އެމްޑީޕީ މަޑަވެލި ދާއިރާގެ މަޖިލިސް ޑިސެމްބަރު ފުރަތަމަ ހަފްތާގައި ބާއްވާ ގޮތަށް ހަމަޖައްސައިފި

މަޑަވެލި ދާއިރާގެ އޮފީސް ގާއިމް ކުރާނީ ހޯނޑެއްދޫ ގައި ކަމަށް ވެސް ހަމަޖެއްސި

އިބްރާހީމް ރާމިޒް

madaveli-dhaaira

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މަޑަވެލި ދާއިރާގެ “ބޮޑު މަޖިލިސް” މިއަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުމަށާއި، އެ ދާއިރާގެ އެމްޑީޕީ އޮފީސް އެ ގދ.ހޯނޑެއްދޫގައި ގާއިމް ކުރުމަށް އެމްޑީޕީ މަޑަވެލި ދާއިރާގެ ހިންގާ ކޮމިޓީން ނިންމައިފިއެވެ.
އިއްޔެ މެންދުރު ފަހު އެމްޑީޕީގެ މައި ސެކްރެޓޭރިއަޓްގެ ކޮންފަރެންސް ހޯލުގައި ބޭއްވި ދާއިރާ ބައްދަލުވުމުގައި އެ ދާއިރާގެ މެންބަރުންނަށް ފޮނުވާފައިވާ ދާއިރާގެ މަޖިލިސްގެ ހިންޤާ ޤަވާއިދުގެ ޑްރާފްޓްއާއި ބެހޭގޮތުން މަޝްވަރާކުރުމާއި، އޮފީސް ގާއިމްކުރަން ފެށުމާއި ބެހޭގޮތުން މަޝްވަރާކުރުމާއި، ދާއިރާގައި ހިމެނިފައިވާ ގޮފިތައް ސައްހަކުރުމާއި ބެހޭގޮތުން މަޝްވަރާކުރުމުގެ އިތުރުން ވެސް އެ ދާއިރާގެ ހިންގާކޮމެޓީގެ ފަރާތުން ދާއިރާގެ މަޖުލީހަށް ހުށަހަޅަންޖެހޭ ކަރުދާސް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.
އިއްޔެގެ ބައްދަލުވުމުގައި އެމްޑީޕީ މަޑަވެލި ދާއިރާގެ ހިންގާ ކޮމިޓީގެ މެންބަރުން ކަމަށްވާ އެ ދާއިރާގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް އާއި، އެ ދާއިރާގެ ނައިބު ރައީސް މުހައްމަދު މައުރޫފް (މާޓިން) އާއި، ސެކްރެޓަރީ މުއާޒް މުހައްމަދު (މޯލާ) އާއި، ސެކްރެޓަރީގެ ނައިބް މުހައްމަދު ހަމީދުގެ އިތުރުން މައުލޫމާތާއި އިޝްތިހާރުގެ ސެކްރެޓަރީ އާޒިމް ޝަރީފް (އާޒިމް) ވެސް ބައިވެރިވެލެއްވިއެވެ.
މަޑަވެލި ދާއިރާގައި ހިމެނެނީ ތިނަދޫ އެންމެ ދެކުނު އަވަށުގެ ސަރަހައްދާއި، މަޑަވެލި، ހޯނޑެއްދޫ އަދި ނަޑެއްލާއެވެ.