20 ޖޫން 2010
މިދިވެހި ގައުމު ގައުމެއްގެ ގޮތުގައި ދެމިއޮތުމުގައި ތުޅާދު ރައްޔިތުންގެ ވަރަށް ބޮޑު ޙިއްސާއެއް ވާކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ރަޝީދު ވިދާޅުވެއްޖެއެވެ. ތުޅާދޫ އެމްޑީޕީ ހަރުގޭގެ އުތުރުން އޮންނަ ހުސް ބިމުގައި ހުކުރު ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ އާންމު ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން އަޙުމަދު ވިދާޅުވީ ތުޅާދޫއާ މެދު ކުރީގެ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި، ރަށްގިރުމާއި، ރަށަށް އަރާ ފޭބޭނޭ ގޮތެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާކަން ފާހަގަކުރެއްވޭ ކަމަށެވެ. ތުޅާދޫއާ މެދު ކުރީގެ ސަރުކާރުން ފަރުވާކުޑަކޮށްފައިވާ ކަމަށާއި ނަމަވެސް ބޭރުގެ އިއްޒަތްތެރިއަކަށް ހަދިޔާ އެއް ދިނަސް ދޭން ޖެހެނީ ތުޅާދޫ ރައްޔިތުންގެ ފަންނުވެރިކަމުން ލިޔެލާ ޖަހައިގެން ހަދާފައިވާ އެއްޗެއް ކަމުގައި އަހުމަދު ވިދާޅުވިއެވެ. ބޭރު ގައުމުތަކަށް ރާއްޖެ ތަޢާރަފްވެ ރާއްޖޭގެ ފަންނުވެރިކަން ބޭރަށް ވިއްކުމުގައި އެންމެ ބޮޑަށް ހިފަން ޖެހިފައިވަނީ ތުޅާދޫ މީހުންގެ ފަންނުވެރިކަމުގެ ބޭނުންކަމަށް ވިދާޅުވަމުން އެފަދަ މުހިއްމު ބަޔަކާމެދު އިހުމާލުވެ، ފަރުވާކުޑަކޮށްފައިވާތީ ވޭތުވެދިޔަ ސަރުކާރުގެ އިސްވެރިން ލަދުގަންނަން ޖެހޭނޭ ކަމުގައި އަޙުމަދު ރަޝީދު ވިދާޅުވިއެވެ. މި ޖަލްސާގައި އަޙުމަދު ރަޝީދު ދެއްކެވި ވާހަކައިގައި ކުރީގެ ސަރުކާރުން ކޮށްފައިވާ ބައެއް ލާދީނީ ކަންތައްތަކަށް ބައްލަވާލެއްވިއެވެ. އެގޮތުން މައުމޫންގެ ވެރިކަމުގައި ލަނޑާ ގިރާވަރަށް ބުދެއް ގެނެސްގެން ހިންގި ލާދީނީ ކަންތައްތަކާއި، ޖީސީއެމްޖީގެ ލަޤަބުގެ ވާހަކައަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ. ތުޅާދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި އެމްޑީޕީގެ އަމީން އާންމު ޙަސަން ޝާހް އާއި އެޕާޓީގެ އިސް ތަރުޖަމާން ޢަލީ ވަހީދު ވެސް ވާހަކަދެއްކެވިއެވެ. އަލީ ވަހީދުގެ ވާހަކަ މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ އެމްޑީޕީއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބ. އަތޮޅަށް އުފަން ބޭފުޅެއް ކަމުގައިވާ އައްޝައިޚް ޙުސައިން ޔޫސުފްގެ ޚިދުމަތުގެ މައްޗަށެވެ.