16 ޖޫން 2010
ޓްރާންސްޕޯޓު އޮތޯރިޓީން ދެމުންދާ ބައެއް ޚިދުމަތްތައް ފުވައްމުލަކު އަތޮޅުއޮފީހުން ދިނުމުގެ ހުއްދަ ޓްރާންސްޕޯޓް އެއޮތޯރިޓީން ދެއްވައިފިއެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ދެމުންދާ ޚިދުމަތުގެތެރެއިން ފުވައްމުލަކު އަތޮޅު އޮފީސް މެދުވެރިކޮށް ދޭން ފަށާފައިވަނީ ރޯޑުވާރދިނަސް ސްޓިކާ ދޫކުރުމާއި، އަހަރީފީ ސްޓީކާ ދޫކުރުމާއި، ލައިސަންސްކާޑު ހެދުމުގެ ޚިދުމަތެވެ. މީގެއިތުރުންވެސް، ޓްރާންސްޕޯޓް މިނިސްޓްރީން މާލޭގައި ދެމުންދާ ގިނަ ޚިދުމަތްތަކެއް ފުވައްމުލަކު އަތޮޅުއޮފީސް މެދުވެރިކޮށް އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މައުލޫމާތު ދެއްވައެވެ.
މިގޮތަށް ހަމަޖެއްސުމުގެ އެއްމެބޮޑު ބޭނުމަކީ އެމިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ސްޕީޑު އަވަސްކޮށް އަދި ސަރުކާރުން ދެމުންދާ ޚިދުމަށްތައް ވީހާވެސް ލުއިފަސޭހަކޮށް ރައްޔިތުންނާއިގާތުން ލިބޭނެގޮތް ހަމަޖެއްސުންކަމަށް މިނިސްޓްރީ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަމަންޓުގެ ސްޓޭޓް މިނިސްޓަރ މައިޒާން އާދަމްމަނިކު ވިދާޅުވިއެވެ.
އެގޮތުން އެދެމުއައްސަސާ މެދުވެރިކޮށް ރައްޔިތުންނަށް ލިބެމުންދާ ޚިދުމަތާއި އަދި އެދެމުއައްސަސާގެ ޚިދުމަތްތަށް ލިބިގަތުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަށް އޮޅުންފިލުވައިދީ، އެދަތިތައް ހައްލުކޮށްދިނުމުގެގޮތުން ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތްވެސް މިހާރު ގެންދަވަނީ ކުރައްވަމުންކަމަށް ޓްރާންސްޕޯޓްއިން މައުލޫމާތު ދެއްވައެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރަމުންދާ އޭ ޒޯން ލައިސަންސް ޕްރޮވިންސްތަކުން ދޫކުރުމަށް އެތޯރިޓީން ކުރައްވަމުން ގެންދަވާ މަސައްކަތުގެދަށުން، ދެކުނު ޕްރޮވިންސްގައި ހިމެނޭ ފުވައްމުލަކައް އޭޒޯން ލައިސަންސް ދޫކުރުމުގެ ޚިދުމަތް ތައާރަފްކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް 10 ވަނަ ދުވަހުއެވެ.
ރާއްޖޭގެ ހަތް ޕްރޮވިންސުގެ ރައްޔިތުންނަށް މާލެ ނުގޮސް، އޭޒޯން ލައިސަންސް ލިބޭނެމަގު ތަނަވަސްކޮށްދިނުމަށް ޓްރާންސް ޕޯޓް އޮތޯރިޓީން ކުރައްވަމުންގެންދަވާ މަސައްކަތުގެދަށުން މިހާތަނަށް ފަސް ޕްރޮވިންސެއްގައި މިޚިދުމަތް ތައާރަފް ކުރެވިފައިވާކަމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވިއެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ، މާލޭގައި ލައިސަންސް ނެގުމަށް ބޭނުންކުރާ ހުރިހާ ވަސީލަތެއް ފުވައްމުލަކުގައިވެސް ހުންނާނެކަމަށާއި، ފުވައްމުލަކުންވެސް ދޫކުރަމުންދާނީ މާލެއިން ދޫކުރަމުންދާ ލައިސަންސް ކާޑުކަމުގައެވެ.