ރާއްޖޭގެ ތަޢްލީމުގެ ޤައުމީ މަންހަޖު ތަރައްޤީ ކުރެއްވުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ ވަޒީރުންގެ މަޖިލީހުން ބަލައިގަންނަ މަސައްކަތްޕުޅުތަކެއް ކަމަށް އެމަޖިލީހުން ނިންމަވައިފި

15 ޖޫން 2010

cabinet-2

ރާއްޖޭގެ ތަޢްލީމުގެ ޤައުމީ މަންހަޖު ތަރައްޤީ ކުރެއްވުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ، ވަޒީރުންގެ މަޖިލީހުން ބަލައިގަންނަ މަސައްކަތްޕުޅުތަކެއް ކަމަށް، އެމަޖިލީހުން ނިންމަވައިފިއެވެ. އެ މަޖިލީހުން މިގޮތަށް މި ނިންމެވީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ މައްސަލައެއް، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވުމާއެކު، މިއަދުގެ ޖަލްސާގައި، އެކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުންނެވެ.
މަޖިލީހުގެ މެންބަރުން މިއަދު ދެއްކެވި ވާހަކަފުޅުގައި، ޑޮކްޓަރ މުޞްޠަފާ ލުޠުފީ، ރާއްޖޭގެ ތަޢްލީމީ ދާއިރާ ތަރައްޤީ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާ ދޭތެރޭގައި، އެބޭފުޅުން ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ. އަދި ޑޮކްޓަރ މުޞްޠަފާ ލުޠުފީއާ ދޭތެރޭގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ.
ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމާ ދޭތެރޭގައި، ދިވެހި ރައްޔިތުންގެ ޕާޓީން ވަކިއަތަކަށް އެއްޗެއް ވިދާޅުނުވާތީ، އެކަމުން ހިތްވަރު ލިބިވަޑައިގަންނަވާ ކަމަށްވެސް މަޖިލީހުގެ މެންބަރުން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަޢްލީމީ މަންހަޖު އިޞްލާޙު ކުރުމާއި، ތަޢްލީމީ ނިޒާމުގެ ތެރެއިން ރާއްޖޭގައި ދީނީ ތަޢްލީމާއި ތަރުބިއްޔަތު ދެއްވަމުން ގެންދަވާ ގޮތާ ގުޅޭގޮތުން ދިވެހި ރައްޔިތުންގެ ޕާޓީއާ މަޝްވަރާ ކުރައްވަން މަޖިލީހުގެ މެންބަރުން ތައްޔާރަށް ތިއްބެވިކަންވެސް ހާމަކުރެއްވިއެވެ.