ފަހަލަ ސަޢީދު
އަސުރު ވަގުތާއި ކައިރި ވެފައި ވަނިކޮށް ކެޔޮޅު ދުވަމުން ގެންދިޔައީ ގޭގޭ ދޮށަށްގޮސް އޮޑިއެހެލުމަށް ވަލުގައި ހިފައިދިނުމަށް މީހުންނަށް ގޮވުމަށެވެ. ދޯނީގެ ދަށްބުޑު ހަލާކުވެފައި އޮތުމާއެކު ގިނަމީހުންތަކެއް ވަލުގައި ހިފައިގެން ނޫނީ އިރުއޮއްސުމުގެ ކުރީން އޮޑި ފެނުން ނާރާނެތީއެވެ. މީހުންނަށް ގޮވުމުގެ މަސައްކަތުގައި ކެޔޮޅު އަވަދިނެތި ގޭގޭ ދޮށަށް ދުވަމުން ނާއިބު ކަލޭގެ ގޭދޮށަށް ދެވުނުއިރު ނާއިބު ކަލޭގެ އެހެން މީހަކާއެކު ދިޔާހަކުރު ރުނބައެއް ދަނޑިމާރު ލައިގެން ގެއިންނެރޭން މަސައްކަތް ކުރަނީއެވެ. ކެޔޮޅު އޮޑީގެ ވަލުގައި ހިފައިލަދޭން އަތިރިޔަށް
ގޮސްދިނުމަށް ނާއިބު ކަލޭގެއާއި އެކުގައި ހުރިމީހާގެ ކައިރީ އެދުމާއެކު ނާއިބުކަލޭގެ ” އެހަށް މިސޮރާއެކު މިހަކުރުރުނބާ މާލެދާން ދަތުރު ހަދަމުންދާ ބައްތެލީ ދޮށަށް ނެރެދީ ބަލާށޭ ” ކެޔޮޅު ކައިރީ ބުނެފިއެވެ.
” މިހާރު މިއުޅެނީ އޮޑިނޭހެލެވިގެން ލަސްވެގެން މީހުންނަށް ގޮވަން ، މިވަގުތު ތިޔަކަމަކާ ނޫޅެވޭނެ” ކަމުގައި ކެޔޮޅު ޖަވާބު ދިނެވެ.
” މިކަންނުކޮށް ހިނގައްޖެއްޔާ ތަޅާނަން ” ނާއިބުކަލޭގެ ވަރަށް ހަރުކަށިކޮށް ބުންޏެވެ. އަދި ކެޔޮޅަށް ތަންޑިޔަލުގައި ހިފަން މަޖުބޫރު ކުރުވިއެވެ.
” ތިޔައީދެން ނާއިބުކަލޭގެ ބުންޏަކަސް ކުރެވޭނެ ކަމެއް ނޫނެއްނު! ނާއިބުކަލޭގެ ހަކުރުރުނބައިގެ އެއްކޮޅުގައި ނުހިފައިގެންނޭ ބުނެ ޝަރީއަތުން މަގޭ ބުރީ ހަންނެގޭނީ ނޫނީ ތެޅޭނީ ކިހިނެއްތަ؟ ” ކެޔޮޅު ސުވާލު ކޮށްލިއެވެ.
” ނިކަންދޭބަލަ މިނުގެންގޮސް ހިނގައްޖިއްޔާ ތަޅާނަން ! ” ނާއިބުކަލޭގެ ރުޅިއައިސްފައި ބުންޏެވެ.
” ތިޔައީ އަޖާއިބެއް ! ތިކަމެއް ނުވާނެ ” ކެޔޮޅު ގޮތްދޫކުރާކަށް އެއްބަހެއް ނުވިއެވެ.
” ކެޔޮޅާ ރޭގެ ފަތިސްނަމާދު ކުރިންތަ ؟ ” ނާއިބުކަލޭގެ ސުވާލުކުރިއެވެ.
” އާން! ފަތިސް ނަމާދަށް ދިޔަކަން މުދިންބެޔަށްވެސް އެނގޭނެ ” ކެޔޮޅު ޖަވާބުދިނެވެ.
” އެހެންވިއްޔާ މެންދުރު ނަމާދު ކުރިންތަ؟ ” އަނެއްކާވެސް ނާއިބުކަލޭގެ ސުވާލު ކުރިއެވެ.
” ހެނދުނުއްސުރެ މިއުޅެނީ މޫދުގައި އޮޑިނޭހެލެވިގެން ، އެހެންވެ އަދި މިއުޅެނީ މެންދުރު ނަމާދު ނުކުރެވި ” ކެޔޮޅު ކަންބޮޑުވެފައި ހުރެ ޖަވާބުދިނެވެ. ( އެވަގުތު ކައިރީގައި ހުރި މިސްކިތުން މުދިންބޭ އަސުރު ނަމާދަށް ބަންގި ގޮވާއަޑު އިވެން ފަށައިފިއެވެ.)
” އެހެންވިއްޔާ ދެންހަދަންވީ ގޮތެއް ބުނެބަލަ ؟ މިތަންޑިޔަލުގައި ހިފައިގެން އަތިރިމައްޗަށް ދާނީތަ ؟ ނޫނީ މާދަމާ ނާއިބުގެޔަށް ދާނީތަ ؟ ތިހިރީ މެންދުރު ނަމާދު އަޅާފަ! ، ކަލޭ ދާނީ ހަކުރުރުނބާ ހިފައިގެންތަ ނޫނީ މާދަމާ ނައިބު ގެއަށްތަ؟ ”
ނާއިބުކަލޭގެގެ މިބަސް އިވުމުން ކެޔޮޅުގެ ވަރު އެލިއްޖެއެވެ. އެޒަމާނަކީ ވަގުތުގައި ނަމާދެއް އަޅައިފިކަން ސާބިތުވެއްޖެނަމަ ނާއިބުގެއަށް ގެންގޮސް ތަޅާ ދުވަސްވަރެއް ކަމުން ކެޔޮޅަށް ހަދޭނެ އެހެންގޮތެއް އޮތްކަމަކަށް ނުވިއެވެ. އެންމެ ފަހުން އެހެން ގޮތެއްނެތިގެން އޮޑިޔަކާ އޮޑިޔެއް ދޫކޮށްލާފައި ކެޔޮޅު ކަލޭގެ ތަންޑިޔާ އެއްކޮޅުގައި ހިފައިގެން ހަކުރު ރުނބާ ނެރޭން ހިނގައިގެންފިއެވެ.
” މުދިންކަލޭގެ ނަމާދު އަޅައިގެން ނާއިބުގެއަށް އަންގައިފިއްޔާ ހަނދާން ނެތިގެން ނުދެވުނީ ކަމުގައި ބުނާތި ! އަހަރެން އެކަން ނިންމާނަން!”
ނާއިބު ކަލޭގެ ގޭތެރެއަށް ވަންނަމުން ގޮވާލިއެވެ. ” އާދެ، އާދެ ” ކިޔަމުން ކެޔޮޅު ދިޔައީ ހަކުރުރުނބާ ހިފައިގެންނެވެ. މިއީ އެޒަމާނުގެ ފަނޑިޔާރުންގެ ހާލަތު ކަމުގައި ވާނަމަ މިއަދުގެ ހާލަކީ ކޮބައިބާވައެވެ. އެކަމަކު ދަންނަވަންތޯއެވެ. މިއީ ހަމަ ހަގީގީ ހާދިސާއެއް ކަމުގައި ބުނެ އިހުގެ މުސްކުޅީން މަޝްހޫރުކުރާ ވާހަކައެކެވެ.