ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށާއި ހިޔުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް ގިނަ އަދަދެއްގެ ބޭފުޅުން ކުރިމަތިލައްވައިފި

17 ޖޫން 2010

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށާއި، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރު ކަމަށް ކުރިމަތިލުމަށް މި ޖޫން މަހުގެ 3 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުއްވާލެއްވި ފުރުޞަތު، އިއްޔެގެ ނިޔަލަށް ހަމަވިއިރު، މި ދެ ކޮމިޝަނުގެ މެންބަރުކަމަށް ގިނަ އަދަދެއްގެ ބޭފުޅުން ކުރިމަތިލައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އެގޮތުން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޖުމްލަ 21 ބޭފުޅަކު އަދި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް 57 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވީ 19 ފިރިހެން ބޭފުޅުންނާއި 2 އަންހެން ބޭފުޅުންނެވެ. ހިޔުމަން ރައިޓްސް ކޮމިޝަނަށް ކުރިމަތިލެއްވީ 39 ފިރިހެން ބޭފުޅުންނާއި 18 އަންހެން ބޭފުޅުންނެވެ.
މި ދެ ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ޝަރުޠު ހަމަވޭތޯ ބެލުމަށް އެބޭފުޅުންގެ މަޢްލޫމާތުތައް ދިރާސާ ކުރެއްވުމަށްފަހު، އެ ދެ ކޮމިޝަނަށް ހަމަޖައްސަވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަންތައް، ވިހާވެސް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޚަބަރު ދެއެވެ.