ފުނަމާ
އައްޑޫ ސިޓީގައި އަޅާ ކޮންވެންޝަން ސެންޓަރު … ފޮޓޯ: އެޑަމް
މިހާރު ރާއްޖޭގައި އެންމެ ބޮޑުވާހަކަ އަކަށް ދެކެވެމުންދާ އެއްވާހަކައަކީ ސާކްސަމިޓްގެ ވާހަކައެވެ. މީގެ ކުރީންވެސް ސާކުގެ ގައުމުތަކުގައި މިސަމިޓަށް ކޮންމެ ގައުމަކުންވެސް ނުހަނުބޮޑަށް ސަމާލުކަން ދީގެން ތައްޔާރީތައް ވަމުން ގެންގޮސްފައި ވެއެވެ. އެހެން ނަމަވެސް މިފަހަރުގެ ސާކުސަމިޓަށް ދިވެހި ރާއްޖެއިން މިވަމުން ގެންދާފަދަ ތައްޔާރީތަކެއް ނުވެއެވެ. މިސަމިޓަށްޓަކައި ރާއްޖޭގައި މުޅީން އަލަށް ސިޓީއެއް ގާއިމުކުރެވި އެސިޓީގައި މިސަމިޓުގެ ތައްޔާރީތައް އެދަނީ ކުރިއަށެވެ. މީގެ ކުރީން ޚިޔާލަށްވެސް ގެނެވިފައި ނުވާފަދަ އެތަކެއް މަސައްކަތްތަކެއް ކުރުމުއްދަތެއްގައި ކުރަމުންދާއިރު ކަމާބެހޭ ފަރާތްތަކުގެ އިތުރުން ދިފާއީ ބާރުގެ ފައުޖީން މިމަސައްކަތުގައި ވެލައްވަމުންދާ ގުރުބާނީއަކީ އެފަރާތަށް ޚާއްސަ ޝުކުރެއް ދަންނަވަން ހައްގު ކަމެކެވެ.
ސަދަން ހެމިސްފެއަރގައި އެންމެ ފުރަތަމަ ބޭއްވޭ ސާކުސަމިޓުގެ މިބައްދަލުވުމާއި ގުޅިގެން މުޅި އައްޑޫއާއި ފުއައްމުލަކަށް ލިބިގެންދާ ކުރިއެރުން ތަކަކީވެސް އިންތިހާއަށް އުފާކުރާންޖެހޭނެ ކަމެކެވެ. ފަހަރެއްގައި ސާކުސަމިޓުގެ ތައްޔާރީތަކާއި ގުޅިގެން މިކުރެވޭ މަސައްކަތް ތަކުގެ ސަބަބުން އައްޑޫސިޓީއާއި ފުއައްމުލަކަށް އެކަނި ކުރިއެރުންތަކެއް ލިބުނު ކަމުގައި ވީނަމަވެސް ރާއްޖޭގެ އެއްވެސް ކަންކޮޅެއްގެ އެއްވެސް ރައްޔިތަކު މިކަމަކާ ދެކޮޅެއް ނަހަދާނެއެވެ. އެހެނީ މިއަދު މިފެންނަމުންދަނީ މީގެކުރީން ހުރިހައި ތަރައްގީއެއް ގުޅަވެފައިވާ މާލޭގެ ސަރަހައްދާއި ދުރަށް އަތޮޅުތަކަށް ރާއްޖޭގެ ތަރައްގީ ފުޅާވަމުން ދާތަން ކަމުގައި ވާތީއެވެ. ކުރިމަގުގައި ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް ސިޓީތައް ތަރައްގީވެ ރައްޔިތުންގެ ދިރިއުޅުން ބާއްޖަވެރިވެގެން ދާނޭކަމުގެ ހެކިތައް މިދަނީ ފެންނަމުންނެވެ. އަދި މިކަމަކީ މިއަދުދެން ނުވާނެ ކަމެއް ކަމުގައި ބުނެވޭނެ ޖާގައެއް އަމުދުން ނެތެވެ.
މިއަދު މީހުންގެ ބަސްމޮށި އުޅުމަށް އައިސްފައިވާ ބަދަލުތަކާއެކު ކޮންމެ ގޮތަކަށް ވާހަކަ ދެކެވުނު ނަމަވެސް މިސަރުކާރުން ކިތަންމެ ގޮންޖެހުން ތަކަކާއެކުގައި ނަމަވެސް ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް މިކުރެވެމުންދާ މަސައްކަތްތަކަކީ ރައްޔިތުންނަށް އޮޅުވާލެވޭނެ ކަންކަމެއް ނޫނެވެ. މިސަރުކާރުގެ މިކުރު މުއްދަތުގައި ރާއްޖެއާއިގެން އެތައް އަހަރެއް ކުރިއަށް ނުކުމެފައިވާކަން އިންސާފުވެރި ވިސްނުމަކުން ވިސްނައިފި ކޮންމެ ބުއްދިއަކަށް ފަހުމްވާނެއެވެ. ވަކިކަމެއް ފަހަތަށް ޖައްސާނުލައި ރަނގަޅު ވަގުތުގައި ރަނގަޅު ފިޔަވަޅު އަޅަމުން މިސަރުކާރުން އެތަކެއް މިންނަތް މަސައްކަތް ކުރަމުންދާއިރު އެކަންކަމާ ގުޅިގެން އިދިކޮޅު ވާހަކަތައްވެސް އިވެމުންދެއެވެ. ވާނީވެސް އެހެންނެވެ. މިހިރަ ފެންނަމުން ދަނީކީ މީގެކުރީން އަޅުގަނޑުމެން ހުވަފެނުންވެސް ދުށް ކަންކަމެއް ނޫނެވެ. މިސްޕީޑުގައި މިކަންކަން މިމުއްދަތުގައި ކުރުމުގެ ގާބިލްކަން ހޯދި ހަމަ އެންމެ ސަރުކާރެއްވެސް ބުނެދީބަލާށެވެ. ތެދެކެވެ. އަދިވެސް ބޭނުންވެ އެންމެ ފުރިހަމަޔަށް ހާސިލްނުވާ ކަންކަން އެބަހުއްޓެވެ. ނަމަވެސް އުންމީދުވަނީ އިތުރުވެފައެވެ. ސަރުކާރާ ރައްޔިތުން މިއަދު އަތިރިމަތީގައިވެސް ކަންކަމާ ބަހުސްކޮށް ފުރުސަތުތައް ހޯދަމުން ގެންދާކަމީ އެނގޭންއޮތް ހަގީގަތެކެވެ. ރައްޔިތުންގެ ހިތުގައި އުފެދޭ އުދާސްތައް ހުސްކޮށްލައި ރައްޔިތުމީހާ އާއި ވެރިމީހާ އެކަކު އަނެކަކަށް ޒުވާބުދީ ބަހުސްކޮށްލުމުގެ ފުރުސަތުވެސް މިއަދު އެބައޮތެވެ. ވަކި ފެންވަރެއްނެތި ގައުމުގެ ކަންކަމުގައި ޚިޔާލުދީ ފިކުރު ކުރުމުގެ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް މިއަދު މިވަނީ ލިބިދީފައެވެ. ގޮނޑުދޮށުން ރަށަށް އަރާ މީހަކާ ސަލާމް ކޮށްލެވޭ ގޮތަކުން ޖަލުގޭގައި އިންނާކަށް މިއަދަކު ނުޖެހެއެވެ. ރައްޔިތުންނަށް ރައްޔިތުންގެ ހައްގާއި ވެރީންނަށް ވެރީންގެ ވާޖިބު މިއަދު އެނގެއެވެ.
ފެށުނު ގޮތަކުން ފާޅުކުރާން އުޅުނު ޚިޔާލާ ތަންކޮޅެއްނޫން، މާދުރަށްވެސް ދެވިއްޖެއެވެ. އެކަމަކު އަޅުގަނޑު މިފާޅުކުރާން އުޅޭ ޚިޔާލަކީ ފަހަރެއްގައި ވަރަށްގިނަ ބޭފުޅުން އަޅުގަނޑާމެދު ކުށްހީއެއް ކުރަށްވަފާނެ ޚިޔާލެކެވެ. ނަމަވެސް މިހެން ހިތުގެ ތެރޭގައި އޮވެގެން އުނދަގޫ ވާތީވެ ހަމަ ފާޅުކޮށްލާނަމޭ ހިތައްއެރީއެވެ. ހެޔޮހިތުން ނޫންނަމަވެސް މާފުކުރަށްވާނެ ކަމުގައި އުންމީދު ކުރަމެވެ.
ސާކު އުފެދިގެން އައިއިރު އިސްދައުރެއް އަދާކުރެއްވި އެއްފަރާތެއްގެ ގޮތުގައި ހުންނެވި ބޭފުޅަކު މިއަދު މިގައުމުގައި އެބަހުންނެވިއެވެ. އެފަރާތަކީ ވޭތުވެދިޔަ ތިރީސްއަހަރު މިގައުމުގައިވެސް ވެރިކަން ކުރެއްވި ފަރާތެވެ. މައުމޫނު އަބްދުލް ގައްޔޫމެވެ. ސިޔާސީ ވެލައްވައިގެން އުޅުއްވާވަރުން އަޅުގަނޑުމެންގެ ގިނަބަޔަކަށް ކިތަންމެ އުނދަގޫ ވިއެއްކަމަކު މިސަރުކާރުން އެމަނިކުފާނަށްވެސް ނުހަނު ގަދަރާ އިހުތިރާމު ދެމުން ގެންދަވާކަމީ ހަގީގަތެކެވެ. ރައީސް ނަޝީދުގެ ދުރުވިސްނަވާ ސިޔާސަތުގެ ދަށުން މީގެކުރީން މިރާއްޖޭގައި ވެރިކަންކުރި މީހުންނަށް ޖެހުން ހާލު ޖެހުނަ ނުދެއްވައި މައުމޫނު އެހެރީ ސައްހަ ސަލާމަތުން ބަހައްޓަވާފައެވެ. ގާނޫނަކުން ހަމަޖެހިގެން ބޮޑު އިނާޔަތްތަކެއްވެސް އެދަނީ ދެއްވަމުންނެވެ. ޝުކުރުވެރި ވުމަކީ ބައެއްމީހުންގެ ޚަސީލަތެއް ނޫންކަމުގައިވެސް ވެދާނެއެވެ. އެކަމަކާ އަޅުގަނޑުމެން ކުރާނޭކަ މާބޮޑުކަމެއްވެސް ނޯންނާނެތާއެވެ. ދެން މިހިސާބަށް ދިއުމުން އެއްބަހުން ކުރުކޮށް ލާނަމެވެ. މިސަމިޓުގެ ތެރެއިން އިއްޒަތްތެރި ކަމާއި އެކު މައުމޫނަށްވެސް އިށީނދެ ވަޑައިގަންނަވާނެ ގޮނޑިއެއް މިސަރުކާރުން ބަހައްޓަވާ ދެއްވާނެނަމަ މަންޒަރު ހާދަރީތި ވާނެހެން އަޅުގަނޑަށް ހީވެއެވެ. މިހެންވާނެނަމަ ހާދަހާވާ ރަނގަޅޭ ހިތަށް އަރައެވެ. އެކަމަކު ދެންހަމަ އިތުރަށް އެންމެ އަކުރެއްވެސް ލިޔާކަށް ނުކެރޭނެއެވެ