްވައި މުޅީންއާ މަންޒިލަކަށް ، އެމެނިކުފާނުގެ ބަހުރުވައިންނަމަ ، އަނެއް ދިވެހިރާއްޖެއަށް ދިވެހީންނާއިއެކު ވަޑައި ގަތުމަށެވެ. އެގޮތުން ކުރީގައި ވެރިކަންކުރި މީހުން ވެރިކަމުން ވަކިވުމުން އަލުންއަންނަ ބަޔަކު އެމީހުންގެ ވެރިކަން ފަށައިގަތުމުގެ އެންމެ ކުރީކޮޅުގައި އައަދާ ކުރާ ސުންނަތް ކަމުގައިވާ ކުރީގެ ވެރިމީހާގެ ހަންނޮޅައި މަސްވީދުމަކީ މިގައުމުން ނައްތާލާން ވެއްޖެ ސަގާފަތެއް ކަމުގައި ވިދާޅުވެ އެކަން އެވަނީ ނުކުރައްވައި ދޫކޮށް ލައްވާފައެވެ. ކުރީގެ ސަރުކާރުގައި ހިމާޔަތްކުރި ” ދޮންދީންޏެއްހެން ” ކުރީސަރުކާރުގެ ޚުދުމުޚުތާރު ވެރިމީހާ އެވަނީ ހިމާޔަތް ކޮށްފައެވެ. ރައްޔިތުންގެ އެތަކެއް އާދޭހާއި އެކުވެސް އަނިޔާވެރި ނުލަފާ ، ޖާހިލު ކަލޭގެ އެވަނީ އަދުލު އިންސާފުގެ ކުރިމައްޗަށް ނުގެނެވިފައެވެ. އޭނާގެ އަނިޔާވެރި ކަމުގައި ފުރިހަމަޔަށް ބައިވެރިވެ ބޮޑެތި ޖަރީމާތައް ހިންގީ އެތަކެއް މީހުން މިއަދުވެސް އެތިބީ މިނިވަންކަމާއި ފުރިހަމަ އިއްޒަތުގައެވެ. ދައުލަތުން ފޭރިގަތް ތަނަވަސްކަމާއި މީގެ އިތުރުން މިއަދުވެސް ދައުލަތުން ދެމުންގެންދާ ގިނަބައިވަރުތައް ކިހިލި ޖަހައިގެން ” ދައްޖާލު ކަލޭގެ” މިއަދުވެސް އެގެންދަނީ މިވެރިކަމުގައި އޭނާއަށް ދީފައިވާ ހިމާޔަތްތަކުގެ ބޭނުންކޮށް އޭގެ ނާޖާއިޒު ފައިދާވެސް ނަގަމުންނެވެ. އަނިޔާވެރީންނާއި ގުޅޭގޮތުން ހުށައެޅިފައިވާ އެތަކެއް ތުހުމަތުތައް ތަހުގީގު ކުރެވި ޝަރުއީ މަރުހަލާއަށް ގެންދެވިފައި ވާއިރު އެކަންކަން ކުރިއަށް ގެންގޮސް އިންސާފު ހޯދައި ދިނުމުގައި މުޅި ޝަރުއީ ދާއިރާ އެވަނީ ފެއިލް ވެފައެވެ. މިއަދުވެސް ” ކިނގިގަސްދޮށު ފުރޭތައާއި ” އޭނާގެ “ހަންޑިތަކުގެ ” ދުށްޕާނުން ދިވެހީންނަކަށް މިންޖެއް ނެތެވެ. ޝަރުއީ ދާއިރާ ތަކުގައި މިތިބަ ގިނަ މީހުންނަކީވެސް އެފުރޭތައިގެ ބިރުވެރިކަމުގައި ޖެހިގެން އޭނާ ބޭނުންވާހާ ގޮތަކަށް ކަންކުރާ ބައެއް ކަމުގައި ގިނަބަޔަކު އެގެންދަނީ ބުނަމުންނެވެ. ގަބޫލުކުރެވޭ ވަރުގެ ހެކިތައްވެސް އެބަފެނޭމެއެވެ. ކިނބިގަހު ފުރޭތައިގެ އެއްބަފާ މީހަކުގެ މައްސަލައެއް ކޯޓަކަށް ހުށައެޅިއްޖެނަމަ އޮންނަނީ އީދަށް ކަތިލާން ކާންދީ ފަލަކުރާން ބައިންދާ ބޮޑުހާލެއްހާ އިއްޒަތުގައި ކޯޓުގެ ހިމާޔަތުގައި ފޮރުވިގެންނެވެ. ފުރޭތައިގެ އެކުވެރީންގެ މައްސަލަތައްވެސް ހުންނަނީ މިގޮތުގައެވެ. މިއީ ހަގީގަތެއް ކަމުގައި ވާނަމަ މިއަދުގެ ޝަރުއީ ދާއިރާގައި އެތިބަ ފަނޑިޔާރުންގެ ބައެއް މީހުންނަކީ ” ރިޝްވަތު ކޯރުންނޭ ” ކޮންމެވެސް ބަޔަކު ބުނެފާނެ ތާއެވެ. މާޟީގެ ސަފުހާތައް އުކާލުމުން މިޔަކީ ނުވެދާނެޔޭ ބުނެވޭކަށް އޮތްކަމެއްވެސް ނޫންތާއެވެ. ނަމަވެސް ގަބޫލުކުރާންޖެހޭ އެންމެބޮޑު ހަގީގަތަކީ އަދުލު އިންސާފު އެންމެ ފުރިހަމަޔަށް ގާއިމު ކުރެވިގެން މެނުވީ މިގައުމުގައި މިއެދޭފަދަ ހެޔޮވެރިކަމެއް ނުކުރެވޭނެ ކަމެވެ. ރައްޔިތުންގެ އިހުސާސުތަކާއި ވިންދާ އެއްގޮތަށް ވެރިކަމެއް ނުކުރެވޭނެ ކަމެވެ.
ކުރީން ވެރިކަމުގައި ހުރެގެން މީހުންމަރައި ލޭބޮއެ މަސްކައި އުޅުނު މީހާ ދައުލަތުގެ ޚަޒާނާއިން ފޭރިގަތް މުދާގަނޑުގެ މަތީގައި މަޑިއްޕައިގެން ބޮޑުހަވޭލި އަޅައިގެން މިއަދު އުޑާ ވާހަކަ ގޮވާ ހިސާބުގައި ދަގަނޑާއި ގަލާ ، ވަޅި އަރުވައިގެން ހުރެ ، ކާންދީ ފަލަކޮށްގެން ގެންގުޅޭ ގުންޑާއިން ލައްވައި މަގުހިނގާ މީހުންގެ ބޮލުގައި ތަޅާ މަރާލުމަށް މިއަދު އެގެންދަނީ މަސައްކަތް ކުރަމުންނެވެ. އޭނާގެ އަނިޔާވެރި ކަމުގެ ވާހަކައައިގެން ބަޔަކު ނުކުމެ އޭނާގެ ކިއްލާގެ ކައުރީގައި ތިބުމަކީ އެމީހުންގެ ބޮލަށް ގާއުކައި މަރުމުގެ ހައްގު ގާނޫނަކުން އޭނާއަށް ލިބިދީފައި އޮނަނާނެ ކަމެއް ނޫނެވެ. ނަމަވެސް މިއަދު އެކަންވެސް މިނިވަންކަމާއެކު ކޮށްލާފައި ރައީސް ނަޝީދުގެ ސަރުކާރުގެ ހިމާޔަތުގައި އަނިޔާވެރި ދައްޖާލު އެހެރީ ފިލައެވެ. އަނިޔާ ލިބުނު މީހުންގެ ހައްގު ކޮބައި ހެއްޔެވެ؟ މިކަލޭގެ މިހިންގާ ޖަރީމާތަކަށް އަޅާނުލައި ދޫކޮށް ހިމާޔަތް ދީގެން ތިބުމަކީ އަނިޔާވެރިކަމެކޭ ނުބުނެވޭނެ ހެއްޔެވެ؟ އެކަމުގެ ޒިންމާ މިސަރުކާރުންވެސް އުފުލާން ނުޖެހި، ފަރުޖެހޭނެ ހެއްޔެވެ؟ ޝަރުއީ ދާއިރާ ތަކުން އިންސާފާ އެއްގޮތަށް ކަންކުރާން ފުރުސަތު ނުދެނީޔޭބުނެ ގާނޫނު އަސާސީ ހުއްޖަތެއް ކަމުގައި ބުނެފައި އަމަށުން ވެރިކަމުގައި ތިބެވިދާނެ ހެއްޔެވެ؟ ޝަރުއީދާއިރާއިން މިނުބައި ނުލަފާ ” ކިނބިގަސްދޮށު ފުރޭތައިގެ ” އަނިޔާވެރިކަން ދަމަހައްޓާން މަސައްކަތްކޮށް ރައްޔިތުންނަށް މިއަދުވެސް ދެމުންގެންދާ އަނިޔާތަކަށް ވާގިވެރިވަމުން ގެންދާނަމަ ބޮޑުވާ ޖަހައިގެން ބޮޑުތަޅުއަޅުވައިގެން ، ގަންހިންގާ ގެންގޮސް ޝަރުއީދާއިރާ ހިނޭން ކަނޑުވައިގެން ނަމަވެސް މިގައުމުގައި އަދުލު އިންސާފު ގާއިމުކޮށް ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަކީ މިސަރުކާރުގެ ވާޖިބެކެވެ. ޝަގާފަތް ބަދަލުކުރާނަމޭ ހީކޮށް މިގޮތަށް ދޫކޮށްލައިގެން ތިބޭނަމަ ރައްޔިތުން މިއެދުނު ބަދަލު މިގައުމަށް ގެނެވިދާނެ ހެއްޔެވެ؟ ރައްޔިތުންނަށް މިނޫންދުވަހެއް ފެނިދާނެ ހެއްޔެވެ؟