ރައީސުލްޖުމްހޫރިއްޔާ ފްރާންސްގެ އެންވަޔަރަންމަންޓް މިނިސްޓަރާ ބައްދަލުކުރައްވައިފި

ޕެރިސް- ނައިރޯބީ ކްލައިމެޓް އިނިޝިއޭޓިވްގައި ރާއްޖެއިން ބައިވެރިވެއްޖެ

hep-france-trip-400-x-275

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފްރާންސްގެ މިނިސްޓަރ ފޮރ އިކޮލޮޖީ، ސަސްޓެއިނެބްލް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ހައުސިންގ، ނަތަލީ ކުޝިޝްކޫ-މޮރިޒޭ އާ ބައްދަލުކުރައްވައިފިއެވެ.
ޕެރިސްގައި ހުންނަ އެންވަޔަރަންމަންޓް މިނިސްޓްރީގެ މައި އޮފީހުގައި އިއްޔެ އޮތް މިބައްދަލުކުރެއްވުމުގައި، ދުނިޔޭގެ ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތަކާއި، އެކަމަށް ޙައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ރަށް ގިރުމުގެ މައްސަލަތަކާއި، ރަށްރަށުގެ ފެން ތަޣައްޔަރުވުމާއި، މޫސުމަށް އަންނަ އެކި ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި، ރާއްޖޭގެ މަސްވެރިކަން ދަށްވުމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. މީގެއިތުރުން، ކާބަން ނިއުޓްރަލް ޤައުމަކަށްވުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކާއި، އެއަމާޒަށް ވާޞިލުވުމަށްޓަކައި ރާއްޖެއިން މަސައްކަތް ކުރަމުންދަނީ، އެކި ޤައުމުތަކުން ލިބޭ މާލީ އެހީއަށް އެކަނި ބުރަވެލެއްވުމުގެ ބަދަލުގައި، އެކަމަށްޓަކައި ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތަކުން ވެސް އެކަން ކާމިޔާބު ކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފްރާންސްގެ އެންވަޔަރަންމަންޓް މިނިސްޓަރުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްވުމަށް ބޭނުންވާ މާލީ ތަނަވަސްކަމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން ފްރާންސްގެ އަމިއްލަ ވިޔަފާރިވެރިން، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ބާރއެޅުމަށް ފްރާންސް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި، “ޕެރިސް-ނައިރޯބީ ކްލައިމެޓް އިނިޝިއޭޓިވް”ގައި ރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް ސޮއިކުރެއްވިއެވެ. “ޕެރިސް-ނައިރޯބީ ކްލައިމެޓް އިނިޝިއޭޓިވް”އަކީ އެފްރިކާގެ ޤައުމުތަކާއި، މިނޫންވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތަކަށް ހުށަހެޅޭ ޤައުމުތަކަށް، ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ހަކަތަ ފޯރުކޮށްދިނުމާއެކު، ފަޤީރުކަން ނައްތާލައި، އިޤްތިޞާދީ ކުރިއެރުން ހޯދުމަށްޓަކައި ފްރާންސް ސަރުކާރާއި ކެންޔާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމެކެވެ.