އެމްޑީޕީގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރާ ގޮތަށް ހަމަޖައްސައިފި

15 ޖޫން 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަހަރީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް އެޕާޓީން ނިންމައިފިއެވެ.
އެމްޑިޕީގެ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ޙަރަކާތްތަކުގެތެރޭގައި އެމްޑީޕީގެ އަހަރީ ދުވަސްކަމަށްވާ ޖޫން 26 ވަނަ ދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެމްޑީޕީގެ ދިދަ ނެގުމާއި، ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކިޔުމާއި، މާލޭގައި ހިނގާލުމެއް ބޭއްވުމާއި، ހުރިހާ ރަށެއްގައި ސަބްސިޑީއާއި މަދަނައާއި ބެހޭ މަޢުލޫމާތު ދިނުމާއި ޖޫން 26 ވަނަ ދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި ޚާއްޞަ ޙަފްލާއެއް ބާއްވާ ގޮތަށް ވަނީ ހަމަ ޖެހިފައެވެ.
މީގެ އިތުރުން ޖޫން 26 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މާލޭގައި ވަޑައިގެން ނޫޅުއްވާނެތީ އެމަނިކުފާނު މާލެ ވަޑައިގަތުމުން އަހަރީ ދުވަހާ ގުޅޭ ޚާއްޞަ ޖަލްސާއެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އަހަރީ ދުވަހުގެ ޙަރަކާތްތައް އިންތިޒާމްކުރާ ކޮމިޓީން މަޢުލޫމާތުދެއެވެ.