މެންބަރުންގެ ޚިޔާލު: މިސަރުކާރުން ވެފައިވާ ކޮންމެ ވައުދެއްވެސް ފުއްދާނެއެވެ

ފުނަމާ

mdp-5-pledges-299-x-300

މިސަރުކާރު އައީ މުހިންމު ފަސް ވައުދެއް ރައްޔިތުންނަށް ފުއްދައިދޭނެ ކަމުގެ ވައުދު ވަމުންނެވެ. ނަމަވެސް ސަރުކާރު ފެށިގެން އައިއިރު ދައުލަތުގެ މާލިއްޔާ ” ތަޅާ ލާފައިވާ ” ކުޅަނދުރު ހަތައެއްހެން އޮތުމާއި، އަދި ދުނިޔެއަށް ކުރިމަތިވެ މިއަދާ ހަމަޔަށްވެސް ދުނިޔޭގެ އިގްތިސާދު ހަމަޔަކަށް ނޭޅި އޮތުމާއެކު މިފަސް ވައުދު ފުއްދުމަކީ ވުމަށްވުރެ ނުވާނެ ކަމެއް ކަމުގައި ބައެއް މީހުން ގެންދިޔައީ ހީކުރަމުންނެވެ. ނަމަވެސް މިސަރުކާރުން ވިސްނުންތެރި ކަމާއެކު ކުރަމުން ގެންދާ މަސައްކަތްތައް ރަނގަޅަށް ވިސްނައި ބަލާލުމުން ސަރުކާރުން ވެފައިވާ ފަސް ވައުދަކީ މިސަރުކާރުން ގައިމުވެސް ފުއްދާނެ ވައުދުތަކެއްކަން މިހާރު ޔަގީންވެ މިދަނީ އެނގެމުންނެވެ. ތެދެކެވެ. މިސަރުކާރަށް ތިންއަހަރު ފުރެމުން ދާއިރު ކުރިޔަށް މިއޮތް ދެއަހަރުވެސް ސަރުކާރަށް ގޮންޖެހުންތަކެއް އެބަހުރިކަމުގައި ދަންނަވަން ޖެހެއެވެ. ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ.
ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ބޯހިޔާ ވަހިކަމުގެ ވައުދު ފުއްދުމަށް މިއަދު ގައުމުގެ އެކިކަންކޮޅު ތަކުގައި ހަލުއިކޮށް ކުރެވެމުންދާ މަސައްކަތްތައް އެދަނީ ކުރިއަށެވެ. ވަރަށްބޮޑު ހުރަހެއް ކުރިމަތި ނުވާނަމަ ދިހަހާސް ހައުސިން ޔުނިޓު މިދައުރުގެ ތެރޭގައި އަޅާ ނިންމޭނެ އެވެ. ދަތުރު ފަތުރުގެ ނިޒާމު އެވަނީ ގާއިމު ކުރެވިފައެވެ. އާތަޖުރިބާއެއް ކަމުން މީހުން މިކަމަށް ހޭނި މުޅީން ހަމަޖެހުމަށް އަދި އަހަރުތަކެއް ނަގާނެ ނަމަވެސް އެނިޒާމު އެވަނީ ގާއިމު ކުރެވިފައެވެ. މިހާތަނަށް މަދަނައިގެ ދަށުން ދެވެމުންދާ ބޭސްފަރުވާގެ ސަބަބުން ބޭސްސިޓީއަށް ސަލާންޖަހާންޖެހޭ މިންވަރު އެވަނީ އެތައްތަނަކުން ކުޑަކުރެވިފައެވެ. އަދި އަންނަ އަހަރު މުޅިރާއްޖޭގެ އެންމެންނަށް ހެލްތު އިންޝުއަރެންސް ލިބިގެން ދިއުމުން އެވައުދު މުޅީން ފުއްދުނީ ކަމުގައި ބަލާން ޖެހޭނެއެވެ. މަސްތުވާ ތަކެއްޗަށް ރާއްޖޭގައި ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމާއި ، މުދަލާ ޚިދުމަތުގެ އަގު ސަރުކާރުން އެބުނާހެން އަތްފޯރާ ފަށަށް ގެނައުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމުގައި ދަންނަވާން ޖެހެއެވެ. އެހެނީ މިކަމަކީ ސަރުކާރުގެ އަތުގައި އެކަމުގެ ފުރިހަމަ ކޮންޓްރޯލު އަދިއޮތް ކަންކަމެއް ނޫނެވެ.
ރާއްޖޭގައި އެންމެ ބޮޑަށް މަސްތުވާ ތަކެތީގެ ވިޔަފާރި ހިންގާ ބޮޑުންނަކީ ކޮބައިކަން ސަރުކާރަށް އެބައެނގެއެވެ. ނަމަވެސް ފުލުހުންގެ ބުރަ މަސަައްކަތުން މިފަދަ މީހުން އަތުލައި ގަތުމުން ކޮންމެ ސަބަބަކާ ހުރެނަމަވެސް އެމީހުންގެ މައްޗަށް ކުށްސާބިތު ކުރުމަކީ އުނދަގޫ ކަމެކެވެ. މީގެ ސަބަބުން އިތުރު ދޮރުތަކާއި އިތުރު ގޮތްތައް ހޯދަމުން މަސްތުވާ ތަކެތީގެ ވިޔަފާރި ފުޅާކުރަމުން އެކަމުގެ މޭސްތިރީން ގެންދާއިރު ސަރުކާރުން މިހާތަނަށް ކުރެއްވި ގިނަގުނަ މަސައްކަތް ތަކުގެ ސަބަބުން ރާއްޖޭގައި މަސްތުވާ ތަކެތީގެ ވިޔަފާރި ހިންގޭ މިންވަރު މިއަދު މިވަނީ މަދުވެފައެވެ. ނަމަވެސް އެންމެ ފުރިހަމަޔަށް މިކަން ހުއްޓުވޭނީ މަސްތުވާ ތަކެއްޗަށް ދެވި ހިފައިފައިވާ މީހުން އެކަމުން ސަލާމަތްކޮށް ދުރުކުރެވިގެން ކަމުގައި ވާތީވެ ސަރުކާރުން އެގެންދަނީ އެމަސައްކަތް ކުރަމުންނެވެ. ޑީޓޮކްސް ސެންޓަރު ތަކާއި ރީހިބިލިޓޭޝަން ޕުރޮގްރާމްތައް ހިންގައިގެން މަސްތުވާ އެއްޗެތީގެ ދެވިހިފައިފައިވާ މީހުން އެކަމުން ސަލާމަތް ކުރުމަށް މިކުރެވޭ މަސައްކަތްތަކުގެ އެންމެ ފަހުގެ ނަތީޖާއަކަށް ވާނީ މަސްތުވާ އެއްޗިއްސަށް ގައުމުގައި އޮތް ޑިމާންޑު ކުޑަކުރުވުމެވެ. ގައިމުވެސް އެވިޔަފާރި މިގައުމުގައި ހިންގޭނީ އެކަންކުރާ މީހުން ތިބި ނިސްބަތަކުންކަމީ އެނގޭ ކަމެކެވެ. އެހެންކަމުން މިކަމުގައި އަޅުދާސްވެފައިވާ މީހުން މިކަމުން ސަލާމަތްވުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ސަރުކާރުން ހުޅުވާ ދޮރުތަކުން ވަދެ ހަމަޖެހޭއިރު މަސްތުވާ ތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ގައިމުވެސް ދާނީ ބަންދުވެ ތަޅުލެވެމުންނެވެ. ނަމަވެސް މިކަމަކީ މިރާއްޖެއިން ފިލުވާލެވޭނެ ކަމެއް ނޫންކަން އެންމެންވެސް ގަބޫލުކުރާނެއެވެ. މީހަކު ނުބުންޏަސް މިގައުމުގައި ސައްވީސް ގަޑިއިރު ހަމައިގައި ތިބޭން ބޭނުންނުވާ ގިނަ ބަޔަކު އެބަތިއްބެވެ. އަދި މިކަމުގައި ދެވި ހިފައިފައިވާ މީހުންނަށް އެނުބޮއެއްވެސް ނުތިބެވެއެވެ. ބޯނެއެވެ. އެކަމަކު އެހެނޭ ކިޔާފައި އެއްފަހަރާ ތިރީހަކަށްހާސް މީހުން މަރާލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ޖެހޭނީ އެމީހުން ސަލާމަތް ކުރާށެވެ. މިސަރުކާރު އައީކީ ހަނގުރާމަކޮށް މީހުންމަރާކަށް ނޫނެވެ. މިއީ އޯގާތެރި ސަރުކާރެކެވެ.
ހަމަ އެހެންމެ ރާއްޖޭގެ މުޅި ވިޔަފާރި މިއޮތީ ނިސްބަތުން މަދު ބައެއްގެ އަތުގައެވެ. ވޭތުވެ ދިޔަތަނުގައި ފުރުސަތު ލިބިފައި އޮތީވެސް މަދު ބަޔަކަށެވެ. އެހެންކަމުން ރާއްޖެއަށް ވަންނަ ބޭރު ފައިސާއާއި ބާޒާރުގެ އަގުތަކަކީ މަދުބަޔަކަށް އެއާ ބޭނުންގޮތަކަށް ކުޅުމުގެ ފުރުސަތު އޮތް ކަންކަމެވެ. ސޯޅިޔާއިންނެކޭ ، ވޯރާއެކޭ ، ދިވެހީންނެކޭ ނުކިޔަސް އެބައެއްގެ އަތުގައި ކޮންޓްރޯލު އޮންނަ ބަޔަކަށް އެކަމެއްގައި ބޭނުން ގޮތެއް ހެދިދާނެ ތާއެވެ. އެހެންކަމުން މިގައުމުގެ މާލީ އިދާރާތަކުގެ ހުރިހައި ފައިސާއެއް އެބައެއްގެ އަންބޮނޑީގެ ތެރޭގައި ފޮރުވައިގެން ތިބި މަދު ބަޔަކު މިގައުމުގެ އިގްތިސޯދާއި ގެންދަނީ ކުޅެމުންނެވެ. އެފަދަ ބައެއް މީހުން މިއަދުވެސް މިސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްނުދެޔޭ ބުނެ އަނގަ ހުޅުވާލުމުގެ ކުރީން ދައުލަތައް ދަރާއޮތް ދަރަނި ދެއްކިއްޔާ ގައިމުވެސް މީހުން އެދައްކާ ވާހަކަ ގަބޫލު ކުރާނެތާއެވެ. އެކަމަކު މަތިމައްޗަށް ދިވެހި ބެންކުން އެކަނިވެސް އެތަކެއް ސަތޭކަ މިލިޔަން ރުފިޔާގެ ލޯނުނަގައި އެނުދައްކައި ތިބެގެން ބައެއް މީހުން އެގެންދަނީ ލަދެއްނެތި ސިޔާސީ ފެންޑާތަކުގައި ވާހަކަދައްކަމުންނެވެ. ދައުލަތުގެ ބޮޑެތި ބިންތައް ލޯލާރިޔަކަށް އަމިއްލަ ކޮށްގެން ތިބެ އެގެންދަނީ ރައްޔިތުން ދަރުވާލާފައި ފަޒާގައި ޗުއްޓީ ހޭދަކުރަމުންނެވެ. ގައުމުގެ މާލިއްޔާއިން އެތައް މިލިޔަން ޑޮލަރެއް ހަޖަމު ކޮށްލައިގެންތިބި މީހުންގެ މައްޗަށް ނިޔާ ކަނޑައަޅާލަން ނުކެރި ކޯޓުތަކުގައި މަކުނުވާ ފުރަނީއެވެ. މިހާލަތުގައި އޮތް އިގްތިސާދެއް އަލުން ބަލުން ބަދަލުކޮށް ނިންމުމަށް ވަގުތު ނަގާނެއެވެ. އެހެން ނަމަވެސް މިއަދު އެކަންވެސް ބަދަލުވެ ދިއުމުގެ މަގު މިސަރުކާރުން އެވަނީ ކޮށާފައެވެ. ދައުލަތައް ލިބޭ އާމްދަނީ އިތުރު ކުރުމާއި އެކުއެކުހެން ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ކުންފުނިތައް އުފައްދައި އިތުރު ވިޔަފާރިތަކަށް މަގުފަހިކޮށް ، މިނިވަން ވިޔަފާރީގެ އުސޫލުތައް ހަރުދަނާ ކުރަމުން މިއަދު އެގެންދަނީއެވެ. އިދިކޮޅު ފަރާތްތަކުން މިކަންކަން ވިޔަ ނުދިނުމަށް ދުވާލަކު ދެފަހަރު ކޯޓުތަކަށް ވަނެއް ކަމަކު ސަރުކާރުގެ އިގްތިސާދީ އެޖެންޑާ އިރާދަ ކުރެއްވިއްޔާ އެދަނީ ކުރިއަށެވެ. ﷲގެ މިންވަރު ފުޅުން ކުރިޔަށްއޮތް އަހަރު ރާއްޖެއަށް އިތުރު ފަހިކަމާއި ފާގަތިކަން ލިބިގެންދާނޭ ކަމުގެ ހެކިތައް މިއަދު މިވަނީ ފެންނާން ފަށާފައެވެ. އެހެންކަމުން ދެހާސް ތޭރަވަނަ އަހަރު މިވެރިކަމުގެ މިދައުރު ނިމުމުގެ ކުރީން މިސަރުކާރުން ވެފައިވާ ފަސްވައުދު ގައިމުވެސް ފުއްދާނެއެވެ.