ރައީސުލްޖުމްހޫރިއްޔާ ދިއްލީ 2010 ކޮމަންވެލްތް ގޭމްސްގެ ކްއީންސް ބެޓަންއާއެކު ރާއްޖެއަށް ޒިޔާރަތް ކުރެއްވި ކޮމަންވެލްތްގެ ވަފްދާ ބައްދަލުކުރައްވައިފި

16 ޖޫން 2010

common-wealth-batons

“ދިއްލީ 2010 ކޮމަންވެލްތް ގޭމްސް”ގެ ކުއީންސް ބެޓަންއާއެކު ރާއްޖެއަށް ޒިޔާރަތް ކުރެއްވި ކޮމަންވެލްތް ގޭމްސް ފެޑެރޭޝަންގެ ވަފްދާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިފަދަ ބޮޑު ކުޅިވަރު މުބާރާތެއް ކާމިޔާބުކަމާއެކު ބޭއްވުމުގެ ޤާބިލްކަމާމެދު ޝައްކެއް ނުކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ކޮމަންވެލްތް ގޭމްސް އިތުރަށް ފުރިހަމަ ކުރުމަށް ރާއްޖެއަށް ވެދެއްވެން ހުރި މިންވަރަކުން އެހީތެރިކަން ފޯރުއްވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގައި ކޮމަންވެލްތް ގޭމްސްއަށް މަޤްބޫލުކަން އިތުރުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން، މިއީ، ރާއްޖޭގެ އެތްލީޓުންނަށްވެސް އެކަމުގެ ފައިދާ ލިބޭނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މާލޭގައި އިއްޔެ ހެނދުނު ބޭއްވުނު ކްއީންސް ބެޓަންގެ ރިލޭގައި ރައީސުލްޖުމްހޫރިއްޔާވަނީ ބައިވެރިވެވަޑައިގެން، މާލެ ވަށައި ބޭއްވުނު ބެޓަން ރިލޭ ފުރިހަމަ ކުރައްވާފައެވެ.
މި ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ، މި ރިލޭގައި ބައިވެރިވެ ވަޑައިގެންނެވުމަކީ، ކްއީންސް ބެޓަންގެ ދަތުރަށް ލިބިގެންދިޔަ އިތުރު ޝަރަފެއްކަން ފާހަގަކުރެއްވިއެވެ. އަދި މިއީ ޤައުމެއްގެ ވެރިއަކު ކްއީންސް ބެޓަންއާއެކު ދުވެވަޑައިގެންނެވި އެންމެ ދުރުމިން ކަމުގައި ވިދާޅުވިއެވެ.
ރާއްޖެއަކީ، 29 އޮކްޓޯބަރ 2010ގައި އިނގިރޭސިވިލާތުގެ ބަކިންގހަމް ޕެލަސްއިން ފެށިގެން ކޮމަންވެލްތްގެ ހުރިހާ ޤައުމަކަށް ކުއީންސް ބެޓަން ގެންދިއުމަށް ކުރާ ދަތުރުގެ 67 ވަނަ މަންޒިލެވެ. ރާއްޖެއިން ފުރަތަމަ ބައިވެރިވެފައިވަނީ 1986 ވަނަ އަހަރު އެޑިންބަރާގައި ބޭއްވުނު ކޮމަންވެލްތް ގޭމްސްގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކާއި، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑީ. އެމް. މުލޭއާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް އިބްރާހީމް އިސްމާޢީލް ބައިވެރިވެވަޑައިގެންނެވިއެވެ.