ފިނޭންސް މިނިސްޓަރުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ޑީއާރްޕީން ނިންމުމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން އެކަމަށް ރައްދު ދެއްވައިފި

ތަސްމީން އެ އުޅެނީ ޕީޕީއެމް އުފެދި، އޭނާ ސިޔާސީ ގޮތުން ބަލިކަށި ވެގެން ދާތީ މަޝްހޫރުކަން ހޯދަން.

އިބްރާހީމް ރާމިޒް

reeko-moosa

ފިނޭންސް މިނިސްޓަރު އަޙުމަދު އިނާޒްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ޑީއާރްޕީން ނިންމުމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު، އެކަމަށް ރައްދު ދެއްވައިފިއެވެ.
އެމްޑީޕީ ވެބްސައިޓަށް މިއަދު ދެއްވި ބަސްދީގަތުމެއްގައި އެ ޕާޓީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވީ މިނިސްޓަރ އިނާޒްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޑީއާރުޕީން ނިންމާފައިވަނީ “ތަސްމީނަށް ސިޔާސީ ގޮތުން މަޝްހޫރުކަން ހޯދަން” ކަމަށާއި، ދުނިޔެއާއި ރާއްޖޭގެ އިޤްތިޞާދު މިހާ ދަތި ދުވަސްވަރެއްގައި ވެސް، ރާއްޖޭގެ އިޤްތިޞާދު އިނދަ ޖައްސާލައި، ތަރައްޤީގެ މަޝްރޫޢުތައް މަޑުޖެއްސުމުގެ ޙީލަތްތެރި ރޭވުމުގެ ދަށުން ޑީއާރުޕީން ތަސްމީން އަޑީގައި ހުންނަވައިގެން ނިންމާފައިވާ މި ނިންމުން “ހަމަހިލާ ކާމިޔާބުވިޔަ ނުދޭނޭ” ކަމަށެވެ.
” ތަސްމީން އެ އުޅެނީ ޕީޕީއެމް އުފެދި، އޭނާ (ތަސްމީން) ސިޔާސީ ގޮތުން ބަލިކަށި ވެގެން ދާތީ، މަޝްހޫރުކަން ހޯދަން. ހަމަ ހިލާ ޑީއާރުޕީގެ މިޙީލަތްތެރި ރޭވުން ކާމިޔާބު ވިޔަކަ ނުދޭނަން. ” މޫސަ ވިދާޅުވިއެވެ. ” (ތަސްމީން) މައުމޫނުގެ އަތްދަށުން ސަލާމަތްވެގެން ސިޔާސީ ގޮތުން ކިނދު ނުފިލައިގެންއުޅެނިކޮށް، ބަހަނާއެއް ކުރިމަތިކުރުވާފަ، ވަޒީރުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ތަސްމީން ނިކުންނަން ޖެހޭނީ ސިޔާސީ ގޮތުން ވަރަށް ވިސްނާފަ. ހަމަ ހަގީގަތަށް މި ބުނަނީ ވަރަށް ވިސްނާފަ. އެހެން ނުނީ އޭގެ ނަތީޖާ ވަރަށް ގޯސްވާނެ. މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ވޯޓެއް ނެގުމަށް، އިދިކޮޅު ފަރާތްތައް މަސައްކަތްކުރާތަން އެމްޑީޕީގެ ލީޑަރޝިޕާއި، މި ޕާޓީގެ މެންބަރުން ބަލަހައްޓައިގެނެއް ނުތިބޭނެ”.
މެދުކެނޑުމެއް ނެތި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒް ކުރެއްވުމުގައި ބުރަ މަސައްކަތްތަކެއް ކުރައްވާ އަދި، ކުރީގެ ސަރުކާރުން އިނދަޖައްސާލާފައިވާ ރާއްޖޭގެ ނާޒުކު އިޤްތިޞާދު ނެގެހެއްޓުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރައްވަމުން ގެންދަވާ އެއް ވަޒީރު ކަމަށްވާ، ޒުވާން ފިނޭންސް މިނިސްޓަރު އަޙުމަދު އިނާޒްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށަހެޅުއްވީ ސީދާ އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ކަމަށް ވަނީ މަޢުލޫމާތުލިބިފައެވެ. އަދި މިއީ ސިޔާސީ “ސްޓަންޓެއް” ކަމަށް މޫސަގެ އިތުރުން އެމްޑީޕީގެ އިސް އެހެން ފަރާތްތަކުން ވެސް ދަނީ ބުނަމުންނެވެ.