ލޯކަލް ކައުންސިލް އިންތިޚާބު އަންނަންވާއިރަށް އެމްޑީޕީގެ މެންބަރުންގެ އަދަދު 50،000 އަށް އަރާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށް އެޕާޓީގެ އަމީން އާންމު ވިދާޅުވެއްޖެ

20 ޖޫން 2010

tulhaadhoo-dhaturu-25-06-2010-222-450-x-338

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަންވާއިރަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުންގެ އަދަދު މަދުވެގެން 50،000 އަށް އަރާނޭ ކަމަށް އުއްމީދު ކުރައްވާ ކަމުގައި އެޕާޓީގެ އަމީން އާންމު ޙަސަން ޝާހް ވިދާޅުވެއްޖެއެވެ.
އުތުރު ޕްރޮވިންސްގެ ބ.ތުޅާދޫގައި ބޭއްވި އެމްޑީޕީގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހް ވިދާޅުވީ އެމްޑީޕީ މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތްކަމަށާއި، އެމްޑީޕީ އަކީ ދާއިމީ ގޮތެއްގައި އެންމެ ބޮޑު ޕާޓީގެ ގޮތުގައި ދެމިއޮތުމަށް ދެން މާގިނަ ދުވަހެއް ނެތްކަމުގައެވެ. އެގޮތުން މިހާރުވެސް ގިނަ އަދަދެއްގެ މެންބަރޝިޕް ފޯމު އިލެކްޝަނާ ހަވާލުކޮށްފައިވާނޭ ކަމަށާއި، މެންބަރޝިޕް ފޯމު ޕްރޮސެސް ކުރުމުގައި އިލެކްޝަންސް ކޮމިޝަންސް އިން ދިގު މުއްދަތެއް ނަގާތީ އެކަމާ ބެހޭ ގޮތުން އެމްޑީޕީ މެންބަރޝިޕް ޓީމުން ދާދި ފަހުން އިލެކްޝަންސް ކޮމިޝަނާ މަޝްވަރާކުރައްވާފައިވާނޭ ކަމަށް ޝާހް ވިދާޅުވިއެވެ.
” އެމްޑީޕީ އަކީ އެންމެ ބޮޑު ޕާޓީއަށް ވާން އިރާދަކުރެއްވިއްޔާ ދެން މާގިނަ ދުވަހެއްނެތް. އަޅުގަނޑުމެން މި އުއްމީދުކުރަނީ ލޯކަލް ކައުންސިލް އިންތިޚާބު އަންނަންވާއިރަށް އަޅުގަނޑުމެންގެ މެންބަރުންގެ އަދަދު 50،000 އަށް އަރުވަން. އޭރުން ލޯކަލް ކައުންސިލް އިންތިޚާބް އަޅުގަނޑުމެންނަށް ކާމިޔާބުކުރެވޭނެކަމާ މެދު އަޅުގަނޑުމެންނަށް އެއްވެސް ޝައްކެއް ނެތް.” އަމީންއާންމު ވިދާޅުވިއެވެ.
މި ޖަލްސާގައި ޝާހް ދެއްކެވި ވާހަކައިގައި އެމްޑީޕީ ސެކްރެޓޭރިއަޓުން މިދުވަސްވަރު އެންމެ އިސްކަމެއް ކޮށްދީގެން ކުރަމުންގެންދާ ކަންތައްތަކާ ބެހޭ މަޢުލޫމާތު ހިއްސާކޮށްލެވިއެވެ. އެގޮތުން އެންމެ މުހިއްމު ކަމެއްދީގެން މިހާރުކުރިޔަށް ދަނީ އެމްޑީޕީގެ އަހަރީ ދުވަހަށް ތައްޔާރުވުމުގެ މަސައްކަތް ކަމުގައި ޝާހް ވިދާޅުވިއެވެ.
މިޖަލްސާއަށް ތުޅާދޫގެ އިތުރުން ބ. އަތޮޅުގެ ވަރަށް ގިނަ ރަށްރަށުން އެމްޑީޕީގެ މެންބަރުން ހާޒިރުވިއެވެ. އަދި މި ޖަލްސާގައި އަލަށް ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއަށް ވަނުމަށް އެދި ފޯމު ފުރައި ގިނަ އަދަދެއްގެ މެންބަރޝިޕް ފޯމު އެމްޑީޕީގެ އަމީން އާންމާއި ހަވާލުކޮށްފައިވެއެވެ.
ތުޅާދޫއަށް އެމްޑީޕީން ކުރި ކާމިޔާބު ދަތުރު ނިންމާލުމަށްފަހު އެމްޑީޕީގެ ވަފްދުން އެއަތޮޅު ހިތާދޫ، ކުޑަރިކިލު އަދި މާޅޮހަށް ވަޑައިގެން އެރަށްރަށުގެ އާންމު ހާލަތާއި، ރައްޔިތުންނަށް ދަތިވެފައިވާ ކަންތައްތަކަކީ ކޮބައިތޯ ބައްލަވާލެއްވިއެވެ.