އަވަސް ކަޅިއަކުން ސާރކް ސަމިޓްގެ ތައްޔާރީތައް ..

addu-city-sarc-summit-445-x-296

ދެކުނު އޭޝިއާ ގައުމުތަކުގެ އެންމެ މަތީވެރިންގެ 17 ވަނަ ބައްދަލުވުން ރާއްޖޭގައި ބޭއްވުމުގެ ތައްޔާރީތަކާއި އެކަމުގެ އިންތިޒާމްތައް މިހާރު ދަނީ ކުރެވެމުންނެވެ. ނޮވެމްބަރ 11 ން 12 އަށް އޮންނަ މި ސަމިޓް ބައްދަލުވުން ބޭއްވެނީ އައްޑޫސިޓީގައެވެ. މިއީ ބައިނަލް އަގްވާމީ މިފަދަ ބޮޑު ބައްދަލުވުމެއް އައްޑޫގައި ބޭއްވޭ ފުރަތަމަ ފަހަރެވެ.
ސާކް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ކުރެވެމުންދާ އެންމެ މުހިންމު ކަމަކީ، ހިތަދޫގައި އިމާރާތްކުރާ ކޮންވެންޝަން ސެންޓަރާއި، އެ ސަރަހައްދުގެ ލޭންޑްސްކޭޕް ހެދުމުގެ މަސައްކަތެވެ. ކޮންވެންޝަން ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތަށް ބަލާއިރު، މަސައްކަތުގެ 95 ޕަސެންޓް މިހާރު ވަނީ ނިމިފައެވެ. އިންތިޒާމް ކުރެވިފައިވާ ގޮތަށް ހުރިހާ ކަމެއް ދާނަމަ، ކުރިއަށް އޮތް ދެހަފުތާގެ ތެރޭގައި ކޮންވެންޝަން ސެންޓަރގެ މަސައްކަތް ނިމޭނެއެވެ.
ސާކް ޓާސްކް ފޯހުގެ ޗެއަރމަން އަމީން ފައިސަލް ވިދާޅުވީ، ކޮންވެންޝަން ސެންޓަރުގެ މިހާރު ކުރަމުންދަނީ ތަނުގެ އެތެރެ ސާފުކުރުމުގެ މަސައްކަތެވެ.
ކޮންވެންޝަން ސެންޓަރގައި ކުރަންޖެހޭ ކަރަންޓްގެ މަސައްކަތާއި، އައީޓީ ނުވަތަ ސެކިއުރިޓީ ނިޒާމުގެ މަސައްކަތުގެ 45 ޕަސެންޓް ވަނީ ނިމިފައެވެ. އަލިފާން ނިއްވުމަށް ކުރަންޖެހޭ އިންތިޒާމްތަކާއި، ތަން ދިއްލުމަށް ކުރަންޖެހޭ މަސައްކަތުގެ 60 ޕަސެންޓް ވަނީ ނިމިފައެވެ. އެއަރކޮންޑިޝަން ސިސްޓަމްގެ 80 ޕަސެންޓް ވަނީ ނިމިފައެވެ. ކޮންވެންޝަން ސެންޓަރުގެ ވީއައިޕީ އޭރިއާގެ ސީލިންގެ 90 ޕަސެންޓް ވަނީ ނިމިފައެވެ. ތަޅުމުގެ މަސައްކަތުގެ 20 ޕަސެންޓް ވަނީ ނިމިފައެވެ.
ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭ އަނެއް މުހިންމު ކަމަކީ، ގަމުގެ އެއަރޕޯޓްގެ ވިވީއައިޕީ ޓާމިނަލް ހެދުމާއި، ވީއައިޕީ ޖެޓީ ހެދުމުގެ މަސައްކަތެވެ. ގޭން އެއަރޕޯޓް ކޮމްޕެނީން ކުރިއަށް ގެންދާ މިމަސައްކަތްވެސް ވަނީ މިހާރު ގާތްގަނޑަކަށް ނިމިފައެވެ.
ސަމިޓަށް ވަޑައިގަންނަވާ ބޭބޭފުޅުންގެ ޝަރަފުގައި ރައިސޫލްޖުމްހޫރިއްޔާ ދެއްވާ ސްޓޭޓް ބެންކްއެޓް އޮންނަ ހޯލް ހުޅުމީދޫގައި އިމާރާތްކުރުމުގެ މަސައްކަތްވަނީ ފެށިފައެވެ. މިމަސައްކަތުގެ 75 ޕަސެންޓް ވަނީ ނިމިފައެވެ.
ފޭދު ބަނދަރު ފުންކުރުމާއި ތޮށިގަނޑުލުމާއި ހިލަގާ ބެހެއްޓުމުގެ މަސައްކަތުގެ 85 ޕަސެންޓް މިހާރު ވަނީ ނިމިފައެވެ.
މީގެ އިތުރުން ކޮންވެންޝަން ސެންޓަރާ ގުޅިފައިހުރި މަގުތައް ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށްހެދުމުގެ މަސައްކަތް ސަދަން ޔުޓިލިޓީސް އިން ދަނީ ކުރަމުންނެވެ. ކޮންވެންޝަން ސެންޓަރާއި ގުޅިފައިވާ މަގުތަކުގެ ތާރު އެޅުމުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާއިރު ކުރިއަށް އޮތް ވިހި ދުވަހުގެ ތެރޭގައި ތާރުއަޅަން ހަމަޖެހިފައިވާ ހުރިހާ މަގުތަކެއްގައި އެއްކޮށް ތާރުއަޅާ ނިންމާލެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި އަމީން ފައިސަލް ވިދާޅުވިއެވެ.
ސާކް ސަމިޓަށް ވަޑައިގަންނަވާ ގައުމުތަކުގެ ޑެލިގޭޝަންގެ ބޭފުޅުންގެ އަރިހުގައި ތިއްބަވާނެ ލިއޯޒަން އަދި ޕްރޮޓޮކޯލް އޮފިސަރުން ޓްރޭން ކުރުމުގެ ގޮތުން ހިންގި ޑިޕޮލޮމާ ކޯސް ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގައި މިހާރު ވަނީ ނިމިފައެވެ. މި ކޯހުގައި 52 ދަރިވަރަކު ތަމްރީން ހޯދާފައިވެއެވެ.
މީގެ އިތުރުން ސަމިޓަށް ވަޑައިގަންނަވާ ބޭފުޅުންގެ ޝަރަފުގައި މުނިފޫހި ފިލިވުމުގެ އައިޓަމްތަކާއި ސަގާފީ ހަރަކާތްތައް ދައްކާލުމުގެ ގޮތުން ޒުވާނުން ދަނީ އެކަމަށް ތައްޔާރު ކުރެވެމުންނެވެ.
ސާކްގެ އެންމެ މަތީވެރިން މީގެ ކުރިން ދެފަހަރަކު ރާއްޖޭގައި ވަނީ ބައްދަލުކުރައްވާފައެވެ. އެ 2 ފަހަރުވެސް ބައްދަލުވުން އޮތީ ވެރިރަށް މާލޭގައެވެ.