19 ޖޫން 2010
އެމްޑީޕީގެ ސަރުކާރެއް ހިނގަމުންދާއިރު، އެޕާޓީގެ އާންމު މެންބަރުން އަދާކުރަންޖެހޭ ވަރަށް މުހިއްމު މަސްއޫލިއްޔަތުތަކެއްވާ ކަމުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެރޭ އުތުރު ޕްރޮވިންސްގެ ބ.ތުޅާދޫގައި އޮތް އެމްޑީޕީގެ އާންމު ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން، އަސްލަމް ވިދާޅުވީ އެމައްސޫލިއްޔަތުތަކަކީ ވަކި ޕާޓީއަކަށް ބެލުމެއްނެތި އިދިކޮޅު ފަރާތްތަކާ ވެސް ގުޅިގެން އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްކުރުމުގެ މޮތުން ރަށުގެ ތަރައްޤީއަށް އިސްވެ މަސައްކަތްކުރުމާއި، ސަރުކާރުން އާންމު ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކުގެ މަޢުލޫމާތު އެކަށީގެންވާ ގޮތުގައި އާންމުންނާ ހަމައަށް ފޯރުވައިދިނުމަށް ރަށުފެންވަރުގައި މަސައްކަތްކުރުން ކަމުގައެވެ.
އަސްލަމް ވިދާޅުވީ ސަބްސިޑީއާއި، މަދަނައިގެ މަޢުލޫމާތާއި، އެކަނިވެރިމައިންނާއި ބަފައިންނަށްދޭ ސަރުކާރުންދޭ އިނާޔަތާއި، ފަޤީރުންނާއި މިސްކީނުން ހިލޭ މަދަނައިގައި ބައިވެރިކުރުމަށް ކުރާ މަސައްކަތާއި، ލޯފަން މީހުންނަށްދޭ އިނާޔަތާއި، އުމުރުން ދުވަސްވީ މީހުންނަށް ދޭ ޕެންޝަންގެ މަޢުލޫމާތު އެންމެ އެކަށީގެންވާ ގޮތުގައި އާންމުންނަށް ލިބިފައިނުވާ ކަމަށާއި، މިމަޢުލޫމާތު ފޯރުކޮށްދިނުމުގައި ކައުންސިލަރުންނާއި އެމްޑީޕީގެ ހުރިހާ މެންބަރުން ގުޅިގެން މަސައްކަތްކުރަން ޖެހިފައިވާ ކަމުގައެވެ.
ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ފަދައިން މިސަރުކާރު އެންމެ ބޭނުމެއްގައި ކަމަށާއި، އެބޭނުމަކީ ރައްޔިތުންނަށް ޚިދުމަތްކުރުންމަތީ ދެމިއޮތުން ކަމުގައި އަސްލަމް ވިދާޅުވިއެވެ. އެގޮތުން މިސަރުކާރު ވެރިކަމަށް އައީވެސް ދޮރުން ދޮރަށް ހިނގުމަށްފަހު ރައްޔިތުން އެންމެ ކަންބޮޑުވާ 5 ކަމެއް ފާހަގަކޮށް އެ 5 ކަންތައް ފުރިހަމަކޮށްދިނުމަށް ކަމަށާއި، މިހާރުވެސް ރަށްރަށުގެ ރައްޔިތުން އެންމެ ކަންބޮޑުވާ ކަންތައްތަކަކީ ކޮބައިކަން ސަރުކާރުން ކެނޑިނޭޅި ބަލަމުން ގެންދާ ކަމުގައި އަސްލަމް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ އޮށް ބާއަތޮޅުގައި އިންދަވައިދެއްވި ބާނީ ކަމަށްވާ މ.ނޫހިރި އައްޝައިޚް ޙުސައިން ޔޫސުފްއަށް، އޭނާގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބ.އަތޮޅުގެ އެމްޑީޕީ މެންބަރުންގެ ނަމުގައި ހަނދާނީ ލިޔުމެއް ދެއްވިއެވެ. މިހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް މުޙައްމަދު އަސްލަމްއެވެ.
އެމްޑީޕީން ތުޅާދޫއަށް މިކުރި ދަތުރުގައި އެރަށުގައި އެމްޑީޕީގެ އާހަރުގެ ވެސް އަސްލަމް ހުޅުއްވައިދެއްވިއެވެ. ހަރުގެ ހުޅުއްވައިދެއްވުމަށް ފަހު އަސްލަމް ދެއްކެވި ވާހަކަފުޅުގައި އެހަރުގެއަކީ ބޭނުންތެރިތަނަކަށް ހެއްދެވުމަށް ތުޅާދޫ އެމްޑީޕީ މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
މިދަތުރުގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހް އާއި، އެޕާޓީގެ އިސް ތަރުޖަމާން އަލީ ވަހީދުގެ އިތުރުން ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމްޑީޕީގެ ވަފްދަށް ތުޅާދޫން ކިޔާފައިވަނީ ވަރަށް ހޫނު މަރުހަބާއެކެވެ. އެގޮތުން މުޅިރަށްވަނީ ރީނދޫ ކުލައިން ޒީނަތްތެރިކޮށްފައެވެ. މީގެ އިތުރުން މެހުމާނުންނަށް މަރުހަބާކިޔުމަށް ޘަޤާފީ އައިޓަމެއް ވެސް އެރަށުން ހުށަހަޅައިދީފައިވެއެވެ.