ފުނަމާ
މިއަދު މިގައުމުގައި މިސަރުކާރުން ކުރަމުން ގެންދާ ތަރައްގީގެ މަސައްކަތްތައް އެމަސައްކަތް ކުރަމުން ގެންދާ ތަނެއްގައި ތިބި ކޮންމެ ބަޔަކަށް ފެންނާނެއެވެ. ވޭތުވެދިޔަ ކުރުމުއްދަތުގައި ކުއްލިޔަކަށް ހިކިގެންދިޔަ އެތަކެއް ބިމާއި ، ފުންކުރެވުން ބަނދަރުތަކާއި ، އެޅުނު ނަރުދަމާތަކާއި ލެވުނު ފެންހޮޅިތަކުގެ އަދަދު ކިތަންމެހާވެސް ގިނައެވެ. މާލޭގައި ނޫނަސް މަގުތައް ހެދި ފުލެޓުތައް އެދަނީ އެޅެމުންނެވެ.
އާގާނޫނު އަސާސީ އަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަމުގައި ބުނެ މިސަރުކާރާއިއެކު ހަވާލުކުރެވުނު ޚަރަދުބޮޑު ކިތަންމެ ކަމެއް މިސަރުކާރުން އެގެންދަނީ ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދެމުންނެވެ. މިއިން ކޮންމެ ކަމަކީ ހަމަހުރެފައި ވާންހުރި ކަންކަމެއް ނޫނެވެ. އެތަކެއް ހޭދައާއި މިންނެތް މަސައްކަތް ކުރާންޖެހޭ ކަންކަމެވެ. އެތަކެއް ވިސްނުން ވިސްނާން ޖެހޭކަންކަމެވެ. މިއަދަކު ސަރުކާރުން ކުރާހާ ކަމެއް އެންމެ ރަނގަޅޭ ބުނެ ނިންމާލާކަށް ރައްޔިތުން ބޭނުމެއް ނުވާނެއެވެ. ބަސްކިޔާނެއެވެ. ގޮތާއި ، ފާޑުކިޔާނެއެވެ. ލޯވަޅަކުން ފައިސާ ފޮއްޗެއް ޖީބަކަށް ނަހަމަ ގޮތުގައި ވެއްޓޭތޯވެސް ބަލާނެއެވެ. ސިޔާސީ ގޮތުން ކުރެވުނުހާ ޖެއްސުމެއްވެސް ކުރާނެއެވެ. މިހުރިހައި ކަމަކާ އެކުވެސް މިއަދާ ހަމަޔަށް މިސަރުކާރުން ކުރެވިފައިވާ މަސައްކަތްތަކާއި ކޮށްނިންމަމުން ގެންދާ މަސައްކަތްތަކަކީ އިޚުލާސްތެރި ކަމާއިއެކު ބަލައި ގަންނާން ޖެހޭނެ ކަންކަމެވެ.
ހަލުއި ސްޕީޑުގައި ރާއްޖޭގެ ތަރައްގީ ” މެކުހަށް ” ޖަހައިގެން މިސަރުކާރުން ގެންދާއިރު އިދިކޮޅު ސިޔާސީ ފަރާތްތަކަށް މިކަމެއް ހަޖަމެއް ނުކުރެވޭނެއެވެ. ސަރުކާރުގެ ތަރައްގީގެ ސްޕީޑު ގެއްލި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައްވެސް ފޯރުކޮށް ދިނުމަށް ދަތިވުމީ އިދިކޮޅު ފަރާތްތަކުން ދެހާސް ތޭރައިގައި ވެރިކަމަށް މުޑިނަގައި އަރުވާޖަހައިގެން އެތިބަ ބިބުމަށް ލިބޭނެ ބާރެއް ކަމުގައި ވާތީވެ ކަޮންމެ ގޮތަކުންވެސް މިކަންކަން މިމަގަށް ނުހިނގާނެ ގޮތެއް ވުމަކީ އެމީހުން ބޭނުންވާނެ ކަންކަމެވެ. މިސަރުކާރުން ކުރާންފެށި އެއްކަމެއް ވިއްޔާ ކޯޓާހަމަޔަށް ނުގޮސް ކުރެވޭ ހެއްޔެވެ؟ ކުރީގެ އައްޑު އަތޮޅު ސިޓީއަކަށް ހެދުނީ ކިތައްމީހުން އެކަން ހުއްޓުވަން ކޯޓަށް ވަންފަހުން ހެއްޔެވެ؟ އެވަރުންވެސް އެކަން ވެފައި އެއޮތީ މިސަރުކާރުން އައްޑުއަތޮޅުގެ ރައްޔިތުންގެ ހައްގުގައި ގޮތްދޫނުކޮށް ހިފަހައްޓައި އެބުނާހެން ” ޗާޓުން ބޭރަށް ” ވެސް ޖެހިލައިގެންނެވެ. އެހެން ނޫންނަމަ މިއަދަކު އެހެރަ ފުރިހަމަ ވަމުން އަންނަ އައްޑޫ ސިޓީ އެއް އަދި މިރާއްޖެއަކު ނޯތީހެވެ. ރަށެއްގެ ބިންހިއްކާން ފެށިޔަސް ކޮންމެވެސް ބަޔަކު އެރަށެއްގެ ރައްޔިތުންނަށް މާކަ ” ހެޔޮއެދިގެން ” ކޯޓަށްގޮސް އެކަންވެސް ވިޔަނުދޭން އުޅެއެވެ. ފުލެޓެއް އަޅާން ބިމެއް ކަނޑާދޭއިރަށް ރައްޔިތުން މުޒާހަރާއަށް ނެރެ ކޯޓުގައި އެކަން ހިފަހައްޓާލައެވެ. ބަޔަކަށް އަގުހެޔޮކޮށް ދަތުރެއް ކުރެވޭނެ ފަދަވެސް މިސަރުކާރުން ހަދައިދީފިއްޔާ އެދެން ކަންތަކާ ޖެހުނީއެވެ. ދޯންޏޭ ތެލޭ ސްޕީޑޭ ، ނޫނީ އޮޑީގެ ކެޕްޓަނުގެ ބޮލޭ ކިޔައިގެން ނަމަވެސް އެކަންވެސް ހުއްޓުވާން ޖެހެއެވެ. މިގައުމުގައި މިއޮތްވަރުގެ ރައްޔިތުން އުލުބައިންދާން ހަސްގަނެފައި ތިބި އިދިކޮޅު ޕާޓީތަކެއް އޮތް ގައުމެއް މިޑިމޮކްރަސީގެ އުޑު ބަޅުކުރެއްވި ހިސާބެއްގައި ވެޔޭ ބުނާތީވެސް ބަޔަކު އަޑެއް ނާހާނެއެވެ. މަކަރު ވެރިކަމާ ހީލަތްތެރި ކަމުން ފުރިފައިވާ އަމިއްލަ އެދުމުން ފުރިފައިވާ ބަޔަކަށް މީގެ ކުރީންވެސް އަދި ފަހުންވެސް ރައްޔިތުންނަށް މަންފާހުރި އެއްކަމެއްވެސް ކޮށެއް ނުދެވޭނެކަން ކިރިޔާ ސަލާމަތުން ހުރި އާދަމުގެ ދަރިޔަކަށް ވިއްޔާ އެނގޭނެއެވެ. ސައްވީސް ގަޑިއިރު ވެރިކަމޭ ވެރިކަމޭ ގޮވުންނޫންކަމެއް މިބައިމީހުންނަކަށް ނުކުރެވެއެވެ. އެންމެ ފަހުން މިއަދު އެމީހުން އެމީހުންގެ ކަރުގައި ހިފައި ދަތްއަޅައި އެވަރުން ނުވެގެން ” ގުއިކޭ ” ވާހަކަޔަށް ދާންދެން ގޮވާ ނަގަނީއެވެ.
މިހުރިހައި ބޭޒާރެއް މަތިމަތީން ވާއިރުވެސް އެއްބަޔަކު ” ޕީޕީ ” ލައްވަމުން މުޅިގައުމުގައި ދުއްވަނީ ތިމާމެން ވަރުގެ ކާމިޔާބު ، ތާއީދު ބޮޑު ބަޔަކު ނެތޭގޮވަމުންނެވެ. ދެދުވަހުން އެއްދުވަހު ތިމަންނާމެންގެ ބައިގައި ދެލައްކަ ހަމަވެއްޖެޔޭ ގޮވައި ނަގަމުން ގެންދާއިރު އަމުދަކުން އެނަންތައް ގުނާ މީހުންގެ ލިސްޓުގައި އެބުނާ އަދަދެއް ދުވަހަކު ހަމައެއްވެސް ނުވެއެވެ. ކުރެވުނު ކަމަކީ މިގައުމުގައި ސަރުކާރު ޒިންމާދާރު ކުރުވާން އޮތް އެންމެބޮޑު ސިޔާސީ ޕާޓީ ، ނުމެރޯދަޔަކު ، ނުމެއީދަކު ، ކަތިލައި ނޮޅައި މަސްތައް ކުނިކުރެވުނީއެވެ. އެހެންކަމެއް ނެތެވެ. އެންމެ ފަހުން މިއަދު ވެރިކަންކުރާ ޕާޓީއާއި ، ޒިންމާދާރު ކުރުވާންއޮތް އިދިކޮޅު ޕާޓީވެސް މިއޮތީ އޮޅިފައެވެ. މިސަރުކާރު ހިންގަމުން މިސަރުކާރުގެ ތެރޭގައި ލޯވަޅު އަޅައިގެން ބަޔަކު ” ވެލިރަން ” ނަގާތޯވެސް ބަލާން މިޖެހެނީ ހަމަ ސަރުކާރު ހިންގާން ތިބި މީހުންނަށެވެ. އެންމެ ފަހުން މިދާވަރުން ދާނަމަ އެބުނާ ތޭރައެއްގައި މިސަރުކާރާ އެކު ވެރިކަމާ ވާދަކުރާންވެސް ޖެހޭނީ ވެރިކަން ހިންގާ ޕާޓީން ތޯއްޗެކެވެ. އެކަމަކު މިވަރު ވާއިރުވެސް ހޭއަރައި ގައުމައިގެން ރައްޔިތުންނާއިގެން މިކުރާންޖެހިފައިހުރި ކަންކަން ފަސޭހަ ގޮތަކަށް ނިންމައި ދެވޭތޯ އެކުގައި މަސައްކަތްކޮށް ތިމާމެންގެ އަގުވެސް ރައްޔިތުންގެ ކުރިމަތީގައި ހިފެހެއްޓޭނެ ފަދައެއް ވޭތޯ އުޅުމުގެ ބަދަލުގައި އަދިވެސް އުޅެނީ ރައްޔިތުންނަށް އޮޅުވާލައި ، ސަރުކާރަށް ޖެއްސުމެއް ކުރެވޭތޯއެވެ. އެހެންގޮތެއް ނެތިއްޔާ ތިމާމެންގެ ކަޅުލާރި ގަނޑުގެ ދިޔަފެލައިގެން ހިންގާ ޗެނަލުތަކަށް އަރައި ޕާޓުޓައިމު ހަދައިގެން ނަމަވެސް އަނގަ ތަޅާލެވޭތޯ އެތިބަ ބަލަނީއެވެ. މިގައުމުގައި މިސަރުކާރުން ހަމަ އެއްކަމެއްވެސް ކޮށްނުދެވޭ ކަމުގައި އެފަދަ މީހުން ތިބެ ގޮވާއިރު ނިކަން ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ނަޒަރު ހިންގާލާފައި މިސަރުކާރުން ނަގާ ކޮޅަށް ޖަހާލަނުދޭ އެންމެ ތަނެއް އޮތޭ ބުނެލަބަލާށެވެ. އެކަމަކު ތިމާގެ ހާލަތު ހުރިގޮތުން ނުފެންނަނީނަމަ އަވަހަށް ޚާއްސަ އެހީއަށް ބޭނުންވާ އެފަދަ މީހުން ހިނގާ ރޮނގަކުން ހިނގައިގެން އެހީތެރިކަން ހޯދައިގެން ހަނުތިބުން ރަނގަޅުވާނެއެވެ. ލޮލަށް ނުފެނުމަކީ ތިމާގެ ކުށެއް ނޫނެވެ