ތަޢުލީމީ ނިޒާމަށް ނުފޫޒުފޯރުވުމުގެ ދައުރެއް މަޖިލީހަށް އޮތްކަމަކަށް އަޅުގަނޑު ނުދެކެން – އަލްހާން ފަހުމީ

16 ފެބްރުއަރީ 2010

alhaaan

ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ނުފޫޒްފޯރުވައި، ތަޢުލީމީ ނިޒާމްގެ ތެރެއަށް އަތްބޭނުމުގެ ދައުރެއް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާކަމަށް ދެކެވަދައިނުގަންނަވާކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ސްޕޯކްސް ޕާސަން އަދި ފޭދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު ޢަބްދުލް ޢަޒީޒް ޖަމާލު އަބޫބަކުރު، ހުށަހެޅުއްވި ޤަރާރަކާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން އަލްހާން އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ 3 ވަނަ ބާރުގެ ގޮތުގައި އޮވެގެން ދައުލަތުގެ އެންމެ މުހިއްމު ބާރުކަމަށްވާ ވެރިކަން ހިންގުމުގެ ބާރަށް އެއްބާރުލުންދީ ސަރުކާރުގެ ސިޔާސަތު ތަންފީޒްކުރުމަށް އެހީތެރިވެދޭން ޖެހެނޭ ކަމުގައެވެ.
އަލްހާން ވިދާޅުވީ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ބަސް ހިމާޔަތްކުރެވި، ދެމެހެއްޓިފައި އޮތީ، މަތީ ސާނަވީ ތަޢުލީމުގެ މަރުހަލާގައި އިސްލާމް، ދިވެހި ކިޔަވައިދީގެން ނޫންކަމަށާއި، އެހެންކަމުން އިސްލާމް ދީން ދިފާޢުކުރުމަށް ކޮންމެހެން އިސްލާމާއި ދިވެހި އެއީ މަޖުބޫރު މާއްދާތަކެއްގެ ގޮތުގައި މަތީ ސާނަވީ މަރުހަލާގައި ކިޔަވައިދޭން ޖެހޭކަމަށް ޤަބޫލުނުކުރައްވާ ކަމުގައެވެ.
އަލްހާން އިތުރަށް ވިދާޅުވީ ގްރޭޑް 11. 12 ގައި ކިޔަވާ ކުދިންނަކީ އެކުދިން ކުރިޔަށްދާން ބޭނުންވާ ދާއިރާއިން ވަކި މާއްދާއަކަށް ތަޚައްޞަސް (ސްޕެޝަލައިޒް) ވާން އޮންނަ މަރުހަލާ ކަމަށާއި، އެހެންކަމުން އެ މަރުހަލާގައި ވަކި މާއްދާއެއް ކިޔެވުން މަޖުބޫރުކުރުމަކީ ޤަބޫލުކުރެވޭނޭ ކަމެއް ނޫން ކަމުގައެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ރަޝީދު ދެއްކެވި ވާހަކައިގައި، ތަފާތު ނަންނަމުގައި ޤަރާރު ހުށަހަޅައިގެން މަޖިލީހުގެ ވަގުތު ބެކާރުކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ވަރަށް ބޮޑަށް ކުށްވެރިކުރައްވައި، ތަޢުލީމީ ގައުމީ މަންހަޖަށް ގެންނެވުމަށް ނިންމަވާފައިވާ ހެޔޮ ބަދަލުތަކަށް ތަޢުރީފް ކުރެއްވިއެވެ.