ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ފަހުގެ މަޢްލޫމާތުތައް ފަރަންސޭސިވިލާތުގެ ޓުއަރ އޮޕަރޭޓަރުންނާ ޙިއްޞާ ކުރައްވައިފި

މިދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާދަމާ ހެނދުނު ރައީސް މާލެވަޑައިގަންނަވާނެ

hep-france-tour-operators-440-x-293

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ފަހުގެ މަޢްލޫމާތުތައް، ފަރަންސޭސިވިލާތުގެ ޓުއަރ އޮޕަރޭޓަރުންނާ ޙިއްޞާ ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ފަރަންސޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޕެރިހުގައި އިއްޔެ ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ފަރަންސޭސިވިލާތުން ރާއްޖެއަށް ފަތުރުވެރިން ފޮނުވާ އިސް އޭޖެންސީތަކާއި އަދި އެއަރލައިންތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފަތުރުވެރިކަމާބެހޭ މަޢްލޫމާތު ދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިހާރުގެ މަތީ ފަންތިއަށް ޚާއްޞަ ކުރެވިފައިވާ ފަތުރުވެރިކަމުގައި އިތުރު ފަންތިތައް ހިމެނުއްވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން، މިހާރުގެ އެވްރެޖް އަގުތައް، ރާއްޖޭގައި ނިސްބަތުން ބޮޑު ކަމުގައި ބައެއް އެޖެންޓުން ފާހަގަކުރެއްވިޔަސް، މެދުފަންތީގެ ފަތުރުވެރިކަމުގެ ސިޔާސަތު، މިއަހަރުގެ ތެރޭގައި ތަންފީޛު ކުރަން ފެށުމުން، ފަތުރުވެރިންނަށް ތަފާތު ފުރްޞަތުތައް، ކުރިއަށްވުރެ ލުއި އަގުތަކުގައި ހުޅުވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ފަރަންސޭސިވިލާތުގެ ބައެއް ޓުއަރ އޮޕަރޭޓަރުން، ރައީސުލްޖުމްހޫރިއްޔާއަށް މަޢްލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި ފެހިކަން އިތުރަށް އާރޯކުރުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް، ޔޫރަޕްގެ ފަތުރުވެރިން ތަރުޙީބުދެއެވެ. އެހެންކަމުން، އެދާއިރާގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ކުރެއްވުން މުހިންމު ކަމުގައި އެބޭފުޅުން ފާހަގަކުރެއްވިއެވެ.

ދިވެހި ފަތުރުވެރިކަމުގެ މާކެޓްތަކަށް މިހާރުގެ ސަރުކާރުން ގެންނަވަމުން ގެންދަވާ އިތުރު ހުށަހެޅުންތަކާއި ބަދަލުތަކާބެހޭ މަޢްލޫމާތު، މިބައްދަލުކުރެއްވުމުގެ ބައިވެރިންނަށް ހުށަހަޅުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ވަފްދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ދައުލަތުގެ ސަފީރު އަޙްމަދު މާހިރާއި، ސަން ޓްރެވަލްސް އެންޑް ޓުއަރސްގެ ޗެއަރމަން އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ޞިޔާމް މުޙަންމަދެވެ.

ރައީސުލްޖުމްހޫރިއްޔާ ފްރާންސަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާދަމާ ހެނދުނު މާލެވަޑައިގަންނަވާނެއެވެ.