ތޮއްޑޫގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް، ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު އިފްތިތާޙްކޮށްދެއްވައިފި

thoddu

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހަވީރު އިފްތިތާޙްކޮށްދެއްވައިފިއެވެ. އެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ، ތޮއްޑޫގެ ނަރުދަމާގެ ނިޒާމު ޤާއިމް ކުރުމާއި، ތޮއްޑޫ ނެރު ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތެވެ. މީގެއިތުރުން، ތޮއްޑޫ މަދްރަސާގެ ކިޔެވުން، އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކައި ބިނާކުރާ 6 ކްލާސްރޫމްގެ ޢިމާރާތުގެ ބިންގާވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު އަޅުއްވައިދެއްވިއެވެ.

ތޮއްޑޫގެ ތަރައްޤީގެ މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވުމަށް، ތޮއްޑޫ ބަނދަރު ސަރަޙައްދުގައި ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތޮއްޑުއަކީ ބުރަ މަސައްކަތްކުރާ، ހީވާގި ރައްޔިތަކު ދިރިއުޅޭ ރަށެއްކަން ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އަޅުގަނޑުމެން މިދެކޭ ދަނޑުވެރިކަމުން މާލޭގެ ބާޒާރުގެ ތިޔާގިކަމާއި، އެތައް އެތައް ރޯދަމަހެއްގެ ފަހިކަން އަޅުގަނޑުމެންނަށް ގެނެސްދީފައިވަނީ ތޮއްޑޫ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ތޮއްޑޫ ބޭނުންކޮށްގެން ނޫން ގޮތަކަށް ރާއްޖެ ތަރައްޤީ ކުރުމަކީ، ބުއްދިވެރި ކަމެއް ނޫންކަން، ހަމަ ބުއްދިން ވިސްނާ ކޮންމެ ރައްޔިތަކަށްވެސް އެނގޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތޮއްޑޫ ބަދަލުކުރުމަށްޓަކައި ތޮއްޑޫގައިވެސް ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމުގައި ވިދާޅުވިއެވެ. އަދި ތޮއްޑުއަކީ ރާއްޖޭގެ އެހެން ރަށްރަށާ ޚިލާފަށް، ދޮށީ ޢުމުރުގެ މީހުން ވަރަށްގިނަ ރަށެއްކަންވެސް ބަޔާންކުރެއްވިއެވެ.
ސަރުކާރުން ހިންގަވާ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، 2012 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތޮއްޑޫ ރައްޔިތުންވެސް އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މަދަނައިގައި ރަޖިސްޓްރީ ކުރެއްވުމަކީ، ސަރުކާރުގެ އަމާޒުކަން ހާމަކުރެއްވިއެވެ.
ތޮއްޑޫގެ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް، އިރާދަކުރެއްވިއްޔާ، ސާކް ސަމިޓަށްފަހު ފެށޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތޮއްޑޫ މަދްރަސާ، އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކައި 6 ކްލާސްރޫމްގެ ޢިމާރާތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވުމަށްފަހު، ދެއްކެވި ވާހަކަފުޅުގައި، މިއަހަރު މަދްރަސާ ބަންދުވާ ހިސާބުން މަސައްކަތް ފެށޭވަރުވާނެ ކަމަށާއި، އިރާދަކުރެއްވިއްޔާ، ސްކޫލް ޗުއްޓީ ނިމި، މަދްރަސާ ހުޅުވެންވާއިރަށް، އާ ކްލާސްރޫމްތަކާއެކު، މަދްރަސާގެ ކިޔެވުން، އެއްދަންފަޅިއަށް ބަދަލުކުރެވޭނެ ކަމުގައި ވިދާޅުވިއެވެ.