ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު މަޖިލީހުގައި އަވަސް ކުރުމަށް ސަރުކާރުން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

16 ޖޫން 2010

loafan

“ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު” ރައްޔިތުންގެ މަޖިލީހުގައި އަވަސް ކުރުމަށް ސަރުކާރުން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ލޯފަން މީހުންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއެއް ކަމުގައިވާ “ވިޜުއަލް އިމްޕެއަރމަންޓް ސޮސައިޓީ އޮފް މޯލްޑިވްސް”ގެ ބައެއް މެންބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމަށާއި، މި ބިލު ފާސްވެގެން ދިޔުމުން، އެފަރާތްތަކުގެ ވަރަށްގިނަ ޙައްޤުތަކެއް ރައްކާތެރިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން މިޖަމްޢިއްޔާއަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުންނާއި، އެޖަމްޢިއްޔާގެ ޙަރަކާތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޢްލޫމާތު އޮޅުންފިލުއްވިއެވެ.
ވިޜުއަލް އިމްޕެއަރމަންޓް ސޮސައިޓީ އޮފް މޯލްޑިވްސްގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ލޯފަން މީހުންނަށް އުނގެނުމުގެ ފުރްޞަތު މަދުކަން ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ސަރުކާރުގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރެއްވިއެވެ.