އެއަރފްރާންސްގެ ޝެޑިއުލް ފްލައިޓްތަކެއް ރާއްޖެއަށް ފެށުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

hep-radio-address

އެއަރފްރާންސްގެ ޝެޑިއުލް ފްލައިޓްތަކެއް ރާއްޖެއަށް ފެށުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް މިއަދު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، އެމަނިކުފާނު ފްރާންސަށް ކުރެއްވި ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިދަތުރުފުޅުގައި، އެއަރ ފްރާންސްގެ ނައިބު ރައީސާ ބައްދަލުކުރައްވައި، ވަރަށް ކައިރި މުސްތަޤްބަލެއްގައި، އެ އެއަރލައިނުން ރާއްޖެއަށް ޝެޑިއުލް ދަތުރުތަކެއް ފެށުމުގެ މަޝްވަރާތައް ކުރެއްވުނު ކަމަށާއި، 2012 ވަނަ އަހަރުގެ ތެރޭގައި ދަތުރުތައް ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ފްރާންސްގެ އެންވަޔަރަންމަންޓް މިނިސްޓަރާއި، ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައި ބޭއްވެވި މަޝްވަރާތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި ބައްލަވައިލެއްވިއެވެ. މިގޮތުން އެންވަޔަރަންމަންޓް މިނިސްޓަރާއެކު ބޭއްވެވި ބައްދަލުވުމުގައި، “ޕެރިސް-ނައިރޯބީ ކްލައިމެޓް އިނިޝިއޭޓިވް”ގައި ރާއްޖެއިން ބައިވެރިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، މިކަމުގެ ސަބަބުން، ފަރަންސޭސިވިލާތުން އެފްރިކާގެ ޤައުމުތަކަށް ފޯރުކޮށްދޭ ގިނަގުނަ ބާވަތްތަކުގެ އެހީގެ ފުރްޞަތުތައް ރާއްޖެއަށްވެސް ފަހިވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.

ފްރާންސްގެ ފޮރިން މިނިސްޓަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ފަރަންސޭސި ސަރުކާރުން ލީބިޔާގެ ރައްޔިތުންނަށްޓަކައި ކޮށްދެއްވި މަސައްކަތްތަކަށް، ދިވެހި ސަރުކާރުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި ކަމުގައި ވިދާޅުވިއެވެ. އަދި ލީބިޔާ މައްސަލައިގައި ދިވެހިން ފަރަންސޭސިންނާ އެކުގައި ތިބި ތިބުމަށް، ފަރަންސޭސި ފޮރިން މިނިސްޓަރ ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވިކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ރޭޑިޔޯ ޚިޠާބުގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގައި، ރާއްޖޭގައި ޒަމާނީ އަދި ފަންނީ ކުރިއެރުންތަކުގެ ފައިދާ ލިބެމުންދާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ދަނޑު ހެއްދުމުގެ އެކި ހުނަރުތައް ތަރައްޤީ ކުރުމުގައި، އެތައް ކުރިއެރުމެއް ހޯދިފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

މިއަހަރުގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން، ނ. ކެނދިކުޅުދޫގައި ބާއްވާ އިޙްތިފާލްތަކުގެ މައްޗަށް ބައްލަވައިލައްވަމުން، ހުއިފިލަނޑާ ދިރުވައި އާލާކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުގެ ދަށުން، އެރަށުގައި އުފައްދަވާފައިވާ ހުއިފިލަނޑާ ނެގުން އެދުވަހު އޮންނާނެކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.