4 ހެކްޓަރ ހަމަނުވާ 10 ރަށެއްގައި ލަގްޒަރީވިލާ ހެދުމުގެ ހުއްދަ ދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި

15 ޖޫން 2010

cabinet

ހެކްޓަރ ހަމަނުވާ 10 ރަށެއްގައި ލަގްޒަރީވިލާ ހެދުމުގެ ހުއްދަ ދެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، ހައުސިންގ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހެދުމަށް ހަމަޖެހިފައިވާ ލަގްޒަރީވިލާތައް އެޅުމަށް 4 ހެކްޓަރަށްވުރެ ކުދި ފަޅު ރަށްރަށް ހަމަޖެއްސެވުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހަކާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
މިއަދުގެ ޖަލްސާގައި، ރާއްޖޭގައި މިއަހަރު ބޭއްވުނު ޑޯނަރ ކޮންފަރެންސްގައި ވަޢުދުވެފައިވާ އެހީތައް ހޯއްދެވުމަށް ސަރުކާރުން ކުރައްވަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުންވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން މެންބަރުން މަޝްވަރާ ކުރެއްވީ، ޑޯނަރ ކޮންފަރެންސްގައި އެހީދޭނެ ކަމަށް ބުނެފައިވާ ފަރާތްތަކުން ދޭނެ ކަމަށް ބުނެފައިވާ އެހީ ހޯދުމަށްޓަކައި ސަރުކާރުން ކުރައްވަންހުރި މަސައްކަތްތައް ފާހަގަކުރެއްވުމަށް އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީއިން ހުށަހެޅުއްވި ހުށަހެޅުއްވުންތަކާ ބެހޭގޮތުންނެވެ. މިކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު، ކަމާބެހޭ މިނިސްޓްރީތަކުންނާއި އިދާރާތަކުން ހިންގެވުމަށް ނިންމަވާފައިވާ މަޝްރޫޢުތައް ކަނޑައަޅުއްވައި، ޕްރޮޖެކްޓް ޕްރޮޕޯޒަލްތައް ފުރިހަމަކުރެއްވުމަށްފަހު، އެ ޕްރޮޕޯޒަލް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގއަށް ހުށަހެޅުއްވުމަށް ނިންމެވިއެވެ. އަދި އެ ޑިޕާޓްމަންޓަށް ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ނޭޝަނަލް ޕްލޭނިންގ ކައުންސިލަށް ހުށަހަޅުއްވައިގެން ފާސްކުރެއްވުމަށްފަހު، މަޝްރޫޢަށް އެހީ ހޯއްދެވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ކުރައްވަމުން ގެންދެވުމަށާއި، އެހީގެ މަޝްރޫޢުތަކަށް ފައިސާ ހަމަޖެހުމުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، ކަމާބެހޭ މިނިސްޓްރީ ނުވަތަ އިދާރާއާ ގުޅިގެން އަދި ވަޒީރުންގެ ކޮމިޓީގެ މަޝްވަރާއާއެކު މިމަސައްކަތް ކުރިއަށް ގެންދެވުމަށްވެސް މިއަދު ނިންމެވިއެވެ. ވަޒީރުންގެ ކޮމިޓީގެ އިސްބޭފުޅަކަށް ހުންނަވާނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފޭދޫފިނޮޅުގައި ޤާއިމު ކުރެވިފައިވާ “ކަރެކްޝަނަލް ޓްރޭނިންގ ސެންޓަރ ފޮރ ޗިލްޑްރަން” ދާއިމީ ގޮތެއްގައި ބަލަހައްޓަވާނެ ސަރުކާރުގެ ރަސްމީ އިދާރާއެއްގެ ގޮތުގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް ހަމަޖެއްސެވުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، އެކަން އެގޮތަށް ހަމަޖެއްސެވުމަށް ނިންމެވިއެވެ. އަދި މިހާރު އެޓަރނީޖެނެރަލްގެ ދަށުން ހިނގަމުންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓް، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށަށް ބަދަލުކުރެއްވުމަށްވެސް ނިންމެވިއެވެ. އެމިނިސްޓްރީގެ މަސައްކަތްތަކަށް މިގެންނަވާ ބަދަލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ނިންމެވުމަށްވެސް ހަމަޖެއްސެވިއެވެ.
ވަރުވާއަށް ދޫކުރައްވާފައި ހުރި ރަށްތަކުގެ ތެރެއިން 5 ރަށަކާއި، ފިނޮޅެއް މިހާރުގެ މާކެޓް ވެލިއުއަށް ދެއްވުމަށާއި، ދިގު މުއްދަތަށް ދެރަށެއް ހަމަޖެއްސެވުމާ ބެހޭގޮތުންވެސް ވަޒީރުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދެއްކެވިއެވެ. މިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، ދިގު މުއްދަތަށް ދޫކުރައްވާ ދެރަށް ބިޑަށް ހުޅުއްވައިލެއްވުމަށް ނިންމެވިއެވެ. އަދި ދެންހުރި ރަށްރަށް، ހަމަޖެހިފައި އޮންނަ އުޞޫލުން މާކެޓް ވެލިއުއަށް ދޫކުރެއްވުމަށް ނިންމެވިއެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިމަހުގެ 1 ން 5 އަށް ރައީސުލްޖުމްހޫރިއްޔާ އޮސްޓްރޭލިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ މަޢްލޫމާތު، އެމަނިކުފާނު ދެއްވިއެވެ. މިގޮތުން މިދަތުރުފުޅުގައި، އޮސްޓްރޭލިޔާ ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި މައިގަނޑު ކަންތައްތައް މަޖިލީހަށް ހާމަކޮށްދެއްވިއެވެ.