16 ޖޫން 2010
މިނިސްޓްރީ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަމަންޓުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ހުރަސްތަކުގެ އިތުރުން، ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވާ މައްސަލަތައް ދެނެގަތުމުގެ މަސައްކަތް އެމިނިސްޓްރީގެ ފަރާތުން ފަށައިފިއެވެ.
މިމަސައްކަތާއި ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތް ދެއްވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ ޓްރާންސް ޕޯޓް އެންޑް އެންވަޔަރަމަންޓް މައިޒާން އާދަމް މަނިކު ވިދާޅުވީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި ހުރަސްތަށް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދަނީ ޕްރޮވިންސްތަކާއި ހަވާލުކޮށްގެންކަމަށެވެ.
މިހާތަނަށް އައްޑު އަތޮޅުގެ ހުރިހާ ރަށެއްގައިވެސް މިސާވޭކޮށް ނިމިފައިވާކަމަށާއި، އައްޑު އަތޮޅުގެ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ކަންބޮޑު ވުމަކީ އެއަތޮޅުގައި ހަދާފައިވާ ލިންކްރޯޑުގައި ހިގާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ މައްސަލަތަށްކަމަށް މައިޒާން އާދަމް މަނިކު ވިދާޅުވެފައިވެއެވެ.
އަދި ނުރައްކާތެރި ބޮޑެތި އެކްސިޑެންޓްތައް ހިނގާފައިވަނީ ހެދިފައިވާ ގާނޫނު ތަކާއި ޤަވާއިދުތަކަށް އަމަލު ނުކުރުމާއި ޤާނޫނާއި ޤަވާއިދު ތަންފީޒު ކުރުން ދޯދިޔާވުމުގެ ސަބަބުންކަމަށް ރައްޔިތުން ފާހަގަކޮށްފައިވާކަމަށްވެސް މައިޒާން އާދަމް މަނިކު ވިދާޅުވެފައިވެއެވެ. އަދި މީގެ އިތުރުން ލިންކްރޯޑުގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް މުހިންމު ކަންތައްތަކެއް ފާހަގަކުރެވިފައިވާކަމަށްވެސް މައިޒާން އާދަން މަނިކު ވިދާޅުވެފައިވެއެވެ.
ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމުގައި މައްސަލަތަކެއް އެބަހުރިކަމަށް ޤަބޫލް ކުރެވޭކަމަށާއި އެކަން އެހެން ދިމާވަނީ ޚިދުމަތް ފޯރުކޮށްދޭން ތިއްބަވާ މުވައްޒަފުންނަށް އެކަމާއި ގުޅޭ މައުލޫމާތު ފޯރުކޮށްދެވިފައި ނެތުމުންކަމަށްވެސް އާދަން މަނިކު ވިދާޅުވިއެވެ.
ހައުސިންގ މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ހުރަސްތައް ދެނެގަތުމަށް މުޅިރާއްޖޭގައި އެދެ މުވައްސާއިން ފަށާފައިވާ މަސައްކަތް
ނިމުމުން އެކަން ދިރާސާކުރުމަށްފަހު ވީ އެންމެ އަވަސްފުރުސަތެއްގައި މި ދެ މުވައްސަސާއިން ރައްޔިތުންނަށް ދެމުންދާ ޚިދުމަތާއި ގުޅޭ ގޮތުން މިހާރު ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ފިޔަވަޅުއަޅާގޮތަށް ވަނީ ހަމަޖެހިފައެވެ.