ޢަރަބިއްޔާގެ ކަންކަމުގައި އެޑިކޭޝަން މިނިސްޓްރީން އަޅާނުލާކަމަށް ބުނުމަކީ އިންސާފެއްނޫން – ޢަރަބިއްޔާ

18 ޖޫން 2010

އެޑިއުކޭޝަން މިނިސްޓަރު ޑރ.މުސްޠަފާ ލުތުފީ އަރަބިއްޔާ ސްކޫލާމެދު ބަހައްޓަވާ ގާތްކަމާއި އެސުކޫލަށް އާ އިމާރާތެއް ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތް ބަޔާންކޮށް އެސްކޫލުން އިއްޔެ ނޫސް ބަޔާނެއް ނެރެފިއެވެ.
އަރަބިއްޔާ އިން ނެރުނު ނޫސްބަޔާނުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނާއި އަޅާނުލާކަމަށް ވާހަކަ ދެއްކުމުގެ އެއްވެސް ޖާގައެއް ނޯންނާނެކަމަށާއި އަރަބިއްޔާއަށް އާއިމާރާތެއް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތާ ދޭތެރޭ ފުރިހަމަ އިތުބާރު އެބައޮތް ކަމުގައި ބަޔާންކޮށްފައިވެއެވެ.
“މުސްތަޤުބަލުގައި ޢަރަބިއްޔާއަށް ހައްދަވަން ޤަސްދުކުރައްވާ ގޮތަކާމެދު މަދަރުސާގެ ބޯޑުން މިނިސްޓަރާ ސުއާލު ކުރެއްވުމުން (އެމަނިކުފާނު) ވިދާޅުވެފައިވަނީ، ސްކޫލެއް އެޅޭވަރުގެ ބަޖެޓެއް ލިބިއްޖެނަމަ ދެއަހަރު ދުވަހުގެތެރޭގައި އާސްކޫލެއް ކޮންމެވެސްތަނެއްގައި އަޅުއްވައި ދެއްވާނެ ކަމަށާއި، އެފަދަބަޖެޓެއް ނުލިބިއްޖެނަމަ ހަލާކުވި ޢިމާރާތުގެ ބަދަލުގައި އާޢިމާރާތެއް އެތަނުގައި އަޅުއްވައި ދެއްވާނެ ކަމުގައެވެ. އަދި މިމަދަރުސާގެ ސްކޫލްބޯޑަށް ދެއްވި އެޕޮއިންޓްމެންޓެއްގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުވެސް ވިދާޅުވެފައިވަނީ ދެއަހަރު ދުވަހުގެތެރޭގައި އާސްކޫލެއް އަޅުއްވައި ދެއްވާނެ ކަމުގައެވެ. މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުސްޠަފާ ލުޠުފީ އެއްދުވަހެއްގައި ފޯނުން ގުޅުއްވާފައި ވިދާޅުވުމުން، ރާއްޖޭގައި ހުންނަވާ ލީބިޔާގެ ރަސްމީ އޮފީހުގެ މަންދޫބު އައްސައްޔިދު ޢަބުދުލްބާސިޠު އަލްބަޣުދާދީ ގޮވައިގެން މިމަދަރުސާގެ މުދީރުޢާއްމު މިނިސްޓާރގެ އަރިހަށް ވަޑައިގަތެވެ. އެއިރު އެއީ ކީއްކުރަންކަމެއް މުދީރު ޢާއްމަކަށް އެގިވަޑައިގެންފައެއްނެތެވެ. އެދުވަހު މިނިސްޓަރ އެބޭފުޅާއާ ބައްދަލުކުރައްވާފައި ދެއްކެވީ ޢަރަބިއްޔާއަށް ޢިމާރާތެއް އަޅުއްވައިދެއްވުމަށް ބަޖެޓް ހޯއްދަވާ ވާހަކައެވެ.” ޢަރަބިއްޔާއިން ނެރުނު ނޫސްބަޔާނުގައި ވެއެވެ.

ޢަރަބިއްޔާއަށް އާޢިމާރާތެއް ހޯއްދެވުމުގެ މައްސަލާގައި ޢަރަބިއްޔާއިންއޮތީ ސަރުކާރަށް އިތުބާރު ކޮށްގެން ކަމަށާއި، އެކަމާމެދު ޢަރަބިއްޔާއިން ޝައްކެއް ނުކުރާކަމަށާއި، “ޢަރަބިއްޔާގައި އާޢިމާރާތެއް ކުރުމަށްޓާކާ މިހާރު މަސައްކަތް ފެށިއްޖެކަންވަނީ މިމަދަރުސާއަށް ކަށަވަރުވެފައެވެ. އަދި ﷲގެ އިރާދަފުޅާއެކު މިއަންނައަހަރު ނިމުމުގެކުރިން މިމަދަރުސާގެ ދަރިވަރުން އެކުދިންގެ މަދަރުސާ ކުރިންހުރިތަނުގާ ތިބެގެން ކިޔެވޭނެގޮތް ހަމަޖެހިގެންދާނެ’ ކަމަށް އެސްކޫލުގެ ނޫސްބަޔާނުގައިވެއެވެ.

އަރަބިއްޔާ ސްކޫލް މިހާރު ހިންގަމުންދާ އިމާރާތް ކަމަށްވާ މަންދު ކޮލެޖު ހިންގާ އިމާރާތުގެ ވެރިންނަށްވެސް އަރަބިއްޔާގެ ބަޔާނުގައި ތަޢުރީފްކޮށްފައިވެއެވެ.
ކަންމިހެން ހުރި ނަމަވެސް އަރަބިއްޔާ ސްކޫލާ އެޑިއުކޭޝަން މިނިސްޓަރު އަޅާނުލައްވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ 5 މެންބަރަކު ވަނީ އެމަނިކުފާނުގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ހުށަހަޅާފައެވެ. އަދި މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ މިހިނގާ ޖޫންމަހުގެ 30 ވަނަ ދުވަހަށް އެޖެންޑާވެސް ކޮށްފައެވެ.
އަރަބިއްޔާ ސްކޫލުގެ އިތުރުން އެހެން ސްކޫލް މަދަރުސާތަކުގެ އިސްވެރިންނާއި، މުދައްރިސުން ވެސް ޑރ.މުސްޠަފާ ލުތުފީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތަޢުރީފްކުރެއެވެ.