އެމްޑީޕީގެ ދާއިމީ ކޮމިޓީތަކުގެ އިންތިޚާބު މިއަންނަ ހަފްތާގައި ބާއްވާ ގޮތަށް ހަމަޖައްސައިފި

އިބްރާހީމް ރާމިޒް

dsc_01011

އެމްޑީޕީގެ ދާއިމީ ކޮމިޓީތަކުގެ އިންތިޚާބު މިއަންނަ ހަފްތާގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ދާދި ދެންމެއަކު ނިމުނު އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ގައި އެވަގުތު ތިއްބެވި 34 މެންބަރުންގެ ތެރެއިން 26 މެންބަރުންގެ އަޤްލަބިއްޔަތުން ފާސްކޮށްފައިވަނީ އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އޮކްޓޯބަރު 19 ވާ ބުދަ ދުވަހު ބޭއްވުމަށެވެ. މި އިންތިޚާބު އޮންނާނީ އެމްޑީޕީގެ މައި ހަރުގޭގައި ކަމަށާއި، އިންތިޚާބުގައި ވޯޓުދޭނީ ކަރުދާހުގައި ފާހަގަ ޖަހައިގެން ސިއްރު ވޯޓެއްގެ ގޮތުގައި ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
މި ޖަލްސާ ގައި އެމްޑީޕީގެ އަސާސީ ގަވައިދުގައި ހުރި ފުށުއެރުންތައް އިސްލާޙް ކުރުމަށް ނެގި ކޮމިޓީން ކޮށްފައިވާ ދިރާސާތަކުގެ އަލީގައި އެކޮމިޓީން ގައުމީ މަޖިލީހަށް ރިޕޯޓެއް އިއްވިއެވެ. މި ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އެޕާޓީގެ ޗެއަރޕާސަން އާއި ޕާޓީގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު ގައި ފުށުއެރުން ހުރި ކަމަށެވެ. ހޫނު ބަހުސްތަކެއް ކުރެވުނު މި މައްސަލަ ޤަރާރަކުން ދެން އަންނަ ގައުމީ މަޖިލީހަކަށް ހުށަހަޅައިގެން ގޮތެއް ނިންމުމަށް ރިޔާސަތުން ވަނީ ނިންމާފައެވެ.
އަސާސީ ގަވައިދު އިސްލާޙްކުރާ ކޮމިޓީގެ ރިޕޯޓު ހުށަހެޅުމުން، އެ މައްސަލައަށް ވާހަކަދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް އަދި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވަނީ ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއް ކަމަށާއި، ރިޔާސީ ނިޒާމަކަށް ފެތޭ ގޮތަށް އަސާސީ ގަވައިދު ބައްޓަންކުރަންޖެހޭ ކަމަށް ވިދާޅުވެ، އާދަޔާ ޚިލާފް ކޮންގްރެސް އެއް ބާއްވައިގެން ނަމަވެސް އެމްޑީޕީގެ އަސާސީ ގަވައިދުގައި ހުރި ފުށުއެރުންތައް އިސްލާޙްކުރުމަށް ގޮވާލައްވާފައެވެ.
އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާ ގައި އައްޑޫ ސިޓީގައި ބާއްވާ ސާރކްސަމިޓްގެ ތައްޔާރީތަކާއި ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނެވެ. އަދި އެ ސިޓީގައި ސާރކް ސަމިޓަށް ވަމުންގެންދާ ތައްޔާރީތަކުގައި އެހީތެރިވެދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ގޮސް އެ މަސައްކަތްތަކުގައި ހިލޭ ސާބަހަށް އަމަލީ ގޮތުން ޙަރަކާތްތެރިވުމަށް ނިންމިއެވެ.