މެންބަރުންގެ ޚިޔާލު: ގޮތްދޫކުރާނީ ކިހާހިސާބަކުން ކޮންކަމެއް ހާސިލްވީމަބާ؟

ފުނަމާ

ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ގައިމުވެސް އިދިކޮޅަށް އެއްޗެއް ބުނަން އަޅުގަނޑަށް އެންމެ އުނދަގޫ ސިޔާސީ ޕާޓީއަކީ އަދާލަތު ޕާޓީއެވެ. އެހެނީ އަދާލަތު ޕާޓީއަކީ އަޅުގަނޑުވެސް އެދީނެއްގައި ގާއިމުވެ ހުރުމުގެ ފުރިހަމަ ނަސީބު މިހާތަނަށް ލިބިފައިވާ އިސްލާމްދީނުގެ ގިނަ އިލްމުވެރީންތަކެއް ހިމެނިވަޑައިގަންނަވާ ޕާޓީއެކެވެ. އަޅުގަނޑު ނޫނަސް ކޮންމެ ދިވެހި ރައްޔިތަކުވެސް މުސްލިމުންނަށް ވީތީވެ ދީނީ އިލްމުވެރީންނަށް އިހުތިރާމާއި ގަދަރު ކުރާނެއެވެ. ލޯބިވާނެއެވެ. ނަމަވެސް މަދުން ނަމަވެސް ސިޔާސީގޮތުން އަދާލަތު ޕާޓީއާއި ނިސްބަތްކޮށް އެއްޗެއް ދަންނަވަން ޖެހުމަކީ ހިތާމަކުރާ ކަމެއްވެސް މެއެވެ. ފަހަރެއްގައިވެސް އަދާލަތުގައި ތިއްބެވި ދީނަށް ލޯބިކުރައްވާ މެދުމިނުގެ ސިޔާސަތައް ލޯބިކުރައްވާ، ސުލްހަވެރިކަމާއި މަސްލަހަތަށް ލޯބިކުރައްވާ ގަދަރުވެރި އުސްތާޒުންނަކަށް އަޅުގަނޑު ކުޑައިމިސް ބަހެއް ދަންނަވާކަށް ނެތީމެވެ. އެހެން ނަމަވެސް މިއަދު އަދާލަތުގެ ލީޑަރޝިޕުގައި ވަކިހިއްޕައިގެން އެތިބަ ޚުދުމުޚުތާރު ، ހައްދު ފަހަނަ އަޅާފައިވާ ސިފަތައް އަމަލާ ބަހުން އެދައްކާ ފަރާތްތަކުގެ ސަބަބުން އަދާލަތުގެ މުޅި މަގުސަދު ގެއްލި އެޕާޓީގެ ތެރެއިންވެސް ” ޕީޕީ” ލައްވާއަޑު އިވެން ފެށުމުން ވަރަށް ބޮޑަށް ހިތައް އަސަރު ކުރެއެވެ.
ދިވެހި ރާއްޖޭގައި ތިއްބެވި ދީނަށް ލޯބިކުރައްވާ އެތަކެއް ދީންވެރި ޢިލްމުވެރީންގެ ބުރަމަސައްކަތާއި އެކު އެހާމެ ހިތްދަތި އަނިޔާތައްވެސް ތަހަންމަލު ކުރައްވައިގެން ލިބުނު ފުރުސަތެއްގައި އެކުލަވާ ލެއްވި އަދާލަތު ޕާޓީއަކީ އެޕާޓީގެ އިސްފަރާތްތަކުން މީގެކުރީން ވިދާޅުވަމުން ގެންދެވި ގޮތުގައި ސިޔާސީ ޕާޓީއަކަށްވުރެ ދިވެހި ރާއްޖޭގައި އިސްލާމީ ވަޙުދަތު ކުރިއެރުވުމަށް ދީނީ ޢިލްމުވެރީން ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމުގައި ދެމިތިއްބެވުމުގެ މަގުސަދުގައި އުފެއްދެވި ޕާޓީއެކެވެ.
ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމުގައި ވުމާއެކު އިސްލާމް ދީނާ ވެރިކަން ވަކިކުރެވޭނެ ގޮތެއް ހަމަ ނޯންނާނެ ކަމުގައި އެންމެންވެސް ގަބޫލުކުރާނެއެވެ. ނަމަވެސް ދީނީ އިލްމުވެރީން އަޅުގަނޑުމެން މިއުޅޭހެން މަގުމައްޗަށް ނުކުމެ ކޮރުޖައްސައި ، ޒުވާބުކޮށް އުޅުމަކީ އަޅުގަނޑުމެންގެ މިގައުމުގެ ހަމައެކަކުވެސް ދެކެން ބޭނުންވާނެ މަންޒަރެއް ނޫނެވެ. މަސްމާރުކޭޓުގެ ކައިރީ ފަންއަޅައިގެން ޢިލްމުވެރީން އެކަކު އަނެކަކާއި ޒުވާބުކުރާ ހިސާބަށް ރާއްޖޭގެ ދީނީ ޢިލްމުވެރީންގެ ސުލޫކީ މިންގަޑު ދިއުމަކީ މިގައުމުގައި ހަމައެކަކުވެސް އެދޭނެ ކަމެއް ނޫނެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ އެންމެންވެސް އެޕާޓީއަކަށް ނުހަނު އިޙުތިރާމްކުރަމުން ގެންދިޔަ އަދާލަތު ޕާޓީގެ ބައެއް ފަރާތްތަކުން މިހާލަތަށް އަދާލަތު ޕާޓީ ވައްޓާލުމުން އެފަދަ ފަރާތްތަކާއި މެދު މީސްތަކުންގެ ހިތުގައި ނަފުރަތުނޫން އެއްޗެއް ގައިމުވެސް ނުއުފެދޭނެތާއެވެ. ޢިލްމުވެރީންގެ ފުށުން މިފެންނަ ދަށުދަރަޖައިގެ އަމަލުތަކުގެ ސަބަބުން ބައެއްގެ ހިތުގައި ދީނާމެދު އޮންނަ އިޙްތިރާމާއި ގަދަރު ގެއްލިގެން ދިއުމަކީ ބިރުވެރި ކަމެކެވެ. ނަމަވެސް މިކަން މިގޮތަށް ވުމަށް ބޭނުންވެގެން އިލްމުވެރީންގެ ނަމުގައި މިއަދު ބަޔަކު މަސައްކަތް ކުރަމުން އެބަގެންދެއެވެ.
މިއަދު ދިވެހި ރާއްޖޭގައި އިސްލާމްދީނުގެ ނަން ބޭނުން ކޮށްގެން އެހެންނަމަވެސް ދުނިޔޭގެ ބިރުވެރި އެހާމެ ނުރައްކާތެރި ޓެރެރިސްޓު ޖަމާއަތްތަކާއި ގުޅިގެން އުޅޭ ބަޔަކު އެބައުޅޭ ކަމުގައާއި އަދި އެފަދަ ވިންގަކުން މިއަދު އަދާލަތުގެ ތެރޭގައި ފައިވިއްދާ ގަދަކޮށް އަދާލަތު ޕާޓީގައި ތިއްބެވި ދީނަށް ލޯބިކުރައްވާ ،ހަރުކަށި ކަމަށް ނަފުރަތު ކުރައްވާ ފަރާތްތައް އެޕާޓީގެ އިސްސަފުން ބޭރުކޮށް ހެދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމުގައި ގިނަބަޔަކު ޝައްކު ކުރެއެވެ. އަދި މިފަހަކަށް އައިސް އަދާލަތުގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ ލީޑަރޝިޕަށް ގެނެވުނު ބަދަލު ތަކާއި އެކުއެކުހެން އެޕާޓީތެރޭގައި މުޅީން އެހެން ރޫހެއް އުފެދި ގަޑުބަޑުވަމުން ދަނީ މިސަބަބާއި ހުރެ ކަމުގައިވެސް ބަޔަކު ގަބޫލު ކުރެއެވެ. ސަރުކާރުގެ ތެރޭގައި އޮވެގެން އިސްލާމްދީނުގެ ކަންކަން އެންމެ ފުރިހަމަގޮތުގައި ކުރިއަށް ގެންދިއުމުގެ ރަނުގެ ފުރުސަތު އެޕާޓީއަށް ލިބިފައި އޮއްވައި ވެފައިވާ މުއާހަދާއަށް ހުރުމަތްތެރިވުމުން އެއްކިބާވެ އެޕާޓީގެ މަދުބައެއްގެ ނުފޫޒުގައި އަދާލަތު އެވަނީ ސަރުކާރުން ވަކިވެފައެވެ. އަދި ސަރުކާރުގައި ތިއްބެވި އަދާލަތުގެ އިސްވެރީން އެމަގާމުތަކުން ވަކިކުރުމަށް މަޖުބޫރުކޮށް އެކަންވެސް އެވަނީ ކޮށްފައެވެ.

ނަމަވެސް މިނޭއްގާނީ ކަމުގައި އަދާލަތަށްވެސް ތަޖުރިބާ ކުރެވުނީ ސަރުކާރާ އެކުގައި ކޯލިޝަން ހަދައިގެން އުޅުނު ޖުމްހޫރީ ޕާޓީއާއި ގައުމީ ޕާޓީއަށްވެސް ކުރެވުނު ތަޖުރިބާއެވެ. އެޕާޓީތަކުގެ ނަމުގައި ތިއްބެވި މުހިންމު ޝަޚްސިއްޔަތުތައްވެސް އާޚިރުގައި އެމްޑީޕީގެ ހެޔޮވެރިކަމުގެ ވަށްޓަފާޅި ގަބޫލުކޮށް އެމްޑީޕީއާއި އެކުގައި ކުރިއަށް ދިޔަފަދައިން އަދާލަތުގެ މުހިންމު ޝަޚުސިއްޔަތު ތައްވެސް އެމްޑީޕީގެ ސަރުކާރާއި ދުރަށް ދިއުމަކަށް ބޭނުމެއް ނުވިއެވެ. މިކަމުގެ ސަބަބުން އަދާލަތުގެ ތެރޭގައި މީހުން އެކިޔާކަހަލަ ހައްދުފަހަނަ އަޅާފައިވާ ޓެރެރިސްޓު ވިންގެއް އުފެއްދުމަށް ބޭނުންވާ ބަޔަކު އެބަތިބި ކަމުގައި ޝައްކުކުރުމުގެ ޖާގަ އިތުރުވެގެން އެބަދެއެވެ. މުސްލިމުންގެ ނަމުގައި ބަޔަކު މުޅިދުނިޔޭގެ އެކިކަންކޮޅު ތަކުގައި ތަންތަން ގޮއްވައި ކުށެއްނެތް އެތައް ބަޔަކު މަރަމުން ރެޔާދުވާލު ގެންދިއުމުގެ ސަބަބުން ޣައިރު މުސްލިމުންނަށް މުސްލިމުންގެ ނަން ޚަރާބުކޮށް ހެދުމުގެ ފުރުސަތު އިތުރު ކޮށްދެމުން ގެންދާއިރު ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ތެރޭގައި އެފަދަ ބަޔަކު ފޮރުވިގެން ނޫޅޭނެ ކަމުގައި ބުނެވޭކަށް ނެތެވެ.

އެހެން ކަމުން އަދާލަތު ޕާޓީގެ އެންމެހައި ލޮބުވެތި މެންބަރުންނާއި ދީނަށް ލޯބިކުރައްވާ ޢިލްމުވެރީން މިކަމާމެދު މިހާރަށްވުރެ ބޮޑަށް ސަމާލުވެ ވަޑައިގެން އަދާލަތުޕާޓީ އެފަދަ ބައެއްގެ އަތްމަށްޗަށް ދިޔަނުދީ ސަލާމަތް ކުރާން އިސްކަން ދެއްވާން އެބަޖެހި ވަޑައި ގަންނަވައެވެ. މިގައުމުގައި ދެނެއް ދީނީ އިލްމުވެރީންގެ ގަދަރާއި އިޙުތިރާމު ކުޑަކޮށް ޗިލީސޯސް ޖަހައިގެން ތުބުޅިބާލާ ސަރުކާރެއް ގާއިމުކުރާކަށް އެއްވެސް ބަޔަކު ބޭނުމެއް ނުވާނެއެވެ. ގައިމުވެސް މިހާރުގެ ސަރުކާރުން ދީނީ އިލްމު ވެރީންނާއި ގުޅިގެން މެނުވީ ދީނީ ކަންކަމަކަށް ބަހެއް ނުކިޔައެވެ. އެހެން ނަމަވެސް އަދާލަތުގައި މިއަދު އިސްވެ އެތިބަ މަދުބަޔަކު އެމީހުންގެ އަމިއްލަ އެޖެންޑާއެއްގެ ދަށުން ހާސިލްކުރާން އެއުޅޭ ” ގޮތްނޭނގޭ ” ކަންތައްތަކެއް ހާސިލްކުރުމުގެ ބޭނުމުގައި އެގެންދަނީ ގޮތްދޫނުކޮށް މަސައްކަތް ކުރަމުންނެވެ. މިއަދު އަނެއްކާ އިސްލާމިކް މިނިސްޓްރީގެ ވަޒީރުކަން އެޕާޓީގެ އިސްފަރާތަކާ މިސަރުކާރުން ހަވާލުކުރުމުން އަނެއްކާވެސް ” ގެރިޒުވާބު ” ފަށައިގެންފިއެވެ. މިމީހުންގެ ގޮތްދޫކުރާނީ ކިހާހިސާބަކުން ކޮންކަމެއް ހާސިލުވީމަ ބާވައޭ؟ މިއަދު ސުވާލު ކޮއްލަން އެބަޖެހެއެވެ