ރ.ހުޅުދުއްފާރު އެމް.ޑީ.ޕީ ގޮފިތަކުގެ މެމްބަރުންނާ އުތުރު ޕްރޮވިންސް ގެ ރައީސް ބައްދަލުކުރައްވައިފި

img_2177-600-x-450

ރ.ހުޅުދުއްފާރު އެމް.ޑީ.ޕީ ގޮފިތަކުގެ މެމްބަރުންނާ އެމް.ޑީ.ޕީ އުތުރު ޕްރޮވިންސްގެ ރައީސް ޢަލީ ނިޔާޒް (ނިޔާ) ބައްދަލުކޮށްފިއެވެ. މި ބައްދަލުވުން އޮތީ މި ދިޔަ ހުކުރުދުވަހު ރ.ހުޅުދުއްފާރުގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިޔާ ފާހަގަކުރެއްވީ މިދިޔަ އޮކްޓޯބަރ 6 އިން 7 ށް ޅ. ފެލިވަރުގައި ބޭއްވުނު އުތުރުޕްރޮވިންސް މިނީ ކޮންގްރެސް އިން ނިންމާފައިވާ ނިންމުންތައް ތަންފީޒްކުރުމަށް ދާއިރާތަކުގެ ރައީސުންނާއި ގޮފިތަކުގެ ރައީސުންގެ އެހީތެރިކަމާ އެއްބާރުލުން ވަރަށްބޮޑަށްބޭނުންވާކަން ވިދާޅުވުއެވެ. އެގޮތުން ދާއިރާތަކުގެ ހިންގާ ގަވާޢިދު ނޮވެމްބަރ މަހުގެ ނިޔަލަށް ނިންމާ އެ ދާއިރާއަކުން ފާސްކޮށް އުތުރުޕްރޮވިންސް ސެކްރެޓޭރިއެޓްއަށް ހުށައެޅުމަށް ގޮވާލެއްވިއެވެ.އަދި ހުޅުދުއްފާރުގައި ޙަރަކާތްތެރިވާ ގޮފިތަކުގެ ހިންގާޤަވާއިދު އެކުލަވާލާ ދާއިރާގެ ރައީސްއާއި މަޝްވަރާކޮށް ޑިސެމްބަރ މަހުގެ ނިޔަލަށް އުތުރުޕްރޮވިންސް ސެކްރެޓޭރިއެޓްއަށް ހުށައަޅައިދިނުމަށް ގޮފިތަކުގެ ރައީސުންގެ ކިބައިން ނިޔާ އެދިލެއްވިއެވެ. މިކަން މިގޮތަށް ކުރުމުގެ ބޭނުމަކީ ޕާރޓީހިންގުން ހަރުދަނާކުރުން ކަމަށާއި، އެމް.ޑީ.ޕީ އަކީ ބޮޑު ޕާރޓީއެއްކަމަށާއި މި ޕާރޓީހިންގުމުގައިއުސޫލުތަކާއި ލިޔެވިފައިވާ ޤަވާއިދުތައް ހުންނަންޖެހޭ ކަމަށް ނިޔާ ހާމަކުރެއްވިއެވެ. އޭރުން މި ޕާރޓީއަށް އިތުރަށްވަންނަންތިބި މީހުންނަށް ހިތްވަރުލިބި މެމްބަރުން ޕާރޓީއަށްކުރާ އިތުބާރު ބޮޑުވާނެކަމަށްވެސް ނިޔާ ވިދާޅުވިއެވެ. އަދި އޭރުން 2013 ގައި ބޭއްވޭ ރިޔާސީއިންތިޚާބް ކާމިޔާބުވުމަށް މަގުފަހިވާނެކަމަށްވެސް ނިޔާ ވިދާޅުވިއެވެ. މިބައްދަލުވުމުގައި ހުޅުދުއްފާރު އެމް.ޑީ.ޕީ ގެ މެމްބަރުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ސަރުކާރުން ހުޅުއްދުއްފާރުގައި ހިންގުމަށް ރާއްވަވާފައިވާ ތަރައްޤީގެޕްރޮޖެކްޓްތައް ވީހާވެސްއަވަހަކަށް ފެއްޓޭނެ ގޮތެއްވެގެން ދިޔުމަކީ ހުޅުދުއްފާރުގައި އެމް.ޑ.ޕީ ގެ ޙަރަކާތްތައް ހިންގުމަށްވެސް ލިބިގެންދާނެ ހިތްވަރަކަށް ވެގެންދާނެ ކަމަކަށެވެ.

މި ބައްދަލުވުމުގައި އުތުރު ޕްރޮވިންސް ރާއީސްގެ އިތުރުން އުނގުފާރުދާއިރާގެ ރައީސް ޑރ. އަޝްރަފް އާއި، ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުޙައްމަދު ޒުބައިރުވެސް ބައިވެރިވެލެއްވިއެވެ.