އެމްޑީޕީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ ބޭފުޅުންނާ ބައްދަލުކޮށްފި

17 ޖޫން 2010

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން މިއަދު އިލެކްޝަންސް ކޮމިޝަނުގެ އިސް ބޭފުޅުންނާ ބައްދަލުކޮށްފިއެވެ.
އެމްޑީޕީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނާއެކު މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމަކީ މެންބަރޝިޕް ފޯމު ފުރުމުގައި ހުރި ދަތިތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް އެމްޑީޕީ މެންބަރޝިޕް ޓީމުން މަޢުލޫމާތުދެއެވެ.
މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި އެމްޑީޕީ އިން ރަޖިސްޓްރީ ކުރަން ހުށަހަޅާ ފޯމުތައް ޕްރޮސެސްވުން ލަސްވާ މައްސަލައާއި، ފިންގަރޕްރިންޓް ބަލައިގަންނަ މިންގަނޑުތަކާއި، ރިޖެކްޓްވާ ފޯމުތައް ލިބޭނޭ އުސޫލަކާއި، އިލެކްޝަންސް ކޮމިޝަނަށް ވައްދާ ފޯމުތަކުގެ ކިއު ތަރުތީބު ބެލޭނެ ގޮތެއް އިންތިޒާމްކުރުމުގެ މުހިއްމުކަމާ ބެހޭ ގޮތުން އެމްޑީޕީގެ ފަރާތުން ބައިވެރިވި މަންދޫބުން ޚިޔާލުފާޅުކުރި ކަމަށާއި، މިބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ވަރަށް ބޮޑު އެއްބާރުލުމެއް އެމްޑީޕިއަށް ލިބުނު ކަމަށް އެޕާޓީން ބުނެއެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހްއާއި، އެޕާޓީގެ ރެޖިސްޓްރާ ޖެނެރަލް އަޙުމަދު ޝާހިދު އިސްކޮށް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އިސް ބޭފުޅެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ އެކޮމިޝަނުގެ ނައިބު ރައީސް ހަސަން ފަޔާޒް އެވެ.