އައްޑޫސިޓީގެ ފުރަތަމަ ރަންޢީދު

ފަހަލަ ސަޢީދު

ދެކުނު އޭޝިއާ ގައުމުތަކުގެ އެންމެ މަތީވެރިންގެ 17 ވަނަ ބައްދަލުވުން ރާއްޖޭގައި ބޭއްްވުމުގެ ތައްޔާރީތަކާއި އެކަމުގެ އިންތިޒާމްތައް މިހާރު ދަނީ ކުރެވެމުންނެވެ. ނޮވެމްބަރ 11 ން 12 އަށް އޮންނަ މި ސަމިޓް ބައްދަލުވުން ބޭއްވެނީ އައްޑޫސިޓީގައެވެ. މިއީ ބައިނަލް އަގްވާމީ މިފަދަ ބޮޑު ބައްދަލުވުމެއް އައްޑޫގައި ބޭއްވޭ ފުރަތަމަ ފަހަރެވެ.

ސާކް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ކުރެވެމުންދާ އެންމެ މުހިންމު ކަމަކީ، ހިތަދޫގައި އިމާރާތްކުރާ ކޮންވެންޝަން ސެންޓަރާއި އެ ސަރަހައްދުގެ ލޭންޑްސްކޭޕް ހެދުމުގެ މަސައްކަތެވެ. ކޮންވެންޝަން ސެންޓަރ އިމާރާތްކުރުމުގެ މަސައްކަތަށް ބަލާއިރު، މަސައްކަތުގެ 95 ޕަސެންޓް މިހާރު ވަނީ ނިމިފައެވެ. އިންތިޒާމް ކުރެވިފައިވާ ގޮތަށް ހުރިހާ ކަމެއް ދާނަމަ، ކުރިއަށް އޮތް ދެހަފުތާގެ ތެރޭގައި ކޮންވެންޝަން ސެންޓަރގެ މަސައްކަތް ނިމޭނެއެވެ.

ސާކް ޓާސްކް ފޯހުގެ ޗެއަރމަން އަމީން ފައިސަލް ވިދާޅުވީ، ކޮންވެންޝަން ސެންޓަރުގެ މިހާރު ކުރަމުން ދަނީ ތަނުގެ އެތެރެ ސާފުކުރުމުގެ މަސައްކަތެވެ.
ކޮންވެންޝަން ސެންޓަރާ ގުޅިފައިހުރި މަގުތައް ތާރު އަލައިގެން ރަނގަޅު ފެންވަރަކަށްހެދުމުގެ މަސއްކަތް ސަދަން ޔުޓިލިޓީސް އިން ދަނީ ކުރަމުންނެވެ. ކޮންވެންޝަން ސެންޓަރާއި ގުޅިފައިވާ މަގުތަކުގެ ތާރު އެޅުމުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާއިރު ކުރިއަށް އޮތް ވިހި ދުވަހުގެ ތެރޭގައި ތާރުއަޅަން ހަމަޖެހިފައިވާ ހުރިހާ މަގުތަކެއްގައި އެއްކޮށް ތާރުއަޅާ ނިންމާލެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި އަމީން ފައިސަލް ވިދާޅުވިއެވެ. ހިތަދޫ ބޮޑު މަގުގެ ތާރު އެޅުމުގެ މަސައްކަތަށް ބަލާއިރު، މަގުގެ އެއްފަރާތުގެ 1.8 ކިލޯމީޓަރުގައި ވަނީ ތާރު އަޅާ ނިމިފައެވެ. އެމަގުގައި ދެން އިތުރަށް އަޅަންޖެހެނީ 1.0 ކިލޯމީޓަރުގައެވެ. މަގުގެ އަނެއް ފަޅީގައި ތާރު އެޅުންލަސްވަނީ ބައިވޯޓާއިން އަޅާ ފެންހޮޅި ލުމުގެ މަސައްކަތް ނުނިމިގެންނެވެ.

މީގެ އިތުރުން ސަމިޓަށް ވަޑައިގަންނަވާ ބޭފުޅުންގެ ޝަރަފުގައި މުނިފޫހި ފިލިުވުމުގެ އައިޓަމްތަކާއި ސަގާފީ ހަރަކާތްތައް ދައްކާލުމުގެ ގޮތުން ޒުވާނުން ދަނީ އެކަމަށް ތައްޔާރު ކުރެވެމުންނެވެ.