މެންބަރުންގެ ޚިޔާލު: ސީރިއަސްކޮށް ވިސްނާން ވެއްޖެއެވެ.

ފުނަމާ

ރާއްޖޭގައި އިސްލާހީ ބަދަލުތައް ގެނައުމުގެ މަސައްކަތް ބަޔަކު ފަށައިގަތް ދުވަސްވަރު އެމަސައްކަތުގައި އުޅެމުން ގެންދިޔަ މީހުންކޮޅު ފަހާ މިގައުމުން ބޭރުކޮށްލުމުން އާންމުކޮށް ދިވެހީންގެ ތެރޭގައި އިސްލާހީ ބައިވެރީންގެ އަޑުތައް ކެނޑިގެން ދިޔައެވެ. އެއާއެކު އޭރުގެ ޓީވީއެމުން ނާއި ދިވެހިރާއްޖޭގެ އަޑުން އޭރުގެ ސަރުކާރު ދިފާއުކުރަމުން ގެންދިޔައީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި މުޅިން އެހެން މަންޒަރެއް ސިފަކޮށް ދެމުންނެވެ. ނަމަވެސް އެދުވަސްވަރު މުޅިރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ބޮޑު ވަށްކަމެއް ކުރާހެން ފިލައި ތިބެގެން މީސްމީހުން ރޭގަނޑުގެ ވަކި ގަޑިއެއްގައި ކުދިކުދި ޕޮކެޓު ރޭޑިޔޯތައް ހިފައިގެން މިނިވަން ރޭޑިޔޯއޭ ކިޔައިގެން ފޮނުވަމުން ގެންދިޔަ ކުރު ވަގުތު ކޮޅެއްގެ ޕުރޮގުރާމެއް އަޑުއަހަމުން ގެންދިޔައެވެ. ހިތްވަރުގަދަ ދެ ބަޠަލަކަު ރާއްޖޭން ބޭރުގައި ތިއްބަވައިގެން ގެނެސްދެއްވަމުން ގެންދެވި އެކުރު ޕުރޮގުރާމުގެ އަސަރު ދިވެހީންނަށް ކުރަމުން ގެންދިޔައީ ވަރަށް ބޮޑަށެވެ. އެކަމަކު އެޕުރޮގުރާމު އަޑުއަހާކަން އިނގޭ މީހަކުވިޔަސް ބާޣީ އަކަށް ހަދައިގެން އެއިރުގެ ސަރުކާރުން ގެންދިޔައީ އަޒާބު ދައްކަމުންނެވެ. ނަމަވެސް މިނިވަން ރޭޑިޔޯގެ އަޑު ދިވެހީންގެ ކަންފަތުން ފޮހެލުމަށް އެސަރުކާރު ދިޔައީ ދުވަހުން ދުވަހަށް ނުކުޅެދެމުންނެވެ. ހަމައެއާ އެކުއެކުގައި ބައެއް ޕްރިންޓު މީޑިޔާ ތަކުން ރައްޔިތުން ހޭލުންތެރި ކުރުވައި ޚުދުމުޚުތާރު ވެރިއެއްގެ އަޅުވެތި ކަމުން ސަލާމަތް ކުރުމަށް މަސައްކަތް ފަށައިގަތެވެ. ލިޔުންތެރީން ހިފައި ހައްޔަރުކޮށް ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އިސްލާހީ އެޖެންޑާ ހުއްޓުވައެއް ނުލެވުނެވެ. އެންމެފަހުން ވެރިކަމުގައި ހުރި މީހާވެސް ރޭރުވެގެން އިސްލާހީ އެޖެންޑާއާއި މަގުޗާޓު ހަދާންވެސް ވިސްނާން ޖެހުނެވެ. އެނޫންގޮތެއް އަމުދުން ނެތްނަމަވެސް ފިސާރި ގީދަޅު ކަމާއި މަކަރުވެރިކަމާ އެކުގަވެސް މެއެވެ. ރާއްޖޭގައި ޕްރައިވެޓު ޗެނަލްތައް ހެދުމުގެ ހުއްދަ އަމުދުން ނުދޭން ފައިވިއްދި ސަރުކާރަށް ގޮތްހުސްވެ މީޑިޔާއިން ގަދަކަމުން މިނިވަންކަން ހޯދައި ގަތުމުން ރާއްޖެ ބަދަލުވާކަށް ގިނަދުވަހެއް ނުނެގިއެވެ. ރާއްޖޭގައާއި ބޭރުގައި އިސްލާހީ ބައިވެރީން ކުރަމުން ގެންދިޔަ މަސައްކަތްތައް އޭގެ ފުރިހަމަ އަމާޒަށް ގެންގޮސްދިނީ ނޫސްވެރީންނެވެ. ލިޔުންތެރީންނެވެ. ސަންދާނާއި މިނިވަން ނޫސްފަދަ ޕްރިންޓު މީޑިޔާ ތަކުގެ ދައުރު ބަޔަކު މިއަދު ހަނދާން ނެތަސް މިއީ ހަގީގަތެވެ.
ޕްރައިވެޓް ޗެނަލްތައް އުފެދި ބޮރޯޑުކާސްޓު ކުރަމުން، ޓެލެކާސްޓު ކުރަމުން ގެންދާން ފެށުމާ ސިޔާސީ ޕާޓީތައް އުފެދި އިސްލާހީ ބައިވެރީން ސިޔާސީ ފޯރަމް ތަކުގައި ދައްކަވާންފެށި ވާހަކަތައް ސީޑީ ތަކުގައި ” ލިޔެވި” މުޅިރާއްޖޭގެ ކަންކޮޅުތަކަށް ގެންގޮސް މީހުންނަށް އަޑުއިއްވާން ފެށުމުން އޭރުގެ ވެރިއަކަށް ހުރި ” ބޮޑުބުޅާ ގޯނިން ބޭރުވީއެވެ” . ތިރީސް އަހަރުވަންދެން ދިވެހީންގެ ކަށިހަފައި ކައިގެން ސައްޔިދު ބޭކަލެއްގެ ހުދުހެދުމުގައި ހުރެގެން ގަތްހާ ގަނޑެއް ދިވެހީންނަށް ފަޅާއެރީއެވެ. ނަމަވެސް ޓީވީއެމާއި މިނޫންވެސް އޭރުގެ ސަރުކާރަށް ސަނާކިޔާ މީޑިޔާތައް ތުނބުން ނުވީއްލައި ތިބި ބަޔަކުގެ ކަންފަތުގައި އެއިރުވެސް ” ރީއެޅިފައިވަނީ ” ތިޔައީ ޒައީމޭ ލޮބުވެތިވި ދިވެހި ގައުމު ފަޚުރުވެރިވާގެ އަޑުންނެވެ. ދިވެހި ކަނޑާ އުޑުގައިވާ ނޫކުލައަކީވެސް އޭރުގެ ވެރިމީހާގެ ކަރާމާތުން ޖައްސާދީފައިވާ ކުލައެއް ކަމުގައި ގަބޫލުކުރި މީހުން ތިބީހަމަ ވެރިމީހާއަށް ސަނާކިޔާލަ ކިޔާލައެވެ. އެފަދަ މީހުން ބައެއް ރަށްރަށުގައި ނުކުމެ އިސްލާހީ ބައިވެރީންނަށް މަރުހަބާ ކިޔަމުން ގެންދިޔައީ ޗަކައާއި ކަޅުތެލުންނެވެ. އޮށްގަލާއި ލަކުޑި އަދި ދަގަނޑު ބުރިބުރީންނެވެ.
ނަމަވެސް އިސްލާހީ ބައިވެރީންގެ އަޑު ފަނޑުކޮށްލުމަށް، ސަފުތައް ރޫޅާލުމަށް އޭރުގެ ސަރުކާރު ނުކުޅެދި ތިރީސްއަހަރުގެ ވެރިކަން ބަދަލުކޮށްލީ މުޅިދުނިޔެއަށް ފިލާވަޅު ލިބިދެމުންނެވެ. ވެރިކަން އަތުން ބީވުމުން ” ގިނިދުށް މީހާ ރަތްމަލަށް ބިރުގަންނަ ” ބީދައިން އަނިޔާވެރީން ފިލައި އަވަދި ވީއެވެ. ނަމަވެސް މިސަރުކާރު އައިސް ” ހެޔޮވެރި ކަމުގެ ” ނަމުގައި އެމީހުންގެ ކިބައިން ބަދަލު ނުހިފައި ކުރިޔަށް ދާންފެށުމުން އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން އަނިޔާވެރީން އަނެއްކާވެސް އެދަނީ އެއްކުޑައެއްގެ ދަށަށް ޖަމާވަމުންނެވެ. މިސަރުކާރު ހޭބޯނާރައި އެގެންދަނީ ސަރުކާރުން ވެފައިވާ ވައުދުތައް ފުށްދުމަށް މަސައްކަތް ކުރަމުންނެވެ.
ރާއްޖެ ބެހިފައިވާ ގޮތުން ރާއްޖޭގެ އެކިކަންކޮޅު ތަކުގައި މިސަރުކާރުން ހިންގަމުން ގެންދާ ތަރައްގީގެ މަޝްރޫޢު ތަކާއި އަންނަމުންދާ ކުރިއެރުންތައް އެކަމެއް ހިނގާ ސަރަހައްދެއްގައި ތިބޭބަޔަކަށް މެނުވީ އަންގައި ދެވޭނެ ގޮތެއް މީޑިޔާއިން މެނުވީ ނޯވެއެވެ. މިސާލަކަށް ސަރުކާރާއި ޔޫއެންގެ އެހީތެރި ކަމާއެކު ކޯޕަރޭޓިވްސް އުފައްދައިގެން ރާއްޖޭގެ ބައެއް ކަންކޮޅުތަކުގައި ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މީހަކު މީޑިޔާގައި އެކަމުގެ ބޭނުންތެރިކަން ފެންނާކަށް ނެތޭ ބުނާއިރު އައްޑޫގައި ދަނޑުވެރިކަން ކުރަމުން ގެންދާ ކޯޕަރޭޓިވްސްގެ މީހުން އަރައި މީޑިޔާގައި އެކިޔާދެނީ އެމީހުންނަށް އެކަމުން ލިބުނު ކުރިއެރުމުގެ ވާހަކައެވެ. ރާއްޖޭގެ އެއްއަތޮޅު ސިޓީއަކަށް ބަދަލުވީއިރު އެއީ ފަންސުރުން ލިޔެފައިވާ ސިޓީއެއް ކަމުގައި އިދިކޮޅު މީހުން ބުނާއިރު އައްޑޫގެ މަލަޔަށް އޭގެ ސަބަބުން އައި ބަދަލުތަކެއް ހއ ކެލާގައި ހުރި މީހަކަށް ނުފެނެއެވެ. މިކަންކަން މީހުންނާއި ހަމަޔަށް ފޯރުކޮށް ދެވޭނީ މީޑިޔާގެ ޒަރީއާއިންނެވެ. ނަމަވެސް ހިތާމަޔަކީ މިސަރުކާރުގެ ކޮންޓްރޯލުގެ ދަށުގައި އޮތް މީޑިޔާއެއް ނެތްކަމެވެ. އެމްއެންބީސީ ވެސް ހިމެނޭގޮތަށް މިހިރަ ހުރިހައި ޗެނެލުތަކުން ގިނައިން އިވެމުންދަނީ ސަރުކާރާ އިދިކޮޅު ފަރާތްތަކުން މިސަރުކާރުން ހަމައެއްކަމެއްވެސް ނުކުރެވޭ ކަމުގައި ދައްކާ ވާހަކަތަކުގެ އަޑެވެ. ރާއްޖެއަށް މިމަދު ދުވަސް ކޮޅުގެ ތެރޭގައި މިސަރުކާރުން ގެނެސްދިން ތަރައްގީއާއި ކުރިއެރުން ދައްކައި ނުދެވޭތާ ، އިގްތިސާދީ އެޖެންޑާފަދަ ، މުހިންމު ކަންކަންވެސް ރައްޔިތުންނަށް އަންގައި އޮޅުންފިލުވައި ދެވޭނެ ފުރުސަތުތައް ކުޑަކަމެވެ. މިއިން ކޮންމެ ކަމެއް ކުރާން ސަރުކާރުން މިޖެހެނީ ޗެނެލުތަކުން ބޮޑުއަގު ދީފައި ގަޑިގަންނާށެވެ. މިގޮތުން ދެތިންމަހުން ގަޑިއެއްހާއިރު ގަނެގެން ދެއްކޭ ވާހަކަތަކާއި އޮޅުން ފިލުވައިދެވޭ މިންވަރު ފަނޑުކޮށްލާން ސައްވީސް ގަޑިއިރު މެދުނުކެނޑި އިދިކޮޅު ފަރާތްތަކުގެ ހައްގުގައި މަސަައްކަތް ކުރަމުންގެންދާ މީޑިޔާތައް މިގައުމުގައި މިއަދު މިނިވަންކަމާއިއެކު އެދަނީ މަސައްކަތް ކުރަމުންނެވެ. ރެޔާދުވާލު ސަރުކާރުން ކުރާހާ ކަމެއް އެއީ ގޯސްކަމެއްގެ ގޮތުގައި ދައްކައިދީ އިދިކޮޅު ފަރާތްތަކުން މިސަރުކާރު ވަށްޓާލައި އަނެއްކާވެސް އިހުއޮތް ދަރަށް ވަށްޓާލުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އެގެންދަނީ އެއްބާރު ލަމުންނެވެ. އެހެންކަމުން އެމްޑީޕީގެ ފަރާތުން އަވަސް ފުރުސަތެއްގައި ޓީވީ ޗެނަލެއް ހެދުމާއިމެދު ވިސްނައި ވަޑައިގެން މަސައްކަތް ކޮށްދެއްވުމުގެ މުހިންމު ކަމާމެދު ވިސްނެވުމަށް ގޮވާލަމެވެ. އެހެނީ މިސަރުކާރު ލީޑުކުރަނީ އެމްޑީޕީން ކަމުގައި ވާތީއެވެ. ކުރީގެ ސަރުކާރުގެ ހުރިހައި ތަނަވަސްކަމެއް ޖީބުގައި ބާއްވައިގެން އިދިކޮޅު ފަރާތްތަކުން އޭގެ ބޭނުން ހިފައިގެން މިއަދު އެދަނީ މީޑިޔާ ކޮންޓްރޯލު ކުރަމުންނެވެ. މީގެ ނަތީޖާއާއިމެދު ސީރިޔަސްކޮށް ވިސްނާން ވެއްޖެއެވެ