ރައްޔިތުން ވޯޓުދިނީ ޓެކްސް ނިޒާމް ހިމެނޭ މެނިފެސްޓޯއަކަށް – އަލްއުސްތާޒް ހަސަންލަތީފް

ފަހަލަސަޢީދު

މިރާއްޖޭގެ ރައްޔިތުން ވޯޓުދިނީ ޓެކްސްގެ ނިޒާމު ހިމެނޭ މެނިފެސްޓޯއަކަށް ކަމުގާ އަލްއުސްތާޛު ޙަސަންލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ އެމްޑީޕީގެ ހަރުގޭގައި ރޭއޮތް އެޕާޓީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ހަސަންލަތީފް ވިދާޅުވީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތައް ކުރިއަރާފައިވަނީ ޓެކްސްނިޒާމުގެތެރެއިން ކަމާ މެދު ވިސްނޭ އެއްވެސް ރައްޔިތަކު ދެބަހެއް ނުވާނޭކަމުގައެވެ. އެމްޑީޕީއަށް ރައްޔިތުން ވޯޓުދިން މެނިފެސްޓޯގައި ޓެކްސްގެ ނިޒާމު ހިމަނާފައިވަނީ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދެވޭ ސަރުކާރެއް ގާއިމް ކުރުމަށް ކަމަށާ ޓެކްސް އަކީ ރައްޔިތުންގެ ޖީބުން ރައްޔިތުންގެ ގައުމު ތަރައްގީކުރުމަށް ދޭއެއްޗެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އިދިކޮޅުފަރާތްތަކަށް އިޝާރާކުރައްވަމުން ހަސަންލަތީފް ވިދާޅުވީ އިދިކޮޅުފަރާތްތަކާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރަނީ ސަރުކާރަށް އާމްދަނީލިބޭމަގުތައް ބަންދުކޮފައި ބޮޑުބަޖެޓެއް ފާސްކުރަންކަމަށާ ބަޖެޓް ފާސްކުރާއިރު އެބަޖެޓްގައި ހިމެނޭ ފައިސާ ސަރުކަށް ހޯދުނަސް ނުހޯދުނަސް ބަލާނުލާ ކަމަށް ހަސަންލަތީފް ވިދާޅުވިއެވެ. އެހެންކަމާއެކު ސަރުކާރު ފުދުންތެރިވެ ރައްޔިތުންގެ ބޭނުންތަކާ ފުދުންތެރިކަން އިތުރުވެދާނޭފަދަ އެއްވެސް ނިޒާމަކަށް މިރާއްޖޭގެ އިދިކޮޅުފަރާތްތަކުން މަރުޙަބާ ނުކިޔާނޭކަން އަޅުގަނޑުމެންނަށް އެގޭކަމަށާ ރައްޔިތުން ވެރިކަން ބަދަލު ކުރަނީ ރައްޔިތުންގެ މިނިވަންކަމާ ފުދުންތެރިކަން ގެއްލި އަނިޔާވެރިކަން ޢާންމުވުމުން ކަމަށް ވާއިރު މިސަރުކާރުގެ ވަޢުދު ތައް އަމާޒަށް ވާޞިލް ވެވިއްޖެނަމަ ވެރިކަން ބަދަލުކުރަން ރައްޔިތުން ބޭނުންނުވާނެތީ އިދިކޮޅުފަރާތް ތަކުގެ އަމާޒަކަށް ވާނީ މިސަރުކާރުގެ ޕްލޭން ފޭލްކޮށްލުންކަމުގާވެސް ޔޫތުމިނިސްޓަރ އަލްއުސްތާޒް ޙަސަންލަތީފް ވިދާޅުވިއެވެ