ސުނާމީގައި ހަލާކުވި ބަނދަރުތަކުގެތެރެއިން ހަ ރަށެއްގެ ބަނދަރު މަރާމާތުކުރުމަށް ފިނޭންސް މިނިސްޓްރީން ބީލަމަށްލައިފި

16 ޖޫން 2010

ސުނާމީގައި ހަލާކުވި ބަނދަރުތަކުގެތެރެއިން ހަ ރަށެއްގެ ބަނދަރު މަރާމާތުކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީން ބީލަމަށްލައިފިއެވެ.

މިގޮތުން ބީލަން ހުށަހެޅުމަށްޓަކައި ހުޅުވާލެވިފައިވާ ރަށްތަކަކީ، ބ. ދަރަވަންދޫ، ބ. ގޮއިދޫ، ކ. ކާށިދޫ، އއ. މަތިވެރި، ތ. ހިރިލަންދޫ، އަދި ގއ.ދެއްވަދޫ އެވެ.
މިރަށްތަކުގެ ބަނދަރު ހެދުމަށްޓަކައި އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީއާއި އޯޕެކު ފަންޑުން ލޯނު ލިބިވަޑައިގެންފައިވާ ކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއްވާފައިވެއެވެ.

އަދި މިމަސައްކަތްކުރަން އެދޭ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ އެންމެފަހުގެ ތާރީޚަކީ އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ 02:00 ކުރިން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ހާމަކޮއްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަސްލަމް ދާދިފަހުން ވިދާޅުވެފައިވަނީ، ރާއްޖޭގެ ރަށްތަކުގެ ތެރެއިން 66 ބަނދަރެއް މިހާރުން މިހާރަށް މަރާމާތު ކުރަންޖެހިފައިވާކަމަށެވެ.

މިހާތަނަށް އެއްގޮތަކަށް ވެސް ބަނދަރެއްހެދިފައިނުވާ ބައެއްރަށްރަށް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ހުރިހާ ބަނދަރުތަކެއް ހަދަން ހޭދަކުރަންޖެހޭ ފައިސާގެ ދަތިކަން ކުރިމަތިވެފައިވާކަމަށާއި އަދި ވޭތުވެދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ބަނދަރުގެ މަސައްކަތަށް އަހަރެއްގެ މައްޗަށް ނިޞްބަތުން 500 މިލިޔަން ރުފިޔާ ކަނޑައެޅިފައިވާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވެފައިވެއެވެ.