މެންބަރުންގެ ޚިޔާލު: ސީޓު ބެލްޓު އަޅުއްވާށެވެ. ފުވައްމުލަކު އެއަރޕޯޓަށް ޖައްސާ ވަގުތު ޖެހިއްޖެއެވެ. !!

ފުނަމާ

fuvahmulah-airport-450-x-298

ފުވައްމުލަކުގައި މިވަގުތުގެ އިންތިޒާރުގައި ކެތްމަދުވެވާ ހާލު ” މެރިދިޔައީ ” ކިތައް ލޯހެއްޔެވެ؟ އަދަދެއް ނޭނގެއެވެ. މިހުވަފެން ދައްކައި ދައްކައި އެއް ސަރުކާރު ގައިމުވެސް ބާވެ ދިރުނބާކޮޅު އެއްގަމަށް އެހެލައިފިއެވެ. އެރައްޔިތުން ހަމަތިބީ އިންތިޒާރުގައެވެ. ހިތްދަތި ކަމާއި ހިތާމަޔާއިއެކު ކުރެވުނު ޝަކުވާގެ އަދަދެއް ނޭނގެއެވެ.
ރާއްޖޭގެ އެހެން އަތޮޅުތަކާއި ދުރުގައި ވަށައިގެން މާކަނޑުގެ ތެރޭގައި އޮތް މިއެކަނިވެރި ރަށުގެ ވަށައިގެން މާފުށްޓަރަށް މުގުރަމުން އެދާ ބިޔަ ރާޅުތަކުގެ ޝިކާރައަކަށްވެ ހަނާވެދިޔައީ ކިތައް މީހުންގެ އޮޑިފަހަރާ މުދާހެއްޔެވެ؟ ނެތިދިޔައީ ކިތައް ފުރާނަ ހެއްޔެވެ؟ އަދަދެއް ނޭނގެއެވެ. ބަނގުރޫޓުވެ ދިޔައީ ކިތައް ވިޔަފާރި ވެރީން ހެއްޔެވެ؟ ވިޔަކުރާކަށް ނޭނގެއެވެ.
މިސަރުކާރު އައިސް ރައީސް ނަޝީދު އަތޮޅުތަކަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު ތަކުގެ ތެރެއިން ފުއައްމުލަކަށް ވަޑައިގެން ކުރީގެ ސަރުކާރުން ވެފައިވާ މިވައުދު ފުއްދަވާ ދެއްވާނެ ކަމުގައި ވިދާޅުވުމުން ފުއައްމުލަކުގެ ރައްޔިތުންގެ އިތުރުން އެހެންމީހުންވެސް ޖެހީ ހަޖުލެވެ. އިގްތިސާދީ އަނދަވަޅެއްގައި ” ފައިބިނދިފައި ” އޮތް ސަރުކާރަކުން އެފަދަ ކަމެއް ކުރެވިދާނެ ކަމުގައި ހީކުރި މީހަކު ގައިމުވެސް ނެތެވެ. ގޮވައި ނެގީ އެއީ އިންތިޚާބާ ގުޅިގެން ކަނޑާ ފޮނި ބައިސާ ކަމުގައެވެ. ހުސްދޮގު ކަމުގައެވެ. ވާނީވެސް އެހެންތާއެވެ. ވޭތުވެދިޔަ މާޟީގައި މިނޫން މަންޒަރެއް ދުށްލޮލެއް ނެތިއްޔާއެވެ.
ރައީސް ނަޝީދު ރަށްރަށަށް އަރުއްވައި އަޅުއްވާ ދެއްވާނެ ކަމުގައި ވިދާޅުވި ފުލެޓުތަކުގެ ތެރެއިން ބޭނުންވާ ގިނަރަށްރަށުގައި އެއްކަލަ ފުލެޓުތައް އެޅެމުން ދާންފަށައި އެމަނިކުފާނަށް ރައްޔިތުންގެ ތެރެއިން ބަޔަކު އެރުވި ” ފުލެޓު ދޮންބެގެ ” ލަގަބު އަމިއްލަ ފުޅަށް ގަބޫލުކުރައްވައި ކުރިޔަށް ވަޑައި ގެންނެވި އިރުވެސް ފުއައްމުލަކުގެ ރައްޔިތުންގެ ހިތްތަކުގައި އުފެދުނު އުދާހަކަށް ނިމުމެއް ނައެވެ. އިތުރު ޝައްކާއި ވަހުމުން ފުރެމުން ދިޔައިރު ކަރުގައި ” ރާބަދި ” އެލުވައިގެން އެރަށުން ނުކުތް ބައެއް ހާމުދުރުން ގެންދިޔައީ ރައީސް ނަޝީދު އަޅުއްވައި ދެއްވާނެ ކަމުގައި ވިދާޅުވި އެއަރޕޯޓު ވުޖޫދަށް ނާންނާނެ ކަމުގައި ބުނެ ” މަތުރައި ” ރައްޔިތުންގެ ގަޔަށް ފެންޖަހަމުންނެވެ. އެކިޔެވެލީގެ ބާރުގައި ރައްޔިތުންގެ ހިތްތައް ފަސާދަވެ މަދު ބައެއްގެ ހިތުގައި މެނުވީ އުންމީދުގެ ކުނޑި ފަށެއްވެސް ނެތި ދިޔައީއެވެ. އެންމެ ފަހުން ގައިމު ބަދަަލު ނުވާނެ ކަމުގައި ހީކުރި ހިތްތައްވެސް ޝައްކުގެ އަޖަލުގައި ޖެހިދިއުމަށް ތައްޔާރު ވެގެން ދިޔައެވެ. ދެން ދުވަހަކުވެސް އެއުންމީދުތައް ހަގީގަތަކަށް ނުވާނެ ކަމުގައި މުޅީން ނިންމައި ކަފުންކޮށް ވަޅުލާން ތައްޔާރުވިއެވެ.
އެއަރޕޯޓުގެ މަސައްކަތް ހުއްޓެމުން ބަދުބަސްތަކާއި ރުޅިވެރިކަމުގެ ތަފާތު ނަޣަރާތައް އިއްވަމުން ދިޔައިރު އައްޑޫއާއި ފުއައްމުލައް އެއްކޮށް ލައިގެން ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މިސަރުކާރުން ގޮވައިލުމުން ފުއައް މުލަކުގެ ރައްޔިތުންނަށް ދޭން މަޖުބޫރުވީ ބީރު ކަންފަތެކެވެ. ނާއުންމީދުވި ލޯތަކުން އަލިކަން ދިޔައީ އިތުރަށް ފަނޑުވެ އިންދިރާސް ވަމުންނެވެ. ނަމަވެސް އައްޑޫގެ ރައްޔިތުން އުންމީދު ނަގާނުލައި ނުކުމެ އަތޮޅައިގެން ކުރިއަށް ދިއުމަށް މެކުހަށް ޖަހާލުމުން އައްޑޫ މިއަދު އެވަނީ ސިޓީއަކަށް ވެފައެވެ. ” ސުވައިދީބުގެ ” ހިތްދަތި ދުވަސްވަރުވެސް މިތުރުން ކަމުގައިވީ ފުއައްމުލަކުގެ ރައްޔިތުން އިތުރަށް އެކަހެރިވެ ބާކީވީކަމުގައި އަނެއްކާވެސް ނިންމާން ޖެހުނީއެވެ. މިއާއި އެކުއެކުހެން އަނެއްކާ އިވުނީ ، އިދިކޮޅު ފަރާތްތަކުގެ ބަހުރުވައިންނަމަ ، މިސަރުކާރުން ” ފެންނެތް ބޮޑުކާއްޓެއް ބިންނަން ” އުޅޭ ވާހަކައެވެ. 17 ވަނަ ސާކުސަމިޓު އަލަށް އުފަންވި އައްޑޫ ސިޓީއާއި ފުއައްމުލަކުގައި ބާއްވަން ނިންމެވިކަމާ އެސަމިޓުގެ ކުރީން ފުއައްމުލަކުގައި އެއްކަލަ އަޑިޔަށް ” ކައްޓަލަ ” ފައިބާހެން ، ދުވަހަކު މަތީން އޭގެ އަސަރު ފެންނާންނެތް އެއަރޕޯޓު އަޅައި ނިންމާނެ ކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވައިފިއެވެ. ނަމަވެސް އެތަކެއް އަހަރުވީއިރު ހުދުކާފޫރުހެން ވިރިގޮސްފައިވާ އުންމީދުތައް އަލުން ދިރޭގޮތެއް ނުވިއެވެ. ނާއުންމީދުން ފުރިފައިވާ ހިތްތަކުން އިތުރަށް ނުކުންނާނެ އާހެއް އަމުދުން ދެން އޮތް ކަމަކަށް ނުވިއެވެ. ނަމަވެސް ދެގޮތެއްނުވެ އަޒުމެއްގައި ތިބި މަދުބަޔަކު ނުކުމެ އުންމީދުގެ ހުޅުކޮޅު ނިވުނަނުދީ ހިފަހައްޓާލިއެވެ. މިފަހަރަކު އެއްކަލަ ފެންމަތުރައިގެން ކަރުގައި ރާއުނބު އެލުވައިގެން ދުވުނު މީހުންގެ ކިޔެވެލީގައި ބާރެއް ނުހިފިއެވެ. ގަސްތައް ކެނޑި މާސިންގާ ޖަންގަލި ދޮންވެލި ފިނޮޅަކަށް ބަދަލުވަމުން ދިޔަދިއުން ވައިގެ ބަނދަރެއްގެ ކުރެހުމަށް ބަދަލުވެދާކަށް މާގިނަ ދުވަހެއް ނުނެގިއެވެ. ހަމައެއާ އެކުގައި މަރުވެފައިވާ އުންމީދުތަކުގައި ވިންދު އުފައްދައި އަލުން ދުރުވައިދޭން ފަށައިފިއެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން އޮޑާލައި ގޮވަމުން ގެންދިޔަ ހާސަރުތަކާއި ފުރައްސާރައާއި ދުއްތުރާ ތަކަކަށް ނިމުމެއް ނައެވެ. ކުރެވުނިއްޔާ ކުރެވުނު މަލާމާތަކާއި އުނދަގުލެއް ދިޔައީ ކުރަމުންނެވެ. އެންމެ ފަހުން އާޚިރުގައި އަބަދުވެސް ކެތްތެރީންގެ ދުޢާ އިޖާބަ ކުރައްވާ މަތިވެރިވަންތަ އިލާހުގެ މިންވަރުފުޅުން އުންމީދު ކަނޑާނުލައި ހިފެހެއްޓި ހިތްތަކަށް ޝިފާދެއްވައި ދަރުމަ ކުރައްވައިފިއެވެ. ” ސީޓު ބެލްޓު އަޅުއްވާށެވެ. ފުއައްމުލަކު އެއަރޕޯޓަށް ޖައްސާ ވަގުތު ޖެހިއްޖެއެވެ. އަލް ހަމްދު ލިﷲ